އިންޑިއާގެ މަޝްހޫރު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމުގެ ލީޑް ރޯލަށް ބޮލީވުޑްގެ ތަރި ވަރުން ދަވަން ހަމަޖައްސައިފި އެވެ.
ވައިއާރުއެފްގެ 50 އަހަރަށް ވުރެ ދިގު ތާރީހުގައި އަލަށް އުފައްދާ ބިރުވެރި ފިލްމުގެ މައިގަނޑު ރޯލުން ވަރުން ފެންނާނެކަން އިއްޔެ ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
މި ފިލްމު ޑައިރެކްޓްކުރުމަށާއި ސްކްރީންޕްލޭ ލިޔުމަށް ހަމަޖެހިފައި ވަނީ މަގުބޫލު ވެބް ސީރީޒް "ރޮކެޓް ބޯއިސް" އުފައްދައިގެން ތައުރީފު ހޯދި އަބޭ ޕައްނޫ އެވެ.
މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަށް ފަހު ވަރުން ވައިއާރްއެފްއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އަދި މިއީ އަބޭ ބޮޑު ސްކްރީނަށް ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމު ވެސް މެ އެވެ.
މި ފިލްމަކީ ވައިއާރްއެފްގެ ސީއީއޯ އަކްޝޭ ވިދާނީ އިސްނަގައިގެން، އެ ކުންފުނިން މިހާރު އުފައްދާ އެކްޝަން އާއި ލޯބީގެ އަދި ޑްރާމާ ފިލްމުތަކުގެ އިތުރުން އެހެން ޖޯންރާތަކުގެ ފިލްމުތައް އުފެއްދުމުގެ މަގުސަދުގައި ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި ފިލްމުގެ އުފެއްދުންތެރިން ބުނާ ގޮތުގައި، މިއީ މިހާރު ބޮލީވުޑްގައި އާންމުވެފައިވާ ބިރުވެރި މަޖާ ނުވަތަ ހޯރާ-ކޮމެޑީ ފިލްމުތަކާ ތަފާތު، ހަގީގީ ބިރުވެރި އަދި ނާމާން މާހައުލެއް ދައްކުވައިދޭނެ ފިލްމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ އުފެއްދުމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.