ބުދަ ދުވަހާ ގުޅޭ
ލޯބިވާ ދަރިފުޅުގެ ހިތަށް ކުރާ އަސަރު އަހަރެންގެ ހިތަށް ވެސް ދެމުންނެވެ. ނިދެނީ ވަރަށް ލަހުންނެވެ. ވަރަށް ގިނަ ފަހަރު ހަތަރެއް ޖަހާ އިރު ހޭލެވޭ ގޮތަކަށް ދެނެެއް ނުނިދެއެވެ. އަހަރެންގެ ހިތަށްއަރައެވެ. ނަބީލާ ވެސް އުޅޭނީ ހަމަ އެ ހާލުގައެވެ. ނޫނެކެވެ. އޭނަގެ ހާލު މާ ދެރައެވެ.
އެއްރެޔަކު އަހަރެން ނުނިދިގެން އެނދުގައި ފުރޮޅެނިކޮށް ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނު ބަލައިލި އިރު އަރައިފައި އޮތީ އަޒްލިފާގެ ނަމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭރު ފަތިހު ހަތަރެއް ޖަހަނީއެވެ. ފުރަތަމަ ވެސް ހީކުރެވުނީ ނަބީލާއަށް ކަމެއްވީ ކަމަށެވެ.
"ހަލޯ! ހަލޯ! ހަލޯ!" އަހަންނަށް ބުނެވުނެވެ.
"ހަލޯ ބައްޕާ!" ވަރަށް އުފާވެފައި ނަބީލާ ބުންޏެވެ. "ކީއްވެ ބައްޕަ ހޭލާ ތި އުޅެނީ؟"
އަޒްލިފާގެ ފޯނުން ގުޅީ ނަބީލާއެވެ. އަތުޖެހޭ ހިސާބުގައި ފޯނު އޮތުމުން ގުޅައިލީއެވެ. އެކަމަކު އިސްކޫލު ވެސް ހުޅުވިފައިވާ ދުވަހެއްގެ އެ ގަޑީގައި ނަބީލާ ހޭލާއުޅެނީ ކީއްވެގެން ހެއްޔެވެ؟
"ދަރިފުޅު ހޭލާ ކީއްތިކުރަނީ؟" އަހަރެން ސުވާލުކުރީމެވެ.
"މަންމަ ހޭލާ އުޅޭތީ ހޭލެވެނީ،" ނަބީލާ ޖަވާބުގައި ބުންޏެވެ. "ކޮންމެ ރެޔަކު ވެސް މި ގަޑީގަ ހޭލެވޭ!"
އަޒްލިފާ ހޭލާ އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނިދަން އޮށޯތުމަށް ނަބީލާ ގާތުގައި ބުނެފައި އަހަރެން ފޯނު ބޭއްވީއެވެ. އިރުއަރަންދެން އަހަރެން އޮތީ ހޭލައެވެ. ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ނުލިބިފައެވެ. ފަތިހު ހަތަރެއް ޖަހާ އިރު ހޭލައިގެން އަޒްލިފާ ކުރަން އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟
ހެނދުނުހެނދުނާ އަޒްލިފާއަށް ގުޅީމެވެ. ސުވާލުކުރީމެވެ.
"ކާންބޯން އަހަރެން ވެސް މަސައްކަތްކުރަން ޖެހޭނެއްނު!" އަޒްލިފާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ނަސީރު އަބަދު އަހާނެ ކުދިންގެ ސްކޫލްކަންތައް ނުކުރެވެނީ ކީއްވެގެންހޭ؟ މިހާރު އެނގިއްޖެއްނު ކީއްވެގެންކަން. އަހަރެން ޖެހޭ އިރު ނާރަނީސް ހޭލަން. އެހާ ކުރިން އުޅެގެން ނޫނީ ހެނދުނަށް އައިއްސަ ހުންނަ އޯޑަރުތައް ރެޑީއެއް ނުކުރެވޭ!"
