ގައުމީ އެވޯޑްސްގައި "އިނގިލި" ހުސް އަތާ!

ކިތައްމެ ބޮޑު ތައުރީފެއް އޮހުނަސް އަދި ބޭރުގެ އެވޯޑް ލިބުނަސް، ރޭ އޮތް ގައުމީ ފިލްމު އެވޯޑްސްގައި އެންމެ އެވޯޑެއް ވެސް ނުލިބި "އިނގިލި" ކުރިމަތިލީ ވަރަށް ބޮޑު ނާކާމިޔާބީއަކާ އެވެ.


މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، ރަވީ ފާރޫގް ޑައިރެކްޓް ކުރި މި ފިލްމަށް 2014 ގެ ސާކް ފިލްމު ފެސްޓިވަލްގައި ބްރޯންޒް މެޑެލް ލިބުނެވެ. އަދި "އިނގިލި" ގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ދައްކުވައިދިން އެކްޓިން އަށް އެ ފެސްޓިވަލްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.

މިއީ ދިވެހި ފިލްމަކަށް ރާއްޖޭން ބޭރުން މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އޭގެ އިތުރުން 2014 ގައި ބޭއްވި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އެވޯޑްގައި 14 ކެޓަގަރީއަކުން ނޮމިނޭޓްވެ، ޖުމްލަ 11 އެވޯޑް އުފުލާލައިގެން "އިނގިލި" އޭގެ މޮޅުކަން ދިވެހިންނަށް ވެސް ސާބިތުކޮށްދިނެވެ.

އެކަމަކު ރޭގެ ގައުމީ ފިލްމު އެވޯޑްސްގައި 12 ކެޓަގަރީއަކުން ނޮމިނޭޓް ވިޔަސް އެންމެ އެވޯޑެއް ވެސް އެ ފިލްމަކަށް ނުލިބުނެވެ.

މިއީ ރޭގެ އެވޯޑް ހަފުލާގެ އެންމެ ބޮޑު އެއް ޝޮކެވެ. އެކަން "އިނގިލި" ގެ ޓީމުން ވެސް ގަބޫލުކުރާނެ އެވެ.

އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ހުސައިން މުނައްވަރު (ކުޑަފޫޅު) ރޭ ސްޓޭޖް މަތީގައި އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލި ގޮތުން ވެސް "އިނގިލި" އާ ދޭތެރޭ އެ މީހުންގެ އުންމީދުތައް ވަރަށް މަތިކަން ގަބޫލުކުރެވުނެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް ފިލްމެއްގެ ސިނަމަޓޮގްރަފީ އަށް އެންމެ ބުރަކޮށް އަދި އެންމެ މޮޅަށް އޭނާ އަށް މަސައްކަތް ކުރެވުނު ފިލްމަކަށް ވާނީ "އިނގިލި" އެވެ. އެކަމަކު އޭނާ އަށް އެވޯޑް އުފުލައިލަން ފުރުސަތު ލިބުނީ އަލަތު ޑައިރެކްޝަން "ސަޒާ" ގައި ކޮށްފައި ހުރި މަސައްކަތަށެވެ.

"އިނގިލި" ގެ ޓްރެއިލާއެއް.

ކޮޕީ އިއްސެ "ލޫދިފާ" ގައި ދައްކުވައި ދިން އެކްޓިން އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ރޭ އުފުލާލިޔަސް އޭނާ ވެސް އެންމެ ބޮޑަށް އުންމީދުކޮށްގެން ހުރީ "އިނގިލި" އިން އެވޯޑް ލިބޭނެ ކަމަށެވެ.

އެންމެ ދެ މީހުންނާ އެކު، އެއް ތަނެއްގައި އެއް ރެއެއްގެ ހާދިސާއެއް ދައްކުވައިދޭ "އިނގިލި" އަށް ގައުމީ ފިލްމު އެވޯޑްސްގައި އެންމެ އެވޯޑެއް ވެސް ނުލިބުމުން، އިންސާފުވެރިކަމާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ.

އެންމެ މޮޅު އެކްޓަރަކަށް ހޮވުނު ކޮޕީ އިއްސެ (ވ) އެވޯޑާ ހަވާލު ވަނީ---މިހާރު ފޮޓޯ: ނިޝާން އަލީ

އެކަމަކު ބޭރުގެ ފެސްޓިވަލަކުން އެވޯޑް ލިބި އަދި ރާއްޖޭގައި 11 އެވޯޑް އުފުލި ފިލްމަކަށް ކޮންމެހެން އަދި ގައުމީ އެވޯޑް ނުލިބުމަކީ، އަނެއް ބައެއްގެ ނަޒަރުގައި، މައްސަލައެއް ނޫނެވެ.

ނަމަވެސް ސުވާލަކީ 12 ކެޓަގަރީއަކުން ނޮމިނޭޓްވި ފިލްމެއްގައި، އެންމެ އެވޯޑެއް ލިބޭހާ ފެންވަރު ވެސް ނެތީ ހެއްޔެވެ؟