ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ފަސް ޕަސެންޓް ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ހިސަބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދަށްވިއިރު، އިމްޕޯޓު ވެސް ވަނީ 0.4 ޕަސެންޓަށް ދަށްވެފަ އެވެ.

ރާއްޖެ އަށް މިދިޔަ އަހަރު 3.6 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. އެ އަހަރު އެންމެ މަދުން މުދާ އެތެރެކޮށްފައިވަނީ ޖޫން މަހު އެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާ މިދިޔަ އަހަރު ދަށްވި ނަމަވެސް އޭގެ ކުރީ އަހަރު އެ ދާއިރާ އަށް 4.2 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ.

މިދިޔަ އަހަރު ކޮމާޝަލް ބޭންކުތަކުގެ ކްރެޑިޓް ނުވަތަ ވިޔަފާރިތަކުން ނެގި ލޯނުގެ އަދަދު ވަނީ 10 ޕަސެންޓަށް އިތުރުވެފަ އެވެ.

ޓްރޭޑް ދާއިރާ ދަށްވި ނަމަވެސް، މިދިޔަ އަހަރު ވެސް ރާއްޖޭގެ މުޅި އިގްތިސާދު ވަނީ 6.3 ޕަސެންޓުގައި ކުރިއަރައިފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ޓޫރިޒަމް ދާއިރާއަށް ކުރިއެރުން ލިބުމެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 3.9 ޕަސެންޓް، 0.7 ޕަސެންޓަށް ވޯލްޑް ބޭންކުން ވެސް ވަނީ ދަށްކޮށްފަ އެވެ. ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން އައުން މަދުވެ، މިދިޔަ ދެ މަހު އެ ދާއިރާގެ އާމްދަނީ ވަނީ ދަށްވެފަ އެވެ.