އަޒްލިފާ ގޭގައި ކާއެއްޗެހި ހަދައިގެން ތަންތަނަށް ގެންދާކަން އަހަރެންނަށް އެނގެއެވެ. އޭނަގެ އެފްބީ ޕޭޖެއް އޮވެއެވެ. އޯޑަރު ވެސް ދެވެއެވެ. އެހެނަސް، އެއީ އެހާ ބުރަ މަސައްކަތެއް ކަމަކަށް ހިއެއްނުކުރަމެވެ. އެއް ގޮތަކުން ބަލާ އިރު އެއީ އަހަންނާ ބެހޭކަމެއް ނޫނެވެ. އެކަމަކު، އެ މީހުން ދިރިއުޅެނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެ ތަނުގައި އެއްޗެހި ކައްކައި، ތެލިތައް ތަޅުވައި ހަދަންޏާ އެހެން މީހަކަށް ނިދާކަށް ނޯވެވޭނެއެވެ. އެ މައްސަލައިގެ ތެރެއަށް އަހަރެން ވަންނަންޖެހެނީ އެ ހިސާބުންނެވެ.
"އެކަމަކު ކިހިނެއް ކުދިން ނިދާނީ؟ ތިހާ ކުޑަކުޑަ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"އެންމެންނަކީ މަހުޖަނުންނެއް ނޫނެއްނު!" އަޒްލިފާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަރެން ކުދިން މި ގެންގުޅެނީ އަހަރެންގެ ފެންވަރުން. ނަސީރަކަށް ނުޖެހޭނެ އަހަންނަށް ފުށްގަނޑު މޮޑެދޭން އަންނާކަށް. ނޫނީ ފިޔާކޮށައިދޭން އަންނާކަށް."
އަޒްލިފާއަށް ގުޅައިފިއްޔާ ޖެހޭނީ ޒުވާބުކުރާށެވެ. ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިނަސް އަޒްލިފާ އެ ކަމެއް ނުދަންނާނެއެވެ.
"އަހަރެން ފޮނުވާ ލާރިން ނުވަނީތަ؟" އަހަރެން ބުނީމެވެ. "ބައެއް މަސްމަހު އިތުރަށް ހައެއްކަ ހާސް ރުފިޔާ އެބަ ދެން. ދެން އަޒްލިފާ ކޮންމެހެން ތި ހުރިހާ ސަކަރާތެއް ޖަހަނީ ކީއްކުރަން؟ ކިޔެވުން ހަލާކުވީމަ އެ ހަލާކުވީ މުސްތަގުބަލު."
އަހަރެންގެ ކޮންމެ ސުވާލަކަށް އަޒްލިފާގެ އެތައް ޖަވާބެއް އޮވެއެވެ. އޭނައަކީ އަހަރެންގެ އަންބެއް ނޫނެވެ. އޭނަ އުޅެންވީ ގޮތެއް އަހަރެންނަކަށް ނޭނގޭނެއެވެ. އެހާ ލޯބިވާ ނަމަ އޭނަ ވަރިއެއް ނުކުރާނެއެވެ. އެ ހާލުގައި އުޅޭކަށް ނުޖައްސާނެއެވެ. އެއީ ތެދެއް ނޫނެވެ. އަހަރެން ލޯބިވީމެވެ. އަޒްލިފާ މިންވަރަށް ޝުކުރުނުކުރީއެވެ. އަޒްލިފާ އެހެން ތުހުމަތެއް ވެސް އަހަރެންގެ ބޮލުގައި އެޅުވިއެވެ. ނަބީލާ ދެކެ އަހަރެން ލޯތްބެއް ނުވެއެވެ. ލޯބިވާކަމަށް ހެދެނީއެވެ. އެއީ ވެސް ބުހުތާނެކެވެ.
އަޒްލިފާއަކީ، ކިތަންމެ ފައިސާއެއް ލިބުނަސް އެއިން ދެކޮޅުޖައްސަން އެނގޭ މީހެއް ނޫނެވެ. ކުރިން ވީ އެހެންނެވެ. ދެން ވެސް ވީ އެހެންނެވެ. އޯޑަރަށް އެއްޗެހި ތައްޔާރުކުރަމުން އަޒްލިފާ ވަޒީފާއަކަށް ވެސް ނުކުންނަން ފެށިއެވެ. އޭނަ އިންނަނީ ކައިރީ ފިހާރައެއްގައެވެ. ދެން އަމުދުން ކުދިންގެ ކަންތައް ބަލަން އޭނައަކަށް ވަގުތެއް ނުލިބުނެވެ. ނަސީހަކީ ޒިންމާދާރު ޒުވާނެއް ނޫނެވެ. ނަބީލާ ބަލަހައްޓާނީ ކާކު ހެއްޔެވެ؟ އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ވަޒީފާގެ ވަގުތުގައި ވެސް އަހަރެންގެ ސިކުނޑީގައި އެނބުރެނީ ނަބީލާގެ ހިޔާލުތަކެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް އިތުރު ފައިސާއެއް އަޒްލިފާއަކަށް ނުދެވޭނެއެވެ. އެ ވަރަށް ނުލިބޭތީއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އެ ކަމާ އަޒްލިފާޔާ މަޝްވަރާކުރީ ފޯނުންނެވެ.
"ބޮސް ބުނެފަ އޮންނަނީ ޑިއުޓީ ގަޑީގަ ފޯނުކޮށްގެން ނީންނާށޭ!" އަޒްލިފާ ފުރަތަމަ ވެސް ބުނީ އެހެންނެވެ.
"މަ ނޫޅެމޭ މާފޮޅުވަން އިންނާކަށް،" އަހަރެން ބުނީމެވެ. "އަހަންނަށް ނަބީލާ ދޭންވީނު. ދެން ތިބި ދެބެން ތެރެއިން ވެސް އެކަކު ގެނޭ. ދެ ކުދިންގެ ހުރިހާ ކަމެއް އަހަރެން ބަލަހައްޓަދޭނަން. އޭރުން އަޒްލިފާ.."
އެ ހިސާބަށް ބުނާ އިރަށް އަޒްލިފާ ފޯނުކަނޑައިލިއެވެ. އެއީ އަހަރެން ހީކުރި ގޮތެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭކަށް އަަޒްލިފާ ނޭދޭނެއެވެ. އެކަމަކު ދެން ކަންތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަންނަށް ފޯނެއް އަންނަން ފެށިއެވެ. ނުދަންނަ ނަންބަރަކުންނެވެ.
"އޭ! ތި .. ކިހިނެއްވެގެން ތި ތެޅެނީ؟" ފިރިހެނަކު އަހަންނާ ސުވާލުކުރިއެވެ. "ތި .. ކީކޭ ހިތަށްއަރައިގެން އަޒޫއަށް ތި ގުޅަނީ؟ އޭނ؟ މީ ކިހާ ބޮޑު ..."
ބަސްފޮތުގައި ހުރި އެންމެ "ފަށުވި" ލަފުޒުތަކުން އޭނާ މާފައްޗެއް ގަތައިފައި އަހަރެންގެ ކަރުގައި އެޅުވިއެވެ. އޭރު ވެސް އެއީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަކީ، ދުވަހަކު ވެސް ހުތުރު ބަހުން މީހަކާ ވާހަކަދެއްކި މީހެއް ނޫނެވެ. ދައްކާނެ މީހެއް ވެސް ނޫނެވެ.
"ކާކު ބާ؟" އަހަރެން ސުވާލުކުރީމެވެ.
"އަހަންނަށް ކިޔަނީ ނަސީހު!" އޭނަ ބުންޏެވެ.
ނަސީހު ދެން އަމުނައިލި ފަތިވަރު އެހެން މީހަކަށް ކިޔައިދިނުމުގެ ނަމުގައި އަހަރެންގެ ދުލަށް ފާފަކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ހަޑިހުތުރު އެއްޗެހި ކިޔުމުގެ ބޭނުމެއް ކޮބާ؟" އަހަރެން ބުނީމެވެ. "އަހަންނަކީ އެއްވެސް މީހަކާ ދިމާއަށް ހުތުރު އެއްޗެހި ކިޔާ މީހެއް ނޫން. އަހަރެން ދެއްކި ހުރިހާ ވާހަކައެއް ދެއްކީ އަހަރެންގެ ދަރިފުޅަށް ޓަކާ."
ކުރިޔަށް ވުރެ ހުތުރުބަސް ބޭނުންކޮށްގެން އަހަންނަށް ބިރުދައްކައި، އިންޒާރުދީފައި ނަސީހު ފޯނު ބޭއްވިއެވެ. އަހަރެން ހިތަށްއެރިއެވެ. ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ހަމުދަރުދީގެ އައިނަކުން އަޒްލިފާއަށް އަހަރެން އިއްޔެ ބެލި އިރު އަހަންނަށް ފެނުނީ ހާލުގައިޖެހިފައިވާ ދެ ދަރިންގެ މަންމައެކެވެ. އަހަރެން ކުރިހައި ކަމެއް ކުރީ ﷲ އަށް ޓަކައެވެ. ދަރުމައާއި ސަވާބު އެދިގެންނެވެ. މި ލިބުނީ ކޯޗެއް ހެއްޔެވެ؟ ކުޑަމިނުން އަހަރެންގެ އެކުވެރިން ވެސް އަހަރެން ވި ގުރުބާނީގެ އަގުވަޒަނެއް ނުކުރިއެވެ.
ކުދިން އުޅޭ ގޮތް އަހަރެންނަށް ބެލުނު ގޮތަކަށް ބަލަމެވެ. އެ ކުދިން ހޭލަނީ މެންދުރުއެވެ. މެންދުރު ބޮނީ ހެނދުނު ސަޔެވެ. މެންދުރު ކެއުން ކަނީ ހަވީރުއެވެ. އަހަރެން ދަރިފުޅުގެ އުމުރަކީ މިހާރު އަށް އަހަރެވެ. ކުދިންގެ ކަންތައް ބަލާކަށް އަޒްލިފާއަކަށް ވަގުތެއް ނެތެވެ. ރަނގަޅަކަށް ކާކަށް ނުދެވެއެވެ. ނިދާނެ ރަނގަޅު ގޮދަޑިގަނޑެއް ނެތެވެ. އަހަރެން އަޑުއަހަނީ މައިލަގޮނޑިއަށް ކެތްނުވާ ވާހަކައެވެ. ބަފާގެ ލަގޮނޑިއެއްގެ ވާހަކައެއް ނާހަމެވެ. އެހެނަސް، ދެން ވެސް ކެތްނުވީ އަހަންނަށެވެ. އަހަރެން ކޮންމެހެން އަޒްލިފާއަކަށް ގުޅާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ވެސް ނުގުޅައެއް ނުހުރެވުނެވެ. ގުޅައި އާދޭސްކުރީމެވެ. ނަބީލާ އެކަނި ވިޔަސް އަހަންނަށް ދޭން އެދުނީމެވެ.
"އެއީ އަންހެންކުއްޖެއް. އަހަންނަކަށް ނުކެރޭނެ އޭނަ ބަލަން ކަލެޔާ ހަވާލުކުރާކަށް،" އަޒްލިފާ ބުންޏެވެ. "ނަސީރަކަށް ނޭނގޭނެ ދަރިން ބަލާކަށް. ވަގުތެއް ވެސް ނުވާނެ. ތީ އަބަދު މާލެއިން ބޭރުގަ އުޅޭ މީހެއް. ނަސީރުގެ މަންމައަކަށް ނަބީލާ ގޮވައިގެން ސްކޫލްދޮށަކަށް ނުހިނގޭނެ. ނަސީރަށް ވެސް އެނގޭނެ އެ ކަން. ދެން ވެސް އަހަރެން ކުދިންނާ އެއްކޮށް ލަންކާއަށް ފޮނުވާ! އޭރުން ރަނގަޅުވާނީ."
އަޒްލިފާއަށް ހަމަ ހީވަނީ އަހަރެން ފައިސާތަކެއް ފޮރުވައިގެން ގެންގުޅޭހެންނެވެ. އެއީ ކުރިން އަހަންނަށް ކަންތައް ކުރެވުނު ގޮތުން އަޒްލިފާއަށް އަރައިގެން އުޅޭ އޮޅުމެކެވެ.
"ލާރިއެއް ނެތޭ، ލާރިއެއް ނެތޭ!" އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. "ހަރަދު ކުރެވެން އޮތް ނަމަވެސް ނުކުރީމުސް. އެކަމަކު އަހަންނަށް ނަބީލާ ދީފިއްޔާ އަޒްލިފާއަށް އަހަރެން އެހީވާނަން. އަޒްލިފާގެ ކުދިންނަށް ވެސް ވެވުނު ވަރަކުން އެހީވާނަން."
"ނުދޭނަން. މި ބުނީނު ނުދޭނަމޭ! ކޯޓަށް ދިޔަސް އަހަރެން ބަލަން ހުރިއްޔާ ބައްޕައަކަށް އަންހެން ދަރިއެއް ނުދޭނެ،" އަޒްލިފާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. "އަހަންނަށް ވަރިހަމަ ކޮންމެ ގޮތަކަށް ލާރި ހޯދިޔަސް، އަހަރުމެން ލަންކާއަށް ފޮނުވައިދީ!"
އެ ކަމަށް ހިނގާނެ ހަރަދު އަހަރެން ބަލައިފީމެވެ. ހިތަށްއެރިއެވެ. ފައިސާ ބޭނުންވާ ވަރު އަޒްލިފާއަށް ވިސްނައިދެވިއްޖެއްޔާ އޭނަ އެ ވިސްނުން ދޫކޮށްލަފާނެއެވެ.
"އަޒްލިފާއަށް އެނގޭތަ މިހާރު ލަންކާ ޓިކެޓެއްގެ އަގު؟" ނޯޓުކުރި ކަރުދާސްކޮޅު ނިއުޅުވައިލަމުން އަހަރެން ބުނީމެވެ. "މީހަކަށް ފަހެއް ނޫނީ ހަ ސަތޭކަ ޑޮލަރު. އެ ވަރު ދީގެން ވެސް މި ލޮކްޑައުންގެ ދުވަސްވަރު ހިޔެއް ނުވޭ ދެވޭނެ ހެނެއް. އެކަމަކު ނަބީލާއަށް އަހަންނަށް ޓިކެޓު ދެވިދާނެ. އެ ވަރުގެ ތަނަވަސްކަމެއް އަދިވެސް އެބަ ހުރި. ދެން ތިބި ކުދިންނާ އަޒްލިފާއަށް ކިހިނެއް ހަދަނީ؟ ހުރިހާ އެންމެންގެ ޓިކެޓަށް އެކަނި ވެސް އެބަ އަރާ ތިން ހާސް އަށް ސަތޭކައެއްހާ ޑޮލަރު. ރުފިޔާއެއް ނޫނޭ! ޑޮލަރު! ދެން ކޮބާ ސްކޫލް ކަންތައް؟"
"އެއް ޓާމް ދެއްކީމަ ހަމަޖެހޭނެ،" އަޒްލިފާ ބުންޏެވެ. "ނަބީލާ ދެކެ ތި ބުނާ ވަރުގެ ލޯތްބެއް ވަންޏާ ނަސީރު ލާރި ހޯދާނެ."
ނުނިމޭ