ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަގެ ހިމާޔަތުގައި ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަން ތެދުވެއްޖެ އެވެ.
ވަރުންގެ ފޭން ޕޭޖެއް ހިންގަމުން އައި އެ ކުއްޖާ ވަނީ ޓްވީޓާ މެދުވެރިކޮށް ވަރުންގެ އެހީތެރިކަަމަށް އެދިފަ އެވެ.
އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ ދަނީ ކޮންމެ ދުވަހަކު ވެސް އޭނާ އާއި އޭނާގެ މަންމައަށް އަނިޔާކުރަމުންނެވެ. ބައެެއް ދުވަސްތަކުގައި އެ މީހުންނަށް ކާން ނުދީ ބައިތިއްބާ ކަމަށާއި ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމަށް ވެސް ބުނެފައިވެ އެެވެ.
އޭނާ ބުނި ގޮތުގައި ބައްޕައަކީ ރާބޯ މީހެކެވެ. އަދި އޭނާގެ މަންމައަށް ޗީޓްކޮށް އެހެން އަންހެނަކާ އެކު ގުޅުމެއް އޮންނަ ކަމަށް ވެސް ބުންޏެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ނަމަވެސް ހައްޔަރުކުރާތާ މާގިނައިރުތަކެއް ނުވެ އަނެއްކާ ވެސް ބައްޕަ ދޫކޮށްލާ ކަމަށް އޭނާގެ ޕޯސްޓުގައިވެ އެވެ.
އަންހެން ކުއްޖާ ބުނީ އެތައް ހެއްކެއް ހުށަހެޅުމުން ވެސް ގުޖުރާތުގެ ފުލުހުންނަށް ބައްޕަ ޖަލުގައި ބަންދު ނުކުރެވުނު ކަމަށެވެ. އެހެންވެ ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށް ބުނެ އަންހެން ކުއްޖާ ވަނީ ވަރުންއަށް އެކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ދިނުމަށް އެދިފަ އެވެ.
އެ ޓްވީޓް ވަރުންގެ ސަމާލުކަމަށް އައުމާ އެކު ވަރުން ބުނެފައި ވަނީ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ތެދެއް ނަމަ އެކަމުގައި އިދާރާތަކާ ވާހަކަ ދައްކައިގެން އެހީތެރިވާނެ ކަމަށެވެ.
ވަރުންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާގެ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ "ޖުގްޖުގް ޖީޔޯ" އެވެ. ކިއާރާ އަދްވާނީ އާއި އަނިލް ކަޕޫރު އަދި ނީތޫ ކަޕޫރު ވެސް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ މިމަހުގެ 24 ގަ އެވެ.