ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ ފުރަތަމަ އެކްޝަން ފިލްމު "އަލްފާ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ޔާޝް ރާޖު ފިލްމްސް (ވައިއާރުއެފް)ގެ ސްޕައި ޔުނިވާސްގެ އެންމެ ފުރަތަމަ އަންހެން ފައިޓަރުން ފެންނަ ފިލްމު "އަލްފާ"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު، ސޯޝަލް މީޑިއާގައި އެ ވާހަކަ ވަނީ ގަދަވެފަ އެވެ.
އެ ފިލްމަކީ "ދަ ރޭލްވޭ މެން" އިން ބޮޑު މަގުބޫލު ކަމެއް ހޯދި ޝިވް ރަވައިލް ޑައިރެކްޓުކޮށް، އަންނަ މަހު ތިނެއްގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ވަރުގަދަ އެކްޝަން ފިލްމެކެވެ.
އާލިއާއާ އެކު، އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރްވަރީ އާއި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރެވެ.
މި ޓްރެއިލާގެ އެންމެ ފަހު ސިކުންތުކޮޅުގައި ދައްކާލާ މަންޒަރަކީ މިހާރު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ. ޓްރެއިލާ ނިމެނިކޮށް، ފެހި ކުލައިގެ ކަޅިއެއް އިން މީހެއްގެ ދެ ލޮލުގެ ކްލޯޒްއަޕްއެއް ދައްކާލަ އެވެ. ސަޕޯޓަރުން ޔަގީންކުރާ ގޮތުގައި އެއީ ވައިއާރުއެފްގެ "ވޯ" ފްރެންޗައިޒްގެ ކެރެކްޓާ މޭޖާ ކަބީރު ނުތަވަ ރިތިކް ރޯޝަނެވެ.
ޓްރެއިލާ އާންމުކުރުމާ އެކު، ބައެއް މީހުން ބުނި ގޮތުގައި، މީގެ އެކްޝަން މަންޒަރުތައް "ޕަތާން" ނުވަތަ "ޓައިގާ 3" އަށް ވުރެ މާ ސަޅި އެވެ. ނަމަވެސް، އާލިއާގެ ހަށިގަނޑާއި ސިފަ ހުންނަ ގޮތުން މިފަދަ ވަރުގަދަ އެސާސިންއެއްގެ ރޯލަށް އޭނާ ފިޓް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މިއީ ބޮލީވުޑްގެ އެކްޝަން ފިލްމެއްގެ ލީޑުގައި އަންހެން ތަރިން ހިމަނައިގެން ގެނެސްދޭ ފުރަތަމަ ފިލްމެވެ.