ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު އޭނާއަށް ފާޑުކިޔަމުންދާ ބޮލީވުޑްގެ ބައެއް ތަރިންނަށް ވަރުގަދަ ރައްދެއް ދީފި އެވެ.
މީޑިއާތަކާ ވާހަކަދައްކަމުން ކަންގަނާ އިއްޔެ ބުނީ އޭނާގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީގެ އިންސައްތައެއް ވެސް ހާސިލުނުކުރެވޭ މީހުންގެ ނަސޭހަތާއި ފާޑުކިޔުންތައް ދެން އަޑު ނާހާނެ ކަމަށެވެ.
ކަންގަނާ ވަނީ އޭނާއާ ދެކޮޅަށް ވާހަކަދައްކާފައިވާ ބައެއް ތަރިންގެ ނަންތައް ކިޔައި އެމީހުންނަކީ ކާމިޔާބު ބައެއް ނޫން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އޭނާއަކީ ކުއްތާއެއްހެން ހަޅޭލަވާ މީހެކޭ ބުނި އަޝުތޯޝް ރާނާ އާއި އަހުލާގު ރަނގަޅުކުރަން ގޮވާލި ސޯނޫ ސޫދަށް ވެސް ކަންގަނާ ރައްދު ދިނެވެ. އަދި އޭނާގެ އަބުރަށް ހުތުރުވާ ފަދަ ވާހަކަތައް ދައްކާ ކަމަށް ބުނެ ރާކީ ސާވަންތު އަށާއި، އޭނާ އުޅެބޮޑުވި ގޮތަށް ފާޑުކިޔާފައިވާ ތާޕްސީ ޕަންނޫއަށް ވެސް ކަންގަނާ ބަހުގެ ހަމަލާތައް އަމާޒުކުރި އެވެ.
އެމީހުންނަށް ރައްދު ދެމުން ކަންގަނާ ބުނީ އެއީ އެއްވެސް ކާމިޔާބީއެއް ހާސިލްކުރެވިފައި ތިބި ބައެއް ނޫން ކަމަށެވެ.
"އަހަރެންގެ ކާމިޔާބީގެ އެއް އިންސައްތަ ވެސް އެމީހުންގެ ހަޔާތުގައި ހޯދިފައި ނެތިއްޔާ، ތިމީހުންގެ އެއްވެސް ނަސޭހަތެއް އަހަރެން އަޑެއް ނާހާނަން،" ކަންގަނާ ބުންޏެވެ.
ނާކާމިޔާބުވެ، އާންމުންގެ ސަމާލުކަން ހޯދަން އުޅޭ އެ ކަހަލަ މީހުން މީޑިއާގެ ސަމާލުކަން ހޯދުމުގެ ކުރިން އޭނާ ފަދަ ކާމިޔާބު މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ކަންގަނާ ބުންޏެވެ.
އޭނާއަށް ވުރެ ކާމިޔާބު މީހުން ދައްކާ ވާހަކަތައް ނޫނީ އަޑު ނާހާނެ ކަމަށް ކަންގަނާ ބުންޏެވެ.
ތާޕްސީ، ކަންގަނާގެ އާއިލާއަށް ފާޑުކިޔުމުން އެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
ކަންގަނާގެ އާއިލާއަށް ފާޑުކިޔުމުން ކަންގަނާ ވަނީ ތާޕްސީއަކީ އޭނާގެ "ސަސްތީ ކޮޕީ"އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިންޑިއާގެ ޖަންތަރު މަންތަރުގައި ކުރިއަށް ގެންދިޔަ ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން ޒުވާނުންނަށް "ޖެނެރޭޝަން ގަޓާ"ގެ ނަމުން ކަންގަނާ މުހާތަބުކުރުމުން ސޯނޫ ސޫދު ވަނީ އެއީ ލަދުވެތި ކަމެއް ކަމަށް ބުނެފަ އެވެ. އަދި އިންޑިއާއަށް ހަގީގީ މިނިވަންކަން ލިބުނީ 2014 ގައި ބީޖޭޕީ ވެރިކަމަށް އައުމުން ކަމަށް ކަންގަނާ ބުނިބުނުމަށް ރާކީ ވަނީ ފާޑުކިޔައިފަ އެވެ.