ބުދަ ދުވަހާ ގުޅޭ
"އެ ގަޑީގަ ކީއްކުރަންވީ؟" އަހަންނަށް ލިޔެވުނީ އެހެންނެވެ.
އަޒްލިފާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުއްޓައި ފެނުނީ އަޒްލިފާ މެސެޖު ފުހެލި ތަނެވެ. ފުހެނުލައި ކޮންމެވެސް މޮޅު ވާހަކައެއް ދެއްކި ނަމަ އަހަންނަށް ނުވެސް އެނގުނީހެވެ. ހުރިހައި ވެސް މައްސަލައަކަށްވީ، ފުހެލި ސަބަބު އަޒްލިފާއަށް ބުނެނުދެވުމެވެ. އެއް ދޮގު ފޮރުވަން ހަތް ދޮގުހަދަން ޖެހުމެވެ.
"ނޫނޭ އަޒްލިފާ ކުޅަދާނަ!" އަހަރެން ބުނީމެވެ. "އެއް ކަމެއް ނުނިމިގެން އުޅެނިކޮށް އަނެއް ކަމެއް. އަހަރެން މިހާރު ހިތަށްއަރާ އަޒްލިފާގެ ފުރަތަމަ ކައިވެނި ރޫޅުނީ ކީއްވެގެންބާއޭ؟ އަޒްލިފާ ވަރިވީބާއޭ؟ ވަރިކުރީބާއޭ؟ ދެން އެ ސުވާލަށް މިހާރު ޖަވާބު ދޭނެކަމެއް ވެސް ނެތް. އަހަންނަކަށް މުހިންމެއް ވެސް ނޫން. އަހަންނަށް މުހިންމީ އަހަރެންގެ އަނބިމީހާ. ތި ވިޔާނުދާ ދިރިއުޅުން ދޫކޮށްލަބަލަ އަޒްލިފާ! ﷲ އަށް ބިރުވެތިވެބަލަ! މީހަކާ އިނދެގެން ހުރެ ހިލޭ ފިރިހެނުން..."
"އެއީ އަހަރެންގެ ފްރެންޑެކޭ!" އަހަރެންގެ ވާހަކަ މެދުކަނޑައިލައިފައި އަޒްލިފާ ބުންޏެވެ. "ނަސީރުގެ އަންހެން ފްރެންޑުންނެއް ނުތިބޭ؟ ތިބޭނެ! ނަސީހަކީ އަހަންނަށް ވުރެ ހަތް އަހަރު ހަގު ކުއްޖެއް! އޮޕަރޭޝަނެއް ކުރަން މިކޮޅަށް އައީ. ބަނޑުގެ ތިން ތަނުން ފަހާފަހުރި ބަލި ކުއްޖެކޭ އެއީ."
އިތުރަށް އަޑުއަހާކަށް އަހަންނަކަށް ނުހުރެވުނެވެ. ހިތުގައި އޮތް ގޮތަށް ބުނަން އަހަރެންގެ ހިތް އަހަންނަށް މަޖުބޫރުކުރިއެވެ.
"ތި ހުރިހާ ކަމެއް ކިހިނެއްހޭ އަޒްލިފާއަށް އެނގެނީ؟" އަހަރެން ބުނީމެވެ. "މީހަކު އަޅެ ހައިރާނެއް ނުވާނެ. އޭނަ ގައިގަ އަޒްލިފާއަށް ނުފެންނަ ލަކުނެއް، ކަޅުތިލައެއް ނެތް. މީ މައްސަލައެއްނު!"
"އަޅެ ނަސީރޫ!" އަޒްލިފާ ތައްޔާރުކޮށްފައިވާ ޖަވާބުތައް އޮއްސައިލިއެވެ. "އޭނަ ބުނީމަ އެނގޭނެއްނު! އަހަރުމެން ޗެޓު އެކަންޏޭ ކުރަނީ. އެއްދުވަހު އޭނައަށް އޮޅިގެން އަހަންނަށް ގުޅުނީ. ދިވެއްސެއްވީމަ ފޯނު ކަނޑާލާކަށް ނުކެރޭނެއްނު! އެހެންވެ އަހަންނަށް ވާހަކަދެއްކުނީ. އޭގެ ފަހުން އޭނަ ގުޅާނެ އެއިޓް ހާއިރު. އެހެންވެ އަހަރެން މެސެޖުކުރީ ނައިންގައޭ ފްރީވާނީ ކިޔާފަ. އެ ވަރު ކުޑަ ކަމެއް ނަސީރު ތި އުޅެނީ ބޮޑު ފަރުބަދައަކަށް ހަދައިގެން."
އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އިތުބާރުގެ ފަށްތައް ބުރިވަމުން ގޮސް އޭރު ދެތިން ފަށަށް ވެއްޖެއެވެ.
"ދެން މެސެޖު ފުހެލިއްޔޯ؟" އަހަރެން ސުވާލުކުރީމެވެ.
"މިހެން ވެގެން ފުހެލީ!" އަޒްލިފާ ބުންޏެވެ. "އަހަންނަށް އެނގޭ ނަސީރަށް ކިރިޔާ ޝައްކެއް ވިޔަސް މިހާ ވަރުއަރުވާލާނެކަން. ދައްތަ ދައްކާ ވާހަކަ ނޫން ވާހަކައެއް ނަސީރު ގަބޫލެއް ނުކުރާނެ. ހީވަނީތަ އަހަންނަށް ސިއްރުން ކަމެއް ނުކުރެވޭނޭ؟"
ރައްޓެހިވެގެން އުޅޭކަމަކަށް އަޒްލިފާ އެއްބަހެއް ނުވިއެވެ. އެކަމަކު ފިރިޔަކަށް ވުރެ ބޮޑަށް އަޒްލިފާއަށް ނަސީހު އެނގެއެވެ.
"އަޒްލިފާއަށް ހީވަނީތަ އަހަންނަށް ސިއްރުން ކަމެއް ނުކުރެވޭނޭ ނޫނީ އަހަރެން މި އުޅެނީ އަންހެނަކު ނުވެގެންނޭ؟" ނުދައްކަން ހުރި ވާހަކަ ވެސް އަހަންނަށް ދެއްކުނެވެ. "ފަހަރެއްގަ ވެސް އެހެނެއް ނޫން. އަހަރެން އަޒްލިފާއާ އިނީ އަޒްލިފާޔާ އަޒްލިފާގެ ކުދިން އުޅޭ ހާލު ފެނިފަ އަހަރެންގެ ހިތުގަ ހަމްދަރުދީ އުފެދިގެން. އެހީވާންވެގެން. އެކަމަކު ވިސްނާލަބަލަ އަޒްލިފާ ކަންތައްކުރާ ގޮތް. ހެޔޮނުވާނެ ތިހެން ހަދަން."
އެ ދުވަސްވަރު ދުނިޔެއަށް ވަރަށް ބޮޑު ބައްޔެއް ކުރިމަތިވެގެން ގައުމުތަކުގެ ދޮރާށިތައް ބަންދުކުރިއެވެ. އެންމެން ކަހަލަ ގޮތަކަށް ހާލުގައި ޖެހުނެވެ. ނަސީބަކުން އަހަރެންގެ ވަޒީފާއެއް ނުގެއްލެއެވެ. މުސާރަ ވެސް ބަރާބަރަށް ލިބުނެވެ. އަހަރެން ހިތަށްއެރިއެވެ. އަޒްލިފާ ރާއްޖެ ގެނެސް، ވަރިކުރެވެންދެން އަހަރެން އެހީވާނަމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، ކިތަންމެ މަލާމާތެއް ކުރިޔަސް އަހަންނަށް ހެވެވެ. އަހަރެންގެ ވެސް ދަރިޔަކު ލަންކާގައި އެބަ ހުއްޓެވެ. އެ މާސޫމު ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. އޭނަ ހާލުގަޖެހުނަކަ ނުދޭނަމެވެ.
އަތުކުރި އޮޅައިލައިފައި ހިތް ބުނި ގޮތް އަހަރެން ހެދީމެވެ. އަހަރެން ލަންކާއަށް ފައިސާ ފޮނުވީމެވެ. ޑޮލަރު ހޯދަން އުނދަގުލެވެ. ލަންކާއަށް ޑޮލަރު ފޮނުވަން އަދި މާ އުނދަގުލެވެ. އޭރު އަހަރެން ކުރިން ނެގި ލޯނު ވެސް ދައްކާ ނުނިމެއެވެ. އަހަރެންގެ ކާޑު އޮންނާނީ އަޒްލިފާ އަތުގައެވެ. އެޔަކު އެންމެ ލާރިއެއް ވެސް ނެތެވެ. އަނެއްކޮޅުން އަހަރެން ވެސް ދުނިޔޭގަ ހުންނަން އެބަ ޖެހެއެވެ. ދުވަހު ހަރަދުތަކެއް ކުރަންޖެހެއެވެ. ބައްޔެއް ނުވާކަން ނަސީބެކެވެ.
ތިން މަސް ދުވަހަށް ފަހު އަޒްލިފާ މާލެއައެވެ. ލަންކާގައި ހުރެވެން ނެތިގެން މާލެއަންނަން އޭނައަށް މަޖުބޫރުވީއެވެ. އޭރު، ދުނިޔެއަށް ފެތުރެމުންދިޔަ ބަލީގެ ނުރައްކާތެރިކަން ބޮޑުވެ، ގައުމުތައް ފުރަބަންދުކުރަން ފަށައިފިއެވެ. އޮފީސްތަކާއި، އިސްކޫލުތައް ބަންދުކޮށް، ފިހާރަތަކުން މުދާ ހުސްވާން ފަށައިފިއެވެ. ދުނިޔެއަށް ބިންދައިލި ބިރުވެރި ރާޅުގެ ހޮޅީގައި އަހަރެން ވެސް ހައްޔަރުވިއެވެ. އަހަރެންގެ ވަަޒީފާ ގެއްލި އަތްމަތި ދަތިވިއެވެ. އަޒްލިފާއަކަށް އެ ކަމެއް ނުވިސްނެއެވެ. ވާނީ ވެސް އެހެންނެވެ. ކޮންމެ ފަހަރަކު ވެސް ލާރިއެއް ނެތޭ ކިޔާފައި، ދަރައި ވިކިގެން ނަމަވެސް އަހަރެން ފައިސާ ހޯދަމެވެ.
"ދެން ކޮން އިރަކުން އަލުން ލަންކާއަށް ދެވޭނީ؟" ރާއްޖެއައިތާ ހަފުތާއެއް ނުވަނީސް ލަންކާއަށް ފުރަން ބޭނުންވެފައިވާ އަޒްލިފާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން މި ކޮޅުގަ ހުންނާކަށް. ވަރަށް ވަރަށް ފޫހި ތަނެއް."
އަހަރެންގެ ދުލުން ބަސް ހުސްވަންދެން އަޒްލިފާއަށް ވިސްނައިދިނީމެވެ. އަޑެއްނޭހިއެވެ. އޭނައަށް ހީވަނީ އަހަރެން ފައިސާތަކެއް ފޮރުވައިގެން ގެންގުޅޭހެންނެވެ. އޭނަގެ ރައްޓެހިން އޭނައަށް ވިސްނައިދެނީ އެހެންނެވެ. އަހަންނަށް އެ ކަން އެނގުނީ އަޒްލިފާގެ ކޮއްކޮއެއްގެ ފަރާތުންނެވެ. އަޒްލިފާ ބުނިކަމަށް ވެއެވެ. ހުއްޓައިނުލައި ކިޔަން ފެށީމައި ފިރިމީހާ ޖެހޭނީ ކޮށްދޭށެވެ. ނުކޮށްދެވޭނޭ ބުނެފައި ވެސް ކޮށްދޭނެއެވެ. ނޫނެކެވެ. އަހަރެންގެ ނުކޮށްދެވޭނެއަކީ ކޮށްދޭނަމޭއެއް ނޫނެވެ. އަހަރެންގެ ހިތް ބުންޏެވެ. އަޒްލިފާޔާ އިނދެގެން ހުރިއްޔާ، ނޭވައެއް ލެވޭ އިރަށް ދަރަންޏަށް ފައިސާނަގައިގެން ވިޔަސް އަޒްލިފާ ލަންކާއަށް ދާނެއެވެ. މަތިން ނުދެވުނިއްޔާ ފަތާފައި ވިޔަސް ދާނެއެވެ. އަހަރެން އޭނަ ދަންނަމެވެ. އަޒްލިފާއަކީ، އިތުރު ދަރަންޏެއް އަހަރެންގެ ބޮލުގައަޅާ ވަރުގެ އަންބެއް ނޫނެވެ.
އަހަރެން ރަށަށް ދިޔައީމެވެ. އަޒްލިފާ ވަރިކުރުމަށް ނިޔަތްގަނެގެންނެވެ. އަޒްލިފާއާއި ކުދިން ފެނިފައި ވަރަށް ގިނަ އެއްޗެހި ހިތަށްއެރިއެވެ. އަޒްލިފާ ކިޔަމަންތެރިވެގެން ހުރި ނަމަ، ކުދިންނާއި އަޒްލިފާގެ މުސްތަގުބަލު ހާދަހާ އުޖާލާވީހެވެ. ރާއްޖޭގައި ތިބެ، ކިޔަވައިގެން، ރަނގަޅު ވަޒީފާތަކަށް ވެސް ކުދިންނަށް ވަދެވުނީހެވެ. ނުވަތަ މަތީ ތައުލީމު ވެސް ކުދިންނަށް ދެވުނީހެވެ. އެހެނަސް، ވިޔާނުދާ މަންމައެއްގެ ދެއުޅިއެއް ނުވާ ދިރިއުޅުމުގެ ހިތި ރަހަ ދެކެން ޖެހުނީ ދަރިންނަށެވެ. މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ އޮންނަ ވާހަކަ އަހަރެން އަޑުއަހަމެވެ. އަޒްލިފާގެ ފައިދަށުލައި ފުނޑާލީ ކުދިންގެ މުސްތަގުބަލެވެ.
"ދެން ކޮން އިރަކުން ލަންކާއަށް ދެވޭނީ؟" އަހަރެން ފެނުމުން، ހާލުއަހުވާލު އެހުމުގެ ބަދަލުގައި އަޒްލިފާ އެހީ އެހެންނެވެ. "ފްރެންޑެއް ބުނި މިހާރު އެކޮޅު އޯކޭއޭ! ޓިކެޓު އޯކޭކުރަންވީނު؟"
ދައްކަން ހުރި ވާހަކަ ގިނަކަމުން އަހަރެންނަކަށް އެއްޗެއް ނުބުނެވުނެވެ. އަޒްލިފާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުދިންނަށް ގެނައި ހަދިޔާ ދިނުމަށް ފަހު ކުދިން ދުރަށް ފޮނުވައިލީމެވެ. ފުރަތަމަ ހިތަށްއެރީ ކޭޝްކާޑު ދޭން ބުނާށެވެ. ދެން ހިތަށްއެރިއެވެ. މުއްދަތު ހަމަވާން ކައިރިވެފައިވާ ކާޑެކެވެ. އަހަރެން އެކައުންޓުގައި ފައިސާ ނުބެހެއްޓީމައި ކާޑުން ކުރެވޭނެ ބޭނުމެއް ނޯންނާނެއެވެ. ކާޑު ދޭން ބުނެފިއްޔާ އެ ވާނީ މައްސަލައަކަށެވެ. އަހަރެން ބޭނުންވީ ސުލުހަވެރި ހައްލެކެވެ.
"ކީއްވެ އެއްޗެއް ނުބުނީ؟" އަޒްލިފާ ސުވާލުކުރިއެވެ.
"އަހަރެން ބުނާ އެއްޗެއް އަޒްލިފާއަށް އަޑުއިވޭތަ؟" އަހަރެން ބުނީމެވެ. "ވިސްނައިދީދީ އަހަރެން މިހާރު މޮޔަވެއްޖެ! ދެން ނެތް ބުނާނެ އެއްޗެއް. ހަމަ އެކަނި ބުނެލަން އޮތީ، ވަރި ފޯމު ލައިފީމޭ!"
އަޒްލިފާ ގަނޑުވި ކަހަލައެވެ. އޭނަ ހުރީ އެ ކަހަލަ ޚަބަރަކަށް ތައްޔާރުވެގެނެއް ނޫނެވެ. ޔަގީނުން ވެސް އޭނަ ހައިރާންވީ ވަރިކުރާތީއެއް ނޫނެވެ. ވަރިކުރުމުގެ ސަބަބުން ދެން ހުރަސްއެޅޭނެ ކަންކަން ހަނދާންވީމައެވެ.
"ސީރިޔަސްކޮށް؟" އަޒްލިފާ އެހިއެވެ. "ދޮގު ދޯ؟"
"އަހަަރެން އަބަދުވެސް ސީރިޔަސްއޭ!" އަހަރެން ވަރަށް އޯގާތެރިކޮށް ބުނީމެވެ. "އަޒްލިފާއެއްނު ދިރިއުޅުން މަޖަލަކަށް ހަދައިގެން ތި އުޅެނީ. ނޫންތަ؟ ކޮން ކަމަކަށް އަޒްލިފާ ސީރިޔަސްވީ؟ ނުކުރާށޭ ބުނެފިއްޔާ އެ ކަމެއް ކުރާނެ. ނުދާށޭ ބުނެފިއްޔާ އެ ތާކަށް ދާނެ. ލައްކަ ކެތްކޮށްފިން. އާދޭސްކޮށް، ނަސޭހަތްދީދީ އަހަރެން ވަރުބަލިވެއްޖެ! އެނގޭތަ އަހަރެން އެންމެ ދެރަވާ ކަންތައް؟ ނިކަމެތި ހާލުގަ އުޅޭ މީހުންނާ ދޭތެރޭ އަހަރެން ދެކޭ ގޮތް އަޒްލިފާ ބަދަލުކޮށްލީމަ! އަޒްލިފާއަށް ޓަކާ އަހަރެންގެ ހިތުގަ ހަމުދަރުދީ ނުއުފެދުނު ނަމަ، މިއަދު އަހަންނަކީ... ދެން އެ ވާހަކަދައްކާނެކަމެއް ނެތް."
އަޒްލިފާ ރޯން ފެށިއެވެ. އަހަރެންގެ ހިލަ ހިތް ކަފަކޮޅަކަށް ހަދައިލިއެވެ. އެހެނަސް ހިތް ބުންޏެވެ. ދެން ފަސްއެނބުރި ނުބަލާށެވެ. ހިތްވަރުކުރާށެވެ. އަހަންނަކީ، އަބަދުވެސް ހިތުގެ އަޑު އެހި މީހެކެވެ. ހުރިހައި ކަމެއްގައި ވެސް އަހަރެން އެހީތެރިޔަކީ ހިތެވެ. އަހަރެން އަޒްލިފާ ވަރިކުރީމެވެ. ކުރާ ހިތަކުން ނޫނެވެ. ނަބީލާ ދިނުމަށް އެދުނީމެވެ. ނުދިނެވެ. އެންމެ ކުއްޖެއް ބެލުމުގެ ތަނަވަސްކަން ނެތް މީހަކަށް ތިން ކުދިން ބެލޭނީ ކިހިނެއް ހެއްޔެވެ؟ ނަބީލާ އަހަންނަށް ދިނުމުން އަޒްލިފާއަށް ލުއިވެފައި، ނަބީލާއަށް ރަނގަޅު މުސްތަގުބަލެއް ލިބޭނެއެވެ. އެކަމަކު އަޒްލިފާ ނަސޭހަތެއް ގަބޫލުކުރީ ކޮން އިރަކު ހެއްޔެވެ؟ އެހެން މީހަކާ މެދު ވިސްނީ ކޮން އިރަކު ހެއްޔެވެ؟ ނަބީލާ ނުދިނުމުގައި، އަހަރެންގެ ހިތަށް ތަދުކުރުން ނޫން އެހެން މަގުސަދެއް އަހަންނަކަށް ނުވިސްނެއެވެ. ދަރިފުޅު ހަތިޔާރަކަށް ހަދައިގެން ބައްޕައަށް އަނިޔާކުރުމަކީ، މަންމައިން އަލަށް ބޭނުންކުރަން ފެށި އުކުޅެއް ނޫނެވެ.
ތިން ކުދިން ގޮވައިގެން އަޒްލިފާ މާލެއައެވެ. އޭގެ ބޭނުމެއް އަހަންނަކަށް ނުވިސްނެއެވެ. އަހަރެންގެ ހިތަށް ތަދުކުރަން ކަމުގައިވާ ނަމަ އެއީ އަޒްލިފާގެ ކުށްހީއެކެވެ. އަހަންނަކީ ފޫހިވާ މީހެއް ދެކެ ފިސާރި ފޫހިވާ މީހެކެވެ. އަޒްލިފާ ދިރިއުޅެން ފެށީ، ނަސީހު ކުއްޔަށް ހިފައިދިން ވަރަށް ދަތި ތަންކޮޅެއްގައެވެ. އަޒްލިފާއާއި ނަސީހު ކައިވެންޏެއް ނުކުރެއެވެ. ކައިވެނިކޮށްފިއްޔާ، އެކަނިވެރި މައިންނަށް ލިބޭ ފައިސާ ނުލިބޭނެތީއެވެ.
ނުނިމޭ