ބޮލީވުޑްގެ އެކްޓަރު އަދިތުޔަ ސީލް އާއި އޭނާގެ އަންހެނުން އަނުޝްކާ ރަންޖަންއަށް އެއްމާބަނޑު ދެ އަންހެން ކުދިން ލިބިއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އުފަންވި އެ ދެ ކުދިންގެ އުފާވެރި ޚަބަރު އެ ދެމަފިރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ރޭ ހިއްސާކޮށްފަ އެވެ.
އެ ދެމަފިރިން ވަނީ ދެ ކުދިންނަށް ކީ ނަންތައް ވެސް ހާމަކޮށްފަ އެވެ. އެއީ "ވީރާ ރަންޖަން ސީލް" އާއި "މާހީ ރަންޖަން ސީލް" އެވެ.
ދެ ކުދިންގެ ކުރެހުމެއް ހިމެނޭ ރީތި ކާޑަކާ އެކު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އަދިތުޔަ ލިޔެފައި ވަނީ، "އަހަރެމެންގެ ދިރިއުޅުން އަލިކޮށްދިނުމަށް އަހަރެމެންގެ އަލިކަން (އަންހެން ދަރިން) އަތުވެއްޖެ. އަހަރެމެންގެ ހިތްތައް ވަނީ ލޯތްބާއި ޝުކުރުވެރިކަމުން ފުރިފައި،" ކަމަށެވެ.
އަނުޝްކާ ބަލިވެއިންކަން ހާމަކުރީ މިދިޔަ މެއި މަހު އެވެ. އެޗްޓީ ސިޓީއަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނެފައި ވަނީ ސެޕްޓެމްބަރު މަހު ކުއްޖަކު ލިބޭނެ ކަމަށް ބެލެވޭތީ ޚަބަރު ހިއްސާކުރުން މަޑުޖައްސާލީ އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުން ކަމަށެވެ.
ކައިވެނީގެ ޚަބަރު ދިނުމަށް ވުރެ ބަނޑުބޮޑުކަން އިއުލާންކުރުން އޭނާއަށް މާ ހާސްކަން ބޮޑުވި ކަމަށް ވެސް އަނުޝްކާ ބުނެފައިވެ އެވެ.
އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމަށް އުފުލި ވޭނާއި އެ ދުވަސްވަރު ފިރިމީހާ އަދިތުޔާގެ ފަރާތުން ލިބުނު އެއްބާރުލުމާ ބެހޭ ގޮތުން އަނުޝްކާ ވަނީ އެމީހުންގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރި ވީޑިއޯއެއްގައި ވާހަކައްދައްކައިފަ އެވެ.
އަނުޝްކާ ހާމަކުރި ގޮތުގައި އޭނާ ވަނީ މަދުވެގެން 150 އިންޖެކްޝަން ޖަހައިފަ އެވެ. އަދި 2023 އިން ފެށިގެން ދަރިއަކު ހޯދަން މަސައްކަތްކުރި ނަމަވެސް، އައިވީއެފް ހަދަން ޑޮކްޓަރަށް ދެއްކީ އޭނާގެ ކޮއްކޮ އާކަންޝާ ރަންޖަން ބުނެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
އަނުޝްކާ އާއި އަދިތުޔަ އެންމެ ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު އަނުޝްކާގެ އެންޖީއޯ "ބޭޓީ" އިން އިންތިޒާމުކުރި ހަރަކާތެއްގެ ތެރެއިންނެވެ. އެ ބައްދަލުވުން ލޯބީގެ ގުޅުމަކަށް ބަދަލުވެ، އެތައް އަހަރަކު ޑޭޓްކުރުމަށް ފަހު އެ ދެމަފިރިން ކައިވެނިކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.