ބޮލީވުޑްގެ މަޝްހޫރު ލަވަ "ޗުންނަރީ ޗުންނަރީ"ގެ ރީމޭކްއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މި ލަވައަކީ 1999 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ބީވީ ނަމްބަރު 1"ގައި ސަލްމާން ހާން އާއި ސުޝްމިތާ ސެން އުޅޭ ބޮޑު ހިޓް ލަވައެކެވެ. ނަމަވެސް، ޒުވާން އެކްޓަރު ވަރުން ދާވަންގެ ކުރިއަށް އޮތް ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"އަށް މި ލަވަ އަލުން ތައްޔާރުކޮށް އާންމުކުރުމާ އެކު ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރީމޭކް ލަވައިގައި އުޅެނީ ވަރުންގެ އިތުރުން މުރުނާލް ޓާކޫރާއި ޕޫޖާ ހެގްޅޭ އެވެ.
މި ލަވަ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާ އެކު، އާންމުންގެ ފަރާތުން ލިބުނީ ވަރަށް ފިނި އަދި ނެގެޓިވް ރިއެކްޝަނެކެވެ.
ޔޫޓިއުބްގެ 90 ޕަސެންޓު ކޮމެންޓްތަކުގައި ބުނެފައި ވަނީ ސަލްމާނާއި ސުޝްމިތާގެ އޮރިޖިނަލް ލަވަޔާ މި ލަވަ ގާތް ވެސް ނުކުރެވޭނެ ކަމަށެވެ. ބައެއް މީހުން "މިއީ ހާދަ ދަށު ދަރަޖައެއްގެ ކަމެކޭ" ބުނެފައިވާއިރު، އަނެއް ބަޔަކު ވަނީ "މިފަދަ ރީތި ލަވަތައް ހަލާކުކޮށްލަނީ ކީއްވެގެންތޯ" ސުވާލު އުފައްދައިފަ އެވެ.
ޕީވީއާރް އައިނޮކްސް އިން ވަނީ ފިލްމީ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ޝަރަފުގައި "ޑޭވިޑް ދަވަން ފިލްމް ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ހަރަކާތެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފަ އެވެ. އެ ހަފުލާގައި ޑޭވިޑްގެ އިތުރުން އޭނާގެ ދަރިފުޅު ވަރުން ބައިވެރިވި އެވެ. ނަމަވެސް، އެ ހަފުލާއަށް ބޮޑު ސަމާލުކަމެއް ލިބުނީ އެތަނަށް ސަލްމާން ދިއުމުންނެވެ.
އެތަނަށް އެއްވެ ތިބި މީހުންގެ ކުރިމަތީގައި ސަލްމާން ވަނީ ވަރުންއާ ސަމާސާ ކުރަމުން، "މަގޭ އެހެން ލަވައެއް ވެސް އަތުލައިގަތީ" އޭ ބުނެފަ އެވެ.
މީގެ ކުރިން ވެސް ވަރުން ވަނީ ސަލްމާންގެ މަޝްހޫރު ދެ ލަވަޔެއް ކަމަށްވާ "ޗަލްތީ ހޭ ކިޔާ ނޯ ސޭ ބާރާ" އާއި "އޫންޗީ ހޭ ބިލްޑިން"ގެ ރީމޭކްތައް ކުޅެފަ އެވެ.
އިންޓަނެޓުގެ ފާޑުކިއުންތަކުގެ އިތުރުން، މި ލަވައިގެ ރީމޭކް ހެދުމާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ރަމޭޝް ތައުރާނީ، ޑޭވިޑް ދަވަން، އަދި ކުރީގެ ޕްރޮޑިއުސަރު ވަޝޫ ބަގްނާނީގެ މެދުގައި ބޮޑެތި ދެބަސްވުންތަކާއި މައްސަލަތަކެއް ވެސް ވަނީ އުފެދިފަ އެވެ.