ބަންސާލީ އަދި ރާޖަމޯލީ.
05 ނޮވެމްބަރ 2021 - 06:47
ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވާޅީ" ރިލީޒް ކުރާތާ އެއް ދުވަސް ފަހުން ޖެނުއަރީ މަހުގެ 7 ގައި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ރިލީޒްކުރާ ގޮތަށް މިހާރު ތާވަ ލުކޮށްފައި އޮތަސް، ދެ ފިލްމުގެ ޑައިރެކްޓަރުން ވެސް ތާރީހުތަކަށް އެއްވެސް ބަދަލެއް ނުގެންނާކަމުގެ އިޝާރާތެއް ދީފި އެވެ.
މިދިޔަ އަހަރުން ފެށިގެން ރިލީޒްކުރި ފަސް ކޮށްފައި އޮތް މި ދެ ފިލްމުގެ ތެރެއިން ރާޖަމޯލީގެ ފިލްމު ޖެނުއަރީ 7 އަށް ތާވަލުކުރީ ބަންސާލީގެ ފިލްމު ޖެނުއަރީ 6 އަށް ތާވަލު ކުރިތާ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ވަރުގަދަ ބޮޑު ދެ ފިލްމެއް އެހާ ގާތް ގާތުގައި ރިލީޒް ކުރުމަކީ ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވޭތީ، ދެ ފިލްމުން ކުރެ ކޮންމެވެސް އެއް ފިލްމެއްގެ ތާރީހަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބެލެވުނެވެ.
މިކަމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އަށް ބަންސާލީ ބުނީ "ގަންގޫބާއީ" ޖެނުއަރީ 6 އަށް ތާވަލުކުރީ މާ ކުރިން ކަމަށްވާތީ އޭނަގެ ފިލްމުގެ ތާރީހަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.
"އަހަރެމެންގެ ފިލްމަށް ތާރީހެއް ހަމަޖެއްސި ފަހުން އެހެން ބަޔަކު އަހަރެމެންގެ ފިލްމުގެ އެއް ދުވަސް ފަހުން އެ މީހުންގެ ފިލްމު ރިލީޒްކުރަން ނިންމީ. އެހެންވީމާ އަހަރެމެންގެ ފިލްމުގެ ތާރީހަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް." އޭނާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން "ބާހްބަލީ" ވެސް ގެނެސްދިން ޑައިރެކްޓަރު ރާޖަމޯލީ ބުނީ ބޮޑު ދެ ފިލްމެއް އެހާ ގާތްގަތުގައި ރިލީޒް ކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
"އަހަރެން ގަބޫލު ކުރަނީ މީގެ ސަބަބުން ވިޔަފާރި އަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް. ދެ ފިލްމެއް ކީއްކުރަން އެއް ދުވަހެއްގައި ހަތަރު ފިލްމު ރިލީޒް ކުރިޔަސް އެ އެއްޗިއްސަކީ ބެލުންތެރިންނަށް ކަމުދާ އެއްޗެއްސަށްވެއްޖެ ނަމަ، ހިނގާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް." އޭނާ ބުންޏެވެ.
ރާޖަމޯލީ ބުނި ގޮތުގައި މި ދަނޑިވަޅަކީ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިވެގެން މަސައްކަތް ކުރަންވީ ވަގުތެއް ވެސް ނޫނެވެ. އެހެންވެ ގުޅިގެން މަސައްކަތް ކޮށްގެން ފިލްމީ ވިޔަފާރި ރަނގަޅު ކުރެވޭނެ ކަމަށް ބުންޏެވެ.
އޭނާ އެހެން ބުންޏަސް އާންމުކޮށް ބޮލީވުޑަކީ ބޮޑެތި ފިލްމުތައް އެއް ދުވަހެއްގައި ނުވަތަ މާ ގާތް ގާތުގައި ރިލީޒްކުރާ ނަމަ ބޮޑެތި ކޯޅުންތައް އުފެދި، ތާރީހުތައް ބަދަލު ކުރުމުގެ ސަގާފަތެއް ވެސް އޮންނަ އިންޑަސްޓްރީއެކެވެ.
"ގަންގޫބާއީ" އާއި "އާރްއާރްއާރް" ގެ ތާރީހުތަކަށް ދެން ބަދަލެއް ނުގެންނާނެ ކަމުގެ އިޝާރާތެއް ދެ ފިލްމުގެ ޑައިރެކްޓަރުން ދިން އިރު މިދިޔަ މަހުގެ 15 އަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ "މައިދާން" ކުރިން ތާވަލު ކޮށްފައި އޮތްވައި "އާރްއާރްއާރް" އެ މަހުގެ 13 އަށް ތާވަލު ކުރުމުން ބޯނީ ވަރަށް ބޮޑަށް ރާޖަމޯލީ އަށް ފާޑުކިޔެ އެވެ. ކަންދިމާކުރި ގޮތުން ދެ ފިލްމު ވެސް މި އަހަރަށް ފަސްކުރަން ޖެހުނީ އިންޑިއާގެ ކޮވިޑްގެ ހާލަތާ ހެދި އެހާ ތަނަށް ފިލްމުތަކުގެ މަސައްކަތްތައް ނުނިމިގެންނެވެ.
އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެފައިވާ "މައިދާން" މިހާރު ތާވަލު ކޮށްފައި އޮތީ އަންނަ އަހަރުގެ ޖޫން 3 އަށެވެ. ފިލްމުގެ ތާރީހު މިހާ ބޮޑަށް އޮޅުން ބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓުނީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ވަބާއާ ހެދި އެވެ.
ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަންގޫބާއީ" އާއި "އާރްއާރްއާރް" ޖެނުއަރީ މަހު އެއް ދުވަހުގެ ތަފާތަކާ އެކު ސިނަމާތަކަށް ގެންނަ އިރު މި ދެ ފިލްމުގެ ވެސް ބަތަލާ އަކީ އާލިއާ ބަޓެވެ. އަދި ދެ ފިލްމުގައި އަޖޭގެ ވަރުގަދަ ސަޕޯޓިން ރޯލްތަކެއް ކުޅެފައިވެ އެވެ. އެހެންވެ ޖެނުއަރީ 6 އާއި 7 އެ ދެ ތަރިންނަށް ވަރަށް ބޮޑު ދެ ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy