ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް)ގެ މަޝްހޫރު "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުން ރަންބީރު ކަޕޫރު ފެންނާނެ ކަމަށް ބުނާ އަޑުތަކެއް ފެތުރިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޖޯން އަބްރަހަމް އާއި ރިތިކް ރޯޝަން އަދި އާމިރު ހާން ކަހަލަ ތަރިންނަށް ފަހު، އެ ފްރެންޗައިޒްގެ ވިލަންއެއްގެ ގޮތުގައި ދެން ފެންނާނީ ރަންބީރަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

"ބޮލީވުޑް ހަންގާމާ"ގައި ބުނީ ރަންބީރު އެ ރޯލަށް ނެގުމަކީ ޕްރޮޑަކްޝަން ޓީމުން މިވަގުތަށް ގެންގުޅޭ ހަމައެކަނި ވިސްނުމެއް ނުވަތަ ހިޔާލެއް ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ "ދޫމް 4"ގެ ސްކްރިޕްޓް އަދިވެސް ނުނިމޭތީ ކަމަށް އެ ނޫހުގައި ބުންޏެވެ.

"ދޫމް 3" ނިކުތް ފަހުން މިހާރު 13 އަހަރު ވެފައިވާއިރު، އަދިވެސް އެ ފިލްމަށް ރަނގަޅު ސްކްރިޕްޓެއް ނުލިބެ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ވައިއާރުއެފްގެ ވެރިޔާ އަދިތުޔާ ޗޯޕްރާ ވަނީ މިހާތަނަށް އެ ފިލްމުގެ 9 ސްކްރިޕްޓެއް ރިޖެކްޓް ކޮށްފަ އެވެ.

ރަންބީރު މިވަގުތު ބިޒީކޮށް އުޅެނީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ" އާއި ނިތޭޝް ތިވާރީގެ "ރަމާޔަނާ"ގެ މަސައްކަތުގަ އެވެ. އެ ދެ ފިލްމުގެ އިތުރުން "އެނިމަލް ޕާކް"ގެ މަސައްކަތް ވެސް ކުރިއަށް އެބައޮތެވެ.

ވައިއާރުއެފްއާ އެކު ރަންބީރު އެންމެ ފަހުން މަސައްކަތްކުރި ފިލްމު "ޝަމްޝޭރާ" ފްލޮޕްވުމާ ގުޅިގެން، އޭނާ މިފަހަރު ޕްރޮޖެކްޓެއްގައި ސޮއިކުރާނީ ސްކްރިޕްޓާ މެދު 100 ޕަސެންޓް ޔަގީންކަން ލިބުމުން ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. 

"ދޫމް"ގައި ކުރިން އަބީޝެކް ބައްޗަން ކުޅުނު އޭސީޕީ ޖޭ ދިކްޝިތުގެ ރޯލަށް ވީކީ ކޯޝަލް ގެންނަން އުޅޭ ކަމަށް ބުނާ އަޑުތަކެއް ވެސް މި ދުވަސްވަރު ވަނީ ފެތުރިފަ އެވެ. 

އެކްޝަން ތުރިލާ "ދޫމް" ފްރެންޗައިޒްގެ މިހާތަނަށް ނިކުތް ތިން ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ. އަދި އެ ފިލްމުތަކަކީ އިންޑިއާގެ ސިނަމާގައި "އެކްޝަން-ތުރިލާ" ޖޯންރާގެ މަގުބޫލުކަން އިތުރުކޮށްދިން ފިލްމުތަކެކެވެ.