ފަލާހް ޕްރީ ސްކޫލަށް 50 އަހަރުވީ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ރާއްޖޭގައި ފަށާ ތައުލީމު ފޯރުކޮށްދޭ ފަލާހް ޕްރީސްކޫލުން ކިޔަވައިދޭން ފެށީ މީގެ ބައިގަރުނު ކުރިން، 20 ޖަނަވަރީ 1976 ގަ އެވެ.

ފަލާހް ޕްރީ ސްކޫލަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޖަމިއްޔަތުލް ފަލާހް"ގެ ބެލުމުގެ ދަށުން ހިންގަމުންދާ ސްކޫލެކެވެ. އަދި އަލްމަރުހޫމް އަބޫބަކުރު އިބްރާހީމް ފެއްޓެވި އެ މަސައްކަތްޕުޅުގެ ދަށުން ފަލާހަކީ 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީކުރި ޖަމިއްޔާއެކެވެ.

މަދުރަސަތުލް ފަލާހުގެ ނަން ފަލާހް ޕްރީ ސްކޫލްގެ ނަމަށް ބަދަލުކުރީ ޑިސެމްބަރު 25، 2001 ގަ އެވެ.

އެ ސްކޫލަށް 50 އަހަރު ފުރުމުން އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ޖަލްސާގައި ރައީސް ވަނީ އެ ސްކޫލުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައި، އެ ސްކޫލަށް 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މީހުންނަށް އެ ސްކޫލުގެ ފަރާތުން ހަނދާނީ ފިލާ ދެއްވައިފަ އެވެ.

ފަލާހް ޕްރީ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް އެ ސްކޫލްގެ ޗީފް އެގްޒެކެޓިވް އަބްދުއްސައްތާރު އަބޫބަކުރު، ރައީސް މުއިއްޒަށް މިއަދު އަރުވަނީ.
ފަލާހް ޕްރީ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް އެ ސްކޫލްގެ ޗީފް އެގްޒެކެޓިވް އަބްދުއްސައްތާރު އަބޫބަކުރު، ރައީސް މުއިއްޒަށް މިއަދު އަރުވަނީ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކޫލުގެ ޗީފް އެގްޒެކްޓިވް އަލް ހާފިޒް އަބްދުއްސައްތާރު އަބޫބަކުރު ވިދާޅުވީ އެންމެ ފުރަތަމަ ފަލާހު ޖަމިއްޔާއިން ގައުމަށް ހިދުމަތް ކުރަމުން އައީ ހިލޭ ސާބަހަށް ކަމަށެވެ.

ނަމަވެސް ފަހުން ފީއެއް ނަގަން ފެށި ކަމަށާއި އަދި ކުދިންގެ އަތުން ނަގަމުން އަންނަ ފީއަކީ އެތަން ހިންގުމަށް އެކަށީގެންވާ ފީއަކަށް ނުވާތީ އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންނާއި އިދާރީ މުވައްޒަފުން ކުރާ މަސައްކަތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ފަލާހް ޕްރީ ސްކޫލަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރި މުވައްޒަފަކާ ރައީސް މުއިއްޒު މިއަދު ހަނދާނީ ފިލާ ހަވާލު ކޮށްދެއްވަނީ.
ފަލާހް ޕްރީ ސްކޫލަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރި މުވައްޒަފަކާ ރައީސް މުއިއްޒު މިއަދު ހަނދާނީ ފިލާ ހަވާލު ކޮށްދެއްވަނީ.

ވަރަށް މަދު އަދަދެއްގެ ދަރިވަރުން ކޮޅަކާއެކު ފެށި އެ ސްކޫލުގައި މިހާރު ޕްރީސްކޫލާއި ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތައް ހިންގަމުންދެ އެވެ.

މިހާރު ފަލާހް ޕްރީސްކޫލްގައި ކިޔަވައިދެމުންދަނީ ދެ ދަންފަޅިއަށެވެ. އެގޮތުން ފުރަތަމަ ދަންފަޅީގައި ކިޔަވަމުން ދަނީ ޔޫކޭޖީ އާއި އެލްކޭޖީގެ ކްލާސްތަކެވެ. އަދި ދެވަނަ ދަންފަޅީގައި ކިޔަވަމުން ދަނީ ބޭބީ ނާސަރީ އަދި ނާސަރީ ކްލާސްތަކެވެ.