ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ޚާން އިންޑިއާގެ އުއްތަރަކަންދުގައި ހުންނަ ހިންދޫންގެ ކޭދާރުނާތު ފައްޅިއަށް ޒިޔާރަތްކޮށް އަޅުކަންކުރުމާ ގުޅިގެން މުސްލިމު އިލްމުވެރިޔަކު އޭނާއާ ދެކޮޅަށް ނެރުނު ފަތުވާއަކާ ގުޅިގެން ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.
އެ ފަތުވާ ނެރުނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަރޭލީއަށް ނިސްބަތްވާ "އޯލް އިންޑިއާ މުސްލިމު ޖަމާއަތު"ގެ ރައީސް މައުލާނާ މުފްތީ ޝަހާބުއްދީން ރަޒްވީ ބަރޭލްވީ އެވެ.
އޭނާ ބުނީ މުސްލިމަކު އެހެން ދީނެއްގެ ފައްޅިއަކަށް ގޮސް އަޅުކަންކުރުމާއި ދީނީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އިސްލާމީ ޝަރީއަތުގައި ހަރާމް އަދި ނުބައި އަމަލެއް ކަމަށެވެ. އަދި ސާރާ ކުރި މި އަމަލަށް ﷲ ގެ ހަޟްރަތުގައި ތައުބާވެ މާފަށް އެދުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.
ސާރާ ވަނީ މިދިޔަ މަހު 25 ގައި ކޭދާރުނާތު ފައްޅިއަށް ޒިޔާރަތްކޮށް އަޅުކަމުގައި ބައިވެރިވެފަ އެވެ.
ނަމަވެސް، މި ފަތުވާއާ ގުޅިގެން އިންޑިއާގެ އެހެން ދީނީ އިލްމުވެރިންނާއި އާންމުންގެ މެދުގައި ވަނީ ފާޑުކިޔުންތައް ބޮޑުވެފަ އެވެ.
އިންޑިއާގެ މުސްލިމު އެހެން އިލްމުވެރިއެއް ކަމަށްވާ މައުލާނާ ސާޖިދު ރަޝީދީ ބުނީ ފިލްމީ ފަންނާނުން ކުރާ މި ކަހަލަ ކަންކަމާ ގުޅުވައިގެން ފަތުވާ ނެރުމަކީ ފަތުވާގެ ގަދަރާއި ހައިބަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އިންޑިއާއަކީ ޑިމޮކްރެޓިކް ގައުމަކަށް ވުމާ އެކު، ކޮންމެ މީހަކަށް ވެސް މިސްކިތްތަކަށާއި ފައްޅިތަކަށް ޒިޔާރަތްކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ތައާރަފުވީ 2018 ވަނަ އަހަރު ނުކުތް މަގުބޫލު ފިލްމު "ކޭދާރުނާތު" އިންނެވެ. އޭގެ ފަހުން ކޮންމެ އަހަރަކުހެން އޭނާ އަންނަނީ އެ ފައްޅިއަށް ޒިޔާރަތްކޮށް، ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
މިފަހަރު ނެރުނު ފަތުވާގެ މައްސަލައިގައި ސާރާ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.