ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވުމުން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހު 12 ވަނަ ދުވަހު ހުކުމް ކުރުމުންނެވެ.

އެހެންވެ، އެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ދިނީ އަންނަ ބުދަ ދުވަހާ ހަމައަށެވެ. 

އީސީން މިއަދު ބުނީ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ. 

ފޯމު ބަލައިގަންނާނީ [email protected] އީ-މެއިލް މެދުވެރިކޮށް ނުވަތަ އީސީއަށް ގޮސް ހުށަހެޅުމުންނެވެ.

ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް މިހާތަނަށް ތިން ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.

އެއީ އައްޑޫގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު ސިނާން އެވެ.