ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާ އާއި ސާރާ އަލީ ޚާން ލީޑް ރޯލު ކުޅެފައިވާ ސްޕައި-ކޮމެޑީ ފިލްމު "އުޑްތާ ތީރް" ސިނަމާތަކަށް ނެރުނު ދެވަނަ ދުވަހު ބޮކްސް އޮފީހުގައި ކުރިއެރުން ހޯދައި، ޖުމްލަ އާމްދަނީ 11 ކުރޯޑް ރުޕީސްއަށް ވުރެ މައްޗަށް އަރައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 4.10 ކުރޯޑް ރުޕީސް އެވެ. ނަމަވެސް، އިއްޔެ ފިލްމުގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެ، އެ ދުވަހު އެކަނިވެސް ހަތް ކުރޯޑް ރުޕީސް ވަނީ ލިބިފަ އެވެ. އެއާ އެކު، ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ފިލްމަށް ވަނީ ޖުމްލަ 11.10 ކުރޯޑް ރުޕީސް (1.17 މިލިއަން ޑޮލަރު) ލިބިފަ އެވެ.

"އުޑްތާ ތީރް"އަކީ 50-65 ކުރޯޑް ރުޕީސް (5-7 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. 

އާކާޝް އޭ ކޯޝިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާއަށް ވަންނަ ޕާކިސްތާނުގެ ޖާސޫސެއް ކަމަށްވާ ބިލާލް އަހުމަދު (އަޔުޝްމާން) އަށް ދިމާވާ އެކްސިޑެންޓެއްގައި ހަނދާން ނެތުމުން، އޭނާއަކީ އިންޑިއާގެ ޖާސޫސެއް ކަމަށް ހީކޮށް އިންޑިއާގެ ދިފާއުގައި މަސައްކަތްކުރަން ފަށާ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ.

ފިލްމީ ދާއިރާގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި، ސިޓީތަކުގެ މަލްޓިޕްލެކްސް ސިނަމާތަކުގައި ފިލްމަށް ލިބެމުން އަންނަ ތަރުހީބު އިތުރުވަމުން އަންނާތީ، ހަފުތާ ބަންދު ނިމޭއިރު ފިލްމުގެ ޖުމްލަ އާމްދަނީ އިތުރަށް ބޮޑުވާނެ އެވެ.

މި ފިލްމުގައި އަޔުޝްމާން އާއި ސާރާގެ އިތުރުން ރާހުލް ބޯސް އާއި ރާމް ކަޕޫރު އަދި ގުލްޝަން ގްރޯވާ ކަހަލަ ތަޖުރިބާކާރު އެކްޓަރުން ފެނެ އެވެ.