މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ ރަށްރަށުގައި ހިންގާ ސަގާފީ ހަރަކާތްތައް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޕްރޮމޯޓުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް ރަށްރަށުގައި ކުރިއަށްދާ އީދު ކުޅިވަރުތައް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ފްލެޓް ފޯމުތައް މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.
އެކަމަށް ހާއްސަކޮށް ވިޒިޓް މޯލްޑިވްސްގެ ހާއްސަ ޓީމެއް ރ.މީދޫގައި ހަރަކާތްތެރިވާނެ އެވެ. އެ ކެމްޕެއިންގެ ބޭނުމަކީ ރާއްޖެއަކީ މުއްސަނދި ސަގާފަތެއް އޮތް ގައުމެއްކަން ބޭރުގެ ފަރާތްތަކަށް ދައްކައި އެކަން ޕްރޮމޯޓް ކުރުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
އީދާ ގުޅޭ މުހިއްމު ވާހަކަތަކާއި ހާއްސަ ކުޅިވަރުތަކާ ގުޅޭ މައުލޫމާތުތައް ވިޒިޓް މޯލްޑިވްސް އިން އާންމު ކުރާ އިރު އީދުގެ އެންމެ ހާއްސަ ކުޅިވަރުތައް ކަމަށްވާ، ބޮޑުމަސް ނެރުމާއި މާލި ނެރުމާއި ކޯޑި ކެނޑުން ފަދަ ކުޅިވަރުތައް ބޭރު މީހުންނަށް ތައާރަފްކޮށްދޭނެ އެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ އާދަކާދަތައް ދެއްކުން ރާއްޖެ އިޝްތިހާރު ކުރުމަށް މުހިއްމު ކަމަށެވެ.
"މި ކެމްޕޭނުގެ ސަބަބުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މީހުންނަށް ދިވެހި އީދުގެ ހަގީގީ އުފަލާއި ފަންނުވެރިކަމާއި މެހެމާންދާރީ އިހުސާސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އީދާ ގުޅޭ ހާއްސަ ކެމްޕެއިންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް އީދާ ގުޅޭ ވީޑިއޯ އާއި ފޮޓީ ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ އިތުރުން ހާއްސަ ޑޮމިއުމެންޓްރީއެއް ވެސް ތައްޔާރުކުރުމަށް ރާވާފައިވެ އެވެ. އެ ޑޮކިއުމެންޓްރީ ޖޫން މަހު ވިޒިޓް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލުން ދައްކާނެ އެވެ.