ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ފޮތެއް ލިޔުމުގެ މަސައްކަތް ފަށައިފި އެވެ.
"ޗައްޔަ ޗައްޔާ" ލަވައިން މަޝްހޫރުވި މަލައިކާގެ ފޮތަކީ ނިއުޓްރިޝަނާ ގުޅޭ ފޮތެކެވެ. ސިއްހަތަށް ރަނގަޅު ކާނާއާ ގުޅޭ އެ ފޮތް ލިޔުމުގެ މަސައްކަތް މަލައިކާ ކުރާއިރު އޭނާ އަކީ ވަރަށް ސިއްހަތަށް ބަލައިގެން އުޅޭ ތަރިއެކެވެ. ސޯޝަލް މީޑިއާގައި ވެސް ސިއްހަތާ ގުޅޭ އެކި ކަހަލަ ކަންކަން ވަރަށް ބޮޑަށް އޭނާ ޕްރޮމޯޓްކުރެ އެވެ.
މަލައިކާ ބުނި ގޮތުގައި، ދިރިއުޅުމުގައި އޭނާގެ ގޯލަކީ ހެލްތާއި ވެލްނެސްއާ ގުޅޭ ކަންކަން ހޯދައި ބެލުމެވެ. އެ ފޮތުގެ ސަބަބުން ގިނަ ބަޔަކަށް އެ މައުލޫމާތު ލިބުމަށް އެހީއަކަށް ވާނެ ކަމަށް ވެސް ބުންޏެވެެ.
މަލައިކާގެ ފޮތުގައި އޭނާގެ ވެލްނެސް ރޫޓިންތައް ވެސް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ފައިދާ ހުރި ކާނާ ކެއުމާއި ހެލްތީ ޑައިޓްތަކާއި ދުވަސް ފަށަމުން ހޫނު ލުނބޯ ފެން ތައްޓެއް ބުއިން ކަހަލަ މުހިންމު ބައިތަކެއް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.
އެ ފޮތް ނެރުމުގެ މަސައްކަތް އޭނާ ކުރަނީ ފޮތް ޗާޕުކުރާ "ދަ ސަންފްލާވާ ސީޑްސް ލިޓެރަރީ ކޮންސަލްޓިން"އާ ގުޅިގެންނެވެ. އެ ފޮތުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ މަލައިކާ ކުރާ ކަންކަމާ ބެހޭ މައުލޫމާތެވެ.