17 ނޮވެމްބަރ 2021 - 06:37
ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ފިލްމު "އާރްއާރްއާރް"، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ރިލީޒް ކުރާތާ އެއް ދުވަަސް ފަހުން ސިނަމާތަކަށް ގެންނަން ނިންމުމާ ގުޅިގެން ބަންސާލީގެ ފިލްމު ފަސްކޮށްފި އެވެ.
އާލިއާ ބަޓް ބަތަލާގެ ރޯލު ކުޅެފައިވާ މި ދެ ފިލްމަށް ބަލާ އިރު، ބަންސާލީގެ ފިލްމު ސިނަމާތަކަށް ގެންނަން އެންމެ ފަހުން ހަމަޖެއްސި ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 6 ގަ އެވެ. އަދި ރާޖަމޯލީގެ ފިލްމު ތާވަލުކޮށްފައި އޮތީ ޖެނުއަރީ 7 އަށެވެ. ނަމަވެސް ބޮޑު ދެ ފިލްމެއް އެހާ ގާތްގާތުގައި ރިލީޒް ކުރުމުން ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭތީ "ގަންގޫބާއީ" މިހާރު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ ފެބްރުއަރީ މަހުގެ 18 ގަ އެވެ.
މި ބަދަލުު ގެންނަން ޖެހިދާނެކަން "އާރްއާރްއާރް" ގެ ތާރީހު އިއުލާން ކުރުމާ އެކު ވެސް ބެލެވުނެވެ. އެކަމަކު ބަންސާލީގެ ޓީމުން ކުރިން ބުނެފައި ވަނީ ޖެނުއަރީ 6 އަށް އެ މީހުންގެ ފިލްމު ތާވަލުކުރީ މާ ކުރިން ކަމަށާއި އެހެންވެ "ގަންގޫބާއީ" ގެ ތާރީހަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އޭރު ރާޖަމޯލީ ބުނެފައި ވަނީ ގާތްގާތުގައި ދެ ފިލްމު ރިލީޒް ކުރުމަކީ މާ ބޮޑު މައްސަލައަކަށްވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ "އާރްއާރްއާރް" އާއި "ގަންގޫބާއީ" އަކީ ވެސް ކުރިން މިދިޔަ އަހަރު ގެނެސްދޭން އުޅުނު ނަމަވެސް ކޮވިޑާ ހެދި އެކަމަށް ހުރަސް އެޅުނު ދެ ފިލްމު ކަމެވެ.
"ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ރާޖަމޯލީގެ "އާރްއާރްއާރް" އަކީ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. މީގެ ލީޑް ބަތަލުންނަކީ މަޝްހޫރު ތެލެގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. އަދި އަޖޭ ދޭވްގަން ވެސް ފިލްމުގެ މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.
އަޖޭ ރޯލެއް ކުޅެފައިވާ "ގަންގޫބާއީ" އަކީ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ. މީގެ ލީޑް ބަތަލަކީ ޓީވީ ތަރި ޝަންތަނޫ މަހޭޝްވަރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy