އާދިއްތަ ދުވަހާ ގުޅޭ
"އެއް ޓާމް ދެއްކީމަ ހަމަޖެހޭނެ،" އަޒްލިފާ ބުންޏެވެ. "ނަބީލާ ދެކެ ތި ބުނާ ވަރުގެ ލޯތްބެއް ވަންޏާ ނަސީރު ލާރި ހޯދާނެ."
"ލާރިއެއް ނެތޭ!" އަހަރެން ތަކުރާރުކޮށް ބުނީމެވެ.
"ތިހެން ވިއްޔާ ނަބީލާ ދެކެ ލޯބިނުވަނީ،" ތަންކޮޅެއް ފަރުވާކުޑަ ގޮތަކަށް އަޒްލިފާ ބުނެލިއެވެ. "މިހާރު ޔަގީންވެއްޖެ!"
އަޒްލިފާ އެހެން ބުނުމުން ވެސް އަހަރެންގެ ނިންމުން ބަދަލެއް ނުވެއެވެ. އެ ކަން ނުކުރެވޭނެކަން އެނގޭތީއެވެ. އެކަމަކު ފަހުން އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ދަރިފުޅާ އަޒްލިފާގެ ހައްގުގައި އެ ގުރުބާން ވެސް ވާނީއެވެ. ކޮންމެހެން ނަބީލާ ދެކެ އަހަރެން ކިހާ ލޯބިވާކަން އަޒްލިފާއަށް ދެއްކުމަށް ޓަކައެއް ނޫނެވެ. ނަބީލާއަށް ޓަކައެވެ. ނަބީލާ އެ ހާލުގައި އުޅޭކަން އެނގޭތީ އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ހަމަނޭވާއެއް ނުލެވެއެވެ. ނަބީލާ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ.
ދެ ދުވަސް ވަންދެން ވިސްނުމަށް ފަހުގައި އަޒްލިފާއަށް ގުޅީމެވެ. ގުޅުމާއެކު އަޒްލިފާ ފޯނު ނެގިއެވެ. ހީވާ ކަހަލައެވެ. އަހަރެން ގުޅާނެކަން އޭނައަށް އެނގެއެވެ. އެ ވެސް އަޖައިބެކެވެ. އޭނަ އެހާ ރަނގަޅަށް އަހަރެން ދަސްކުރި އިރު، އަހަންނަށް އަޒްލިފާ އެ ވަރަށް ދަސްނުވީ ކީއްވެގެން ހެއްޔެވެ؟ އެ ކަމުގައި އަންހެނުން މާ ކުޅަދާނައީ ހެއްޔެވެ؟
"މައްސަލައެއް ނެތް،" އަހަރެން ބުނީމެވެ. "އިރާދަކުރެއްވިއްޔާ ތި ކަން ވެސް ކޮށްދޭނަން. އަހަރެން.."
"އަޅެ ނަސީރު ހާދަ ރަނގަޅޭ!" އަޒްލިފާ ވަރަށް އުފާވެފައި ބުންޏެވެ. "މިހާރު އަހަންނަށް ޔަގީންވެއްޖެ ނަބީލާ ދެކެ ނަސީރު ކިހާ ލޯބިވާކަން."
"ފުރަތަމަ ހިނގާ ތި ކުށްހީ ފިލުވާލަމާ ދޯ!" އަހަރެން ވަރަށް ސާބިތުކަމާ އެކުގައި ބުނީމެވެ. "އަހަރެން މި ކަން މި ކުރަނީ، ކޮންމެހެން އަޒްލިފާއަށް ކަމެއް ސާބިތުކޮށްދޭކަށް ނޫން. މީ ނަބީލާއަށް އަހަރެން ކޮށްދޭ ކަމެއް. އަހަރެން ބޭނުން އޭނަ އުފާވާނެ ހުރިހާ ކަމެއް ކޮށްދޭން. ރަނގަޅަށް ޔަގީންކުރޭ އެއް ޓާމަށްކަން ލާރިދައްކަން ޖެހޭނީ."
ވާނުވާ ބެލި އިރު ކަން އޮތީ އަޒްލިފާ ބުނި ގޮތަކަށް ނޫނެވެ. ވޭތުވެދިޔަ އެއް އަހަރުގެ ޓާމް ފީތަކާ އެއްކޮށް، ކޮންމެ ކުއްޖަކަށް ނުވަ ސަތޭކައެއްހާ ޑޮލަރު އަރައެވެ. އެއީ ހަމަ އެކަނި ޓާމް ފީއެވެ. އަހަރެންގެ ހިތް ބުންޏެވެ. ކިތަންމެ ބޭނުންވިޔަސް ނުކޮށްދެވޭ ވަރުގެ ކަންކަން ހުންނާނެއެވެ. މީ އެ ކަހަލަ ކަމެކެވެ. ތިޔަ ވިސްނުން ދޫކޮށްލާށެވެ.
ފޯނުން އެ ވާހަކަދެއްކުމުގެ ބަދަލުގައި އަހަރެން ގެއަށް ގޮސް އަޒްލިފާއާ ބައްދަލުކުރީމެވެ. ވާހަކަދައްކާ އިރު އަހަރެންގެ މޫނު އަޒްލިފާއަށް ފެންނަން އަހަރެން ބޭނުމެވެ.
"އަޒްލިފާ! މި ފަހަރަކު ތި ކަމެއް ނުވާނެ،" އަހަރެން ބުނީމެވެ. "ކަލޭމެން އަތުގަ ލާރިއެއް ހުރީކީ ނޫން. ވިސްނާލަބަލަ.."
އަހަރެން އެ ހިސާބަށް ބުނުމުން އަޒްލިފާ ކޮންމެވެސް އެއްޗެކޭ ބުނަން އަނގަހުޅުވައިލިއެވެ. އެކަމަކު އަހަރެން އެ ފުރުސަތެއް ނުދެމެވެ.
"އިހަށް މަ ދައްކާ ވާހަކަ އަޑުއަހާ!" އަހަރެން އެދުނީމެވެ. "މި ދިޔަ މަހަކު ނޫންތަ އަހަރެން ކައިރީގަ ބުނީ ރިހާކުރު ފުޅި ހުސްވެގެންނޭ މި އުޅެނީ ރިހާކުރުކޮޅެއް ގަންނަން ފަންސާސް ރުފިޔާ ދީބަލާށޭ! އެންމެ ފަންސާސް ރުފިޔާ ވެސް ރައްކާކުރެވިފައެއް ނެތް. އަހަރެން ފޮނުވިހާ ލާރިތަކަށް ކީއްކުރީ؟ އަޅެ ކުއްޖެއްގެ ނަމުގަ އެކައުންޓެއް ހުޅުވާ، އެއަށް މަހަކު ދުއިސައްތައެއްހާ ރުފިޔާ ލެވުނު ނަމަވެސް ކޮންމެވެސް އެއްޗެއް އޮތީހެއްނު! ކޮން ކަހަލަ އުޅުމެއް ތި އުޅެނީ؟ ވަރަށް ސާފުކޮށް މި ބުނަނީ، ލަންކާއަށް ދިޔުން ހަނދާންނައްތާލާ!"
އަޒްލިފާ އަތުގައި ލާރި ހަރުނުލާ އެތައް ސަބަބެއް އަޒްލިފާ ކިޔައިދިނެވެ. ބައެއް ވާހަކަ ރަނގަޅެވެ. ގިނަ ވާހަކަތައް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ހުރިހާ ވެސް މައްސަލައަކީ އަޒްލިފާގެ އުޅުމެއް ނެތުމެވެ. އޭނައަށް ހީވެފައި އޮންނަނީ އަހަރެން ހުސްނުވާ ރަންވަޅެއްް ގެންގުޅޭކަމަށެވެ. އެ ބައްދަލުވުން އަހަރެން ނިންމައިލީ، ލަންކާއަށް ދިޔުމަށް އަޒްލިފާ ކުރަމުންއައި އުންމީދުގެ ހުޅުކޮޅު ނިއްވައިލައިފައެވެ. އަހަންނަށް އެނގެއެވެ. އަޒްލިފާ އޭގެ ބަދަލުހިފާނެއެވެ. ނަބީލާ ބޭނުންކޮށްގެން ޖަޒުބާތީ ބުލެކުމޭލު ވެސް ކުރާނެއެވެ.
ނަބީލާޔާ ވާހަކަދައްކަން އަހަރެން ބޭނުންކުރަނީ އަޒްލިފާގެ ފޯނެވެ. އެ މަގު ބަންދުވިއެވެ. އަހަންނަށް އޮތް ހަމަ އެކަނި ގޮތަކީ، މާލެއަށް އާދެވޭ ފަހަރަކު ނަބީލާޔާ ބައްދަލުކުރަން އެ ގެއަށް ދިޔުމެވެ. ފެތުރިގެން އުޅޭ ބައްޔެއްގެ ސަބަބުން، ގޭގެޔަށް އަހަރެން ވަދެނުކުމެ ހެދުމަކީ ފަސޭހަކަމެއް ނޫނެވެ. ރައްކާތެރިކަމެއް ވެސް ނޫނެވެ. އެ ހަތިޔާރުގެ ބޭނުން ވެސް އަޒްލިފާ ކުރެއެވެ. ދަރިފުޅު ދެކޭ ހިތުން އެ ގޭދޮށަށް ގޮސް، ދުރުދުރުން ހަނާއަޅައިލައިފައި ރޮމުން އަހަރެން ދާންޖެހެނީ މަދެއްކޮށެއް ނޫނެވެ. ބައެއް ފަހަރު ހިތަށްއަރައެވެ. މައްސަލައަކީ އަހަންނެވެ. އަހަރެން އަތުގައި ވަރަށް ބައިވަރު ފައިސާ ހުރި ނަމަ، ދަރިފުޅު މާ އުފަލުގައި އުޅުނީހެވެ.
އެންމެ ފަހުން އަހަރެންނަށް މާލެދެވުނު ފަހަރު ނަބީލާއާ ބައްދަލުކުރަން ދިޔަ އިރު ގޭގައި އުޅެނީ އޭނަ އެކަންޏެވެ. ލާން ހެޔޮވަރު ހެދުމެއް، އަރަން ހެޔޮވަރު ބޫޓެއް ނެތެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކީ ކޮން ކަހަލަ ބައްޕައެއް ހެއްޔެވެ؟ އަހަރެންގެ ހިތް އަހަންނަކަށް މާފެއް ނުކުރިއެވެ. އަހަރެންނަށް މާލޭގައި ހުރެވުނު އަށެއްކަ ދުވަހު އަހަރެން ޖެހުނީ ނަބީލާއަށް ބޭނުންވާ ހުރިހާ އެއްޗެއް ގަންނާށެވެ. ހަމަ އެކަނި ދަރިފުޅަށް އެއްޗެހި ގަނެދީގެން ދަރިފުޅު އުފަލެއް ނުވާނެއެވެ. އެހެނަސް ހުރިހާ ކުދިންނަށް އެއްޗެހި ގަނެދެވޭހާ ތަނަވަސްކަމެއް އަހަރެންގެ ނެތެވެ.
ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަށް ބަލައިފައި، ކޯޓަށް ގޮސް ނަބީލާ ހޯދަން އަހަރެން ނިންމީމެވެ. އޭރުން އެ ކުދިންގެ ތެރޭގައި ނަބީލާ ހުންނާކަށް ނުޖެހޭނެއެވެ. ހުރިހައި ގޮތަކުން ވެސް ނަބީލާއަށް ރަނގަޅުވާނީ އެ ގޮތެވެ. މައްސަލައިގެ ލިޔުން ތައްޔާރުކުރަން ބަލައިލި އިރު އަހަރެންގެ އައިޑީކާޑުގެ މުއްދަތު އޮތީ ހަމަވެފައެވެ. އެ ދުވަސްވަރު އަހަރެންގެ ވޮލެޓު ގެއްލިއްޖެއެވެ. ވަކީލަކާ ވާހަކަދެއްކުމުން އޭނަ ޔަގީންކަން ދިން ގޮތުގައި އަހަރެންގެ ދަރިފުޅު އަހަންނަށް ލިބޭނެއެވެ. އަހަރެން ޖެހޭނީ އަޒްލިފާއަށް ދަރިފުޅު ނުބެލޭކަން ސާބިތުކޮށްދޭށެވެ. އެއީ އަހަންނަށް ލިބުނު ފުރަތަމަ އުންމީދެވެ.
ކުދިން ގޮވައިގެން އަޒްލިފާ ލަންކާއަށް ފުރިއެވެ. އަހަންނަށް އަންގާ ވެސް ނުލައެވެ. އޭނަ ފައިސާ ހޯދީ ކިހިނެއް، ކޮން ތާކުން ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ކަށަވަރުވާ ކަމަކީ އަޒްލިފާއަށް ދަރިން އިސްކޫލަށް ނުވެއްދޭނެ ކަމެވެ. އެހާ ފައިސާ ނުހުންނާނެ ކަމެވެ. އެ ހާލުގައި ލަންކާއަށް ދިޔުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ އަހަންނަށް ދަރިފުޅު ފޮރުވަން ހެއްޔެވެ؟
އަޒްލިފާގެ ލޯބިވެރިޔާ ނާސިހު ޗާޓުން ބޭރުވެ، އެހެން މީހަކު ޗާޓަށް އެރިއެވެ. އޭނަގެ ނަމަކީ ފާއިޒެވެ. ލަންކާއަށް ދެވުނީ ފާއިޒުގެ އެހީގައެވެ. އަހަރެން އެ ހުރިހާ ކަމެއް އޮޅުންފިލުވީމެވެ. ފާއިޒަށް މަހަކު ލިބެނީ ބާރަ ހާހެއްހާ ރުފިޔާއެވެ. ތިން ކުދިންނާއި އަޒްލިފާއަށް، ލަންކާގައި އެ ވާނީ ކޯޗަކަށް ހެއްޔެވެ؟
އެންމެ ފަހުން އަހަންނަށް އަޒްލިފާ ގުޅި ފަހަރު، އަލުން އޭނަޔާ އަހަރެން އިންނަން އެދުނެވެ. ނޫނެކެވެ. އަހަރެން ދެނެއް އަޒްލިފާޔަކާ ނީންނާނަމެެވެ. އިންސާނަކަށް ހެޔޮ ކަމެއް ކޮށްދޭން އަހަރެން ބޭނުމެވެ. ނަބީލާއަށް މަންމައާއި ބައްޕަގެ ލޯބި ދޭން ވެސް ބޭނުމެވެ. އަޒްލިފާގެ ކުދިންނަށް ބައްޕައެއްގެ ލޯބި ދޭން ވެސް ބޭނުމެވެ. އެ ކުދިން އެ ކަމަށް އެދޭ ވެސް މެއެވެ. އެކަމަކު، އަހަރެން އަޒްލިފާ ވަރިކުރީ އެކުގައި ނޫޅެވިގެންނެވެ. ކިތައް ފަހަރު ބޭޒާރުވެއްޖެ ހެއްޔެވެ؟ ކިތައް މީހުންނާ އޭނައަށް ރައްޓެހިވެވިއްޖެ ހެއްޔެވެ؟ އަޒްލިފާގެ މައިންބަފައިންނާއި ތިމާގެ މީހުން ކުރިމަތީގައި، އަހަރެންގެ ދަރިފުޅު ކުރިމަތީގައި، އަހަރެންގެ ތިމާގެ މީހުން ކުރިމަތީގައި ވެސް އަޒްލިފާ ނޫޅޭ ގޮތެއް ނެތެވެ. ހައްދު ފަހަނައަޅައިފިއެވެ. އަހަންނަށް އެނގެއެވެ. އަހަންނާ އިންނަން އަޒްލިފާ ބޭނުންވަނީ، އަހަރެން ލައްވާ އަޒްލިފާއަށް ހަރަދުކުރުވާށެވެ. އެކަމަކު ދެނެއް ނުކުރާނަމެވެ. އަޒްލިފާއަކަށް އަބަދަކު ލަންކާއަކު ނޫޅެވޭނެއެވެ. ކޮންމެވެސް ދުވަހަކުން އޭނަ ޖެހޭނީ ރާއްޖެ އަންނާށެވެ. އަހަރެން އިންތިޒާރުކުރާނަމެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅު ހޯދާނަމެވެ.
އަޒްލިފާގެ މައިންބަފައިންނާ މިހާރު ވެސް އަހަރެންގެ ގުޅުން އޮވެއެވެ. ހާއްސަކޮށް އަޒްލިފާގެ ބައްޕައަކީ ވަރަށް ހިތްހެޔޮ، ދުރުވިސްނޭ މީހެކެވެ. އަހަރެން ކޮށްދިން ކަންތައްތަކުގެ އަގު އޭނަ ވަޒަންކުރެއެވެ. އޭނަ ބުނެއެވެ. އަހަރެންހާ ރަނގަޅު ފިރިއެއް އަޒްލިފާއަކަށް ނުލިބޭނެއެވެ. ކަންތައްތައް ވާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ފަހަރެއްގައި އަހަންނަށް ދަރިފުޅު ނުލިބި ވެސް ހިނގައިދާނެއެވެ. ނަބީލާގެ އުމުރުން އަށާރަ އަހަރުވެގެން ކަންކަން ނިންމުމުގެ އިހުތިޔާރު އޭނައަށް ލިބޭ އިރު، އަހަރެން ދުނިޔޭގައި ނުހުރެވެސް ހިނގައިދާނެއެވެ. ވީމާ، ނަބީލާއަށް ޓަކައި އަހަރެން މި ވީ ގުރުބާނީއާއި އަޒްލިފާ ކަންތައް ކުރި ގޮތް ނަބީލާއަށް އެނގެން އަހަރެން ބޭނުމެވެ.
ބޭވަފާތެރިކަމަކީ އަޒްލިފާގެ މިޒާޖުގައި ހުރި ކަމެކެވެ. އޯގާވެރިކަމަކީ އަހަރެންގެ މިޒާޖުގައި ހުރި ކަމެކެވެ. މީހެއްގެ ގޯސް ސިފައެއްގެ ސަބަބުން އަނެކާގެ ރަނގަޅު ސިފަ ދޫކޮށްލާކަށް ނުޖެހޭނެއެވެ. އޭ ހިތާއެވެ. އަޒްލިފާއަށް ދެރަ ގޮތެއް ހަދަން އަހަންނަށް ވަސްވާހެއް ނުދެމުއެވެ. އަޒްލިފާ އަހަންނަށް ކަންތައް ކުރި ފަދައިން އަހަރެން ލައްވައި އޭނައަށް ކަންތަކެއް ނުކުރުވަމުއެވެ. އެކުވެރިޔެއްގެ ހައިސައްޔަތުން ތިޔަ ދިން އެހީތެރިކަމަށް ޓަކައި ޝުކުރުކުރަމެވެ.
ދަރިފުޅު ބޮޑުވުމުގެ ކުރިން އެއްވެސް ވާހަކައެއް އޭނައަށް ކިޔައިދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަބީލާއަށް ކަންކަން އެނގެން ޖެހޭނީ އޭނައަށް ހަމަ ބުއްދި ލިބުނީމައެވެ. އެ ދުވަހުން ނަބީލާ މި ވާހަކަ ކިޔާނެކަމަށް އަހަރެން އުންމީދުކުރަމެވެ. ބައްޕައަށް ހިތްބަރު ނުކުރައްޗެވެ. ގަބޫލުކުރަމެވެ. ބައްޕައަކީ ވެސް ފުރިހަމަ މީހެއް ނޫނެވެ. ބައްޕަގެ ކުށަކީ ހެޔޮލަފާ މަންމައެއް ދަރިފުޅަށް ހޯދައިނުދެވުމެވެ. އެކަމަކު، ދަރިފުޅަށް އުފާ ހޯދައިދޭން ބައްޕައަށް ކުރެވުނު ހުރިހާ ކަމެއް ކުރީމެވެ. ދަރިފުޅާއެވެ. ބައްޕަ ނެތް ދުވަހަކު ވެސް ބައްޕަގެ ގުރުބާނީ ދަރިފުޅު ހަނދާން ބަހައްޓައްޗެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