ހުސްވެފައިވާ ކައުންސިލް މަގާމަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ތިން މަގާމަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ބަންދުކުރާނީ މިއަދު ހަވީރު 4:00 ގަ އެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ އިންތިހާބުތަކާއި ވާދަކުރާ ކެންޑިޑޭޓުން:

  • ވ. ތިނަދޫ ކައުންސިލްގެ ރައީސް: ޕީއެންސީ އާއި އެމްޑީޕީން ވާދަކުރާ ދެ ކެންޑިޑޭޓުން.
  • ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް: ޕީއެންސީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއް.
  • އައްޑޫ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރު: ޕީއެންސީ އާއި އެމްޑީޕީން ވާދަކުރާ ދެ ކެންޑިޑޭޓުން.
  • ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރު: އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއް.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށްޓަކައި މާލެ ސަރަހައްދުގައި ފަސް ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި ފަސް ވޯޓު ފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 3،776 މީހުންނަށެވެ. އެއީ 1،967 ފިރިހެނުންނާއި 1،809 އަންހެނުންނެވެ.