ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ހދ. ކޭލަކުނުގައި ރިސޯޓް ހަދަން ހުޅުވާލުމުން، ތިމާވެށީގެ ޖަމިއްޔާ އިކޯ ކެއާއިން ކަންބޮޑުވުން މިއަދު ފާޅުކޮށްފި އެވެ.
ފަތުރުވެރިކަމުގެ މަސައްކަތަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިއްޔެ އިތުރުކުރި ހަތަރު ރަށުގެ ތެރޭގައި ކަނޑޫފާ ބޮޑު ކޭލަކުނު ހިމެނެ އެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އެހެން ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް މޯލްޑިވްސްއިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ. ހަމައެއާ އެކު 80.23 ހެކްޓަރު ބޮޑު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ.
އިކޯ ކެއާ ޑިރެކްޓަރު އެޑުވަކަސީ މައީދު މުހައްމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ ގުދުރަތީ އެފަދަ ހާއްސަކަމެއް ލިބިފައިވާ މަދު ރަށްތަކެއް ރާއްޖޭގައި އޮތް އިރު އެ ރަށްރަށް ހިމާޔަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ތިމާވެށީގެ ތަފާތު ދިރާސާތައް ކުރުމަށް އެފަދަ ރަށްރަށް ބާއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމަށް ހަދާއިރު ގެނެވޭ ބަދަލުން ގުދުރަތީ ނިޒާމަށް ބަދަލުތައް އަންނާނެ. މިކަހަލަ ކަންކަން މިކުރަނީ ދުރު ވިސްނުމުގެ ދެމެހެއްޓެނިވި ވިސްނުމެއް ނެތި. އަޅުގަނޑުމެންގެ އެދުމަކީ ފާހަގަކުރެވޭ ބައެއް މުހިންމު ގުދުރަތީ ނިޒާމްތައް ހުރި ރަށްތައް ނުހެދުން،" މައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ރަށްރަށް ތަރައްގީ ކުރުމަށް ހުޅުވާލާއިރު ތިމާވެއްޓާ ބެހޭ ފަރާތްތަކާ މަޝްވަރާނުކުރާތީ ކަންބޮޑުވާ ކަމަށެވެ.
ތިމާވެއްޓާ ރަހުމަތްތެރި ގޮތެއް ކަމަށް ބުނެ ރަށްރަށް ތަރައްގީ ކުރާއިރު ވެސް ތިމާވެއްޓަށް ގެއްލުންތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެށީގެ ހިމާޔަތުގައި އުޅޭ ފަރާތްތަކުގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ޓޫރިޒަމްގެ ބަހެއް ހޯދަން ކުރި މަސައްކަތް މިއަދު ކާމިޔާބެއް ނުވި އެވެ. އެހެންކަމުން ކޭލަކުނު ތަރައްގީކުރާ އިރު ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރަން ހާއްސަ ޕްލޭނެއް އޮތްކަން ނުވަތަ ނެތްކަން ވެސް ސާފުވާ ގޮތެއް ނުވި އެވެ.
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން އެރަށް ހިއްކުމުގެ ރަސްމިއްޔާތަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ހދ. އަތޮޅުގައި ބޮޑެތި ފަޅުރަށްތަކާއި ފަޅުތައް އެބަހުރި ކަމަށާއި އެތަންތަން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ހުޅުވާލާނެ ކަމަށެވެ.
ހދ. އަތޮޅުގައި މިހާތަނަށް އެއްވެސް ރިސޯޓެއް ތަރައްގީކޮށް، ހުޅުވާފައެއް ނުވެ އެވެ. އެހެންކަމުން އެ އަތޮޅުގެ ރައްޔިތުން އޭގެ ޝަކުވާ ސަރުކާރަށް އުފުލަ އެވެ.