އާލިއާ އަދި އަޖޭ.
04 އޮކްޓޯބަރ 2021 - 06:59
އަންނަ އަހަރުގެ ޖެނުއަރީ މަހަކީ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން އަށް ވަރަށް ހާއްސަ ބޮޑު މަހަކަށްވާނެކަން ކަށަވަރުވެއްޖެ އެވެ.
ދެ ތަރިން މަސައްކަތްކޮށްފައިވާ ދެ ފިލްމެއް ޖެނުއަރީ މަހުގައި އެއް ދުވަހުގެ ތަފާތަކާ އެކު ގެނެސްދޭން މިހާރު އޮތީ ތާވަލުކޮށްފަ އެވެ. އާލިއާ ލީޑް ރޯލު ކުޅެފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ޖެނުއަރީ 6 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރިތާ ދެ ދުވަސް ފަހުން، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާ އެކު އާލިއާ މަސައްކަތްކުރި ފިލްމު "އާރްއާރްއާރް" ވަނީ ޖެނުއަރީ 7 އަށް ތާވަލުކޮށްފަ އެވެ.
އިންޑިއާގެ ދެކުނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ބަތަލުގެ ރޯލު ކުޅެފައިވާ އެ ފިލްމުގައި އަޖޭ ފެނިގެން ދާނީ ސަޕޯޓިން ރޯލަކުންނެވެ. "އާރްއާރްއާރް" އަކީ "ބާހްބަލީ" ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރުގެ ފިލްމެކެވެ. މި ފިލްމު ޖެނުއަރީ އަށް ފަސްކުރުމުގެ ކުރިން ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ތާރީހަކީ މި މަހުގެ 13 އެވެ.
އާލިއާ ޓައިޓްލް ރޯލު ކުޅެފައިވާ "ގަންގޫބާއީ" ގައި ވެސް އަޖޭ ފެންނާނީ ކުރު އެކަމަކު ވަރަށް މުހިއްމު ސަޕޯޓިން ރޯލަކުންނެވެ.
"އާރްއާރްއާރް" އާއި "ގަންގޫބާއީ" އެއް ދުވަހުގެ ތަފާތަކާ އެކު ސިނަމާތަކަށް ގެންނަން ނިންމުމަކީ ބޮކްސް އޮފީހުގައި ބޮޑު ވާދަވެރި ކަމަކަށް ވެގެން ދާނެ އެވެ. މިއީ މިދިޔަ އަހަރުން ފެށިގެން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ، ވަރުގަދަ ދެ ޑައިރެކްޓަރުންގެ ފިލްމުތަކެވެ.
ބައެއް މީޑިއާތަކުން ބުނީ ބަންސާލީ އާއި ރާޖަމޯލީގެ ފިލްމު އެއް ދުވަހުގެ ތަފާތަކާ އެކު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި އޮތަސް ތާރީހަށް އަދިވެސް ބަދަލެއް އައުން އެކަށީގެންވާ ކަމަށެވެ. ސަބަބަކީ ބޮޑު ދެ ފިލްމެއް އެހާ ގާތްގާތުގައި ރިލީޒްކުރުމަކީ ވިޔަފާރި އަށް ވެސް ވަރަށް ބޮޑު އަސަރެއްކުރާނެ ކަމަކަށްވުމެވެ. އެހެންވެ ކޮންމެވެސް އެއް ފިލްމެއްގެ ތާރީހަށް ބަދަލު އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ކުރިން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ގެނެސްދޭން ތާވަލުކުރި "ގަންގޫބާއީ" އަންނަ އަހަރަށް ފަސްކުރި އިރު، ފިލްމު މިިދިޔަ ޖުލައި މަހުގެ 30 ގައި އަޅުވަން ވެސް ޕްލޭންކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy