އެކްޓަރު ވިބޫ--
13 މާޗް 2022 - 06:18
"ސަވްދާން އިންޑިއާ" އާއި "ނިޝާ އޯރް އުސްކޭ ކަޒިންސް" ފަދަ ޝޯތަކުން ފެނުނު ޓީވީ އެކްޓަރު ވިބޫ ރާގަވޭ އަށް ކެންސަރު ޖެހިއްޖެ އެވެ.
އެކްޓަރު ވިބޫގެ ބައްޕަ މަރުވިތާ އަހަރެއް ވެސް ނުވަނީސް، އަނެއްކާ ވެސް އޭނާ އަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާ ކަން އޭނާގެ ސަޕޯޓަރުންނާ ހިއްސާކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އުމުރުން 29 އަހަރުގެ ވިބޫ އަށް ކެންސަރު ޖެހުނުކަން އެނގުނު އިރު، އޭނާ ހުރީ އެންމެ ފަހު ސްޓޭޖުގަ އެވެ.
އޭނާ އަށް ޖެހިފައި ވަނީ ނިއުރޯއެންޑްކްރައިން ކެންސަރެވެ. އެއީ ހަށިގަނޑުގައި ހޯމޯންސް އުފައްދާ ސެލްތަކަށް ޖެހޭ ކެންސަރެކެވެ. އޭގެއިން ވެސް އޭނާ އަށް ޖެހުނީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކެންސަރެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ އަންނަނީ މުމްބާއީގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާކުރަމުންނެވެ.
ހޮސްޕިޓަލުގައި ނަގާފައިވާ ވީޑިއޯއެއް ފެބްރުއަރީ 11 ގައި ހިއްސާކޮށް އޭނާ ބުނީ ބަލިވެ އުޅާތާ ދުވަސްތަކެއްވެފައިވާ ކަމަށާއި އޭނާ އަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ އޭގެ ދެ ހަފުތާ ކުރިން ކަމަށެވެ.
އޭނާ އަށް ޖެހިފައި ވަނީ ވަރަށް މަދުން ފެންނަ ވައްތަރެއްގެ ކެންސަރެއް ކަމަށާއި ބަލިވުމުން އެކަމާ ވަރަށް ދެރަވާ ކަމަށް ބުންޏެވެ.
"އެއް ދުވަހުން މުޅި ދިރިއުޅުން ބަދަލުވެއްޖެ. މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިއްޖެ. އެކަމަކު މަސައްކަތް މި ކުރަނީ ހިތްވަރުކުރަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ޑޮކްޓަރަކު އޭނާ ކެންސަރުން އެއްކޮށް ސަލާމަތްވެދާނެ ކަމަށް ނުބުނާ ކަމަށާއި އެމީހުން ވެސް ބުނަނީ ކެންސަރާ އެކު ދިރިއުޅެން ދަސްކުރާށޭ ކަމަށެވެ.
އެ ޚަބަރާ އެކު އޭނާގެ މަންމަގެ ހިތް ކުދިކުދިވެފައިވާ ކަމަށް ވެސް ވިބޫ ބުންޏެވެ.
ކެންސަރާ ދެކޮޅަށް އޭނާ ހަނގުރާމަކުރަމުން އަންނައިރު ރަހުމަތްތެރިން ވެސް އެެކަމުގައި އެހީވަމުން އަންނަކަން ފާހަގަކުރި އެވެ. ވިބޫ ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމާއި ބޭސް ނެގުން ކަހަލަ ކަންކަމުގައި އޭނާގެ އެކުވެރިން އެހީވާ ކަމަށާއި ޓީވީ ތަރިން ކަަމަށްވާ މޯހިތު މަލިކާއި ސިމްޕަލް ކޯލް އާއި ސޯމްޔާ ތަންޑަން ފަދަ މީހުންގެ އެހީ ލިބޭ ކަމަށެވެ. އަދި އެކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށް ވެސް ބުންޏެވެ.
އެކުވެރިންގެ މެދުގައި ބަހާލައިގެން އެކަންކަން ބަލަހައްޓަމުން އަންނަނީ ވަޓްސްއެޕް ގްރޫޕެއް ހަދައިގެން ކަމަށާއި އެ ގްރޫޕުގައި އޭނާގެ ބަލި ހާލަތުގެ އަޕްޑޭޓްތައް ވެސް ދެމުން އަންނަ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާދެން
13 March 2022
ދެން ކިހިނަކޯ ވާން ވީ ، ތި ކާކު ކަމައެއްވެސް އަހަރުން ނަކަށް އިނގެނީކީ ނޫން