ބޮލީވުޑްގެ މަޝްހޫރު ތަރި، އައިޝްވާރިޔާ ރާއީ ބައްޗަންގެ ކުރިއަށް އޮތް ފިލްމު "ޕޮންނިޔިން ސެލްވަން (ޕީއެސް1) ގެ ޕޯސްޓަރު އާންމުކޮށްފި އެވެ.

ހަތަރު އަހަރު ފަހުން އައިޝްވާރިޔާގެ ފިލްމެއް ނެރުމަށް ތައްޔާރުވަމުން އަންނައިރު، އެ ފިލްމުގައި އައިޝްވާރިޔާ ފެންނާނީ ނަންދިނީ ކިޔާ ރާނީއެއްގެ ރޯލުންނެވެ.

ޕޯސްޓަރާ އެކު އައިޝްވާރިޔާގެ ފެނިލުން ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އެ ރޯލަކީ އޭނާގެ އެންމެ އިންތިޒާރުކުރަމުން އަންނަ ކަހަލަ ފިލްމެއް ކަމަށް ސަޕޯޓަރުން ބުންޏެެވެ.

މަނީ ރަތުނަމް ޑައިރެކްޓްކުރާ އެ ފިލްމުގައި އައިޝްވާރިޔާ ޑަބަލް ރޯލަކުން ފެންނާނެ ކަމަށްވެ އެވެ.

އައިޝްވާރިޔާގެ ރީތިކަމާއި އޭނާގެ އެކްޓިން ސްކިލްގެ ބޭނުންކުރަން އެންމެ ރަނގަޅަށް އެނގެނީ މަނީ ރަތުނަމް އާއި ސަންޖޭ ލީލާ ބަންސާލީ އަށް ކަމަށް ބުނެ ސަޕޯޓަރުން ވަނީ އެ ފިލްމު އުފެއްދުންތެރިންނަށް ވެސް ތައުރީފުކޮށްފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު 30 ގައި ސިނަމާގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އެ ފިލްމު ހިންދީ، ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ބަހުން ވެސް ނެރޭނެ އެވެ.

އެ ފިލްމު އުފެއްދުމަށް 500 ކްރޯޑް ރުޕީސް (66 މިލިއަން ޑޮލަރު) ހަރަދުކުރި ކަމަށްވެ އެވެ. އެހެންވެ، އެއީ އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭނެ ފިލްމެކެވެ.

އައިޝްވާރިޔާއާ އެކު އެ ފިލްމުގައި ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު ވިކްރަމާއި ޖަޔަމް ރަވީ އާއި ކަރްތީ އާއި ތުރިޝާ އަދި ޖަޔަރަމް ކަހަލަ ތަރިން ފެންނާނެ އެވެ.

އައިޝްވާރިޔާ އެންމެ ފަހުން ކުޅުނީ 2018 ގައި ނެރުނު "ފަންނޭ ޚާން" އާއި "2.0" އިންނެވެ.