ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ކްރައިމް ތުރިލާ ފިލްމު "ދުރިޝްޔަމް 3" ސިނަމާތަކުގައި އެޅުވިތާ އެންމެ 8 ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން 400 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.
އެއާ އެކު، މި ފިލްމު ވަނީ އަޖޭގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވެފަ އެވެ.
ބޮކްސް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިލީޒްކުރި ދެވަނަ ހަފުތާގެ ހުކުރު ދުވަހު (8 ވަނަ ދުވަހު) އެކަނިވެސް އިންޑިއާގެ ސިނަމާތަކުން މި ފިލްމަށް 14.50 ކްރޯޑު ރުޕީސް ލިބިފައިވެ އެވެ. އެއާ އެކު، ފިލްމަށް މުޅި ދުނިޔޭން ލިބުނު އާމްދަނީ ވަނީ 407 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 48.8 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
"ދުރިޝްޔަމް 3: ދަ ކޮންކްލޫޝަން" އުފެއްދީ 110 ކްރޯޑު ރުޕީސް (11.4 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
މި ބޮޑު ކާމިޔާބީއާ އެކު "ދުރިޝްޔަމް 3" ވަނީ އަޖޭގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ތަންހާޖީ: ދި އަންސަންގް ވޮރިއާ" އާއި "ސިންގަމް އެގެއިން" ފަހަތަށް ޖައްސާލައިފަ އެވެ.
އަބީޝެކް ޕާޓަކް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަޖޭގެ އިތުރުން ތަބޫ، ޝްރިޔާ ސަރަން، ޖައިދީޕް އަހްލަވަތު އަދި ރާޖަތު ކަޕޫރު ފަދަ މޮޅު އެކްޓަރުން މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.
މި ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ އާމްދަނީ 500 ކްރޯޑު ރުޕީސްއަށް ވުރެ މައްޗަށް އަރާނެ ކަމަށް ބޮކްސް އޮފީހުގެ އެނަލިސްޓުން ލަފާކުރެ އެވެ.
ބެލުންތެރިންނާއި ފިލްމު ކްރިޓިކުންގެ ފަރާތުން މި ފިލްމަށް ވަނީ ވަރަށް ތައުރީފު ވެސް ލިބިފަ އެވެ.
"ދުރިޝްޔަމް"ގެ ފުރަތަމަ ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ.