ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް، އޭނާގެ އިންސްޓަގްރާމްގައި ބަރަހަނާ ފޮޓޯތަކެއް އާންމުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ތަފާތު ގޮތަކަށް ހެދުން އަޅާތީ، ރަންވީރަށް އަބަދުވެސް ފާޑުކިޔުމާ ކުރިމަތިލާން ޖެހޭއިރު، މި ފަހަރު ސޯޝަލް މީޑިއާގައި ހޫނުވީ އޭނާގެ ބަރަހަނާ ފޮޓޯތަކެއް އާންމު ކުރުމުންނެވެ. މެގަޒިން ޝޫޓަކަށް ރަންވީރު ނެގި އެ ފޮޓޯތައް އާންމުކުރުމާއެކު ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަން ފެށި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބަރަހަނާ ފޮޓޯތައް އާންމުކުރުމުން ޖަމިއްޔާއަކާއި އާންމު ފަރުދަކު ފުލުހުންނަށް ރަންވީރުގެ މައްސަލަ ރިޕޯޓް ކުރުމުން އެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހުށަހެޅި މައްސަލައިގައި ބުނީ، ރަންވީރުގެ އެ ފޮޓޯތަކަކީ އަންހެނުންނަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށާއި އެ ފޮޓޯތަކުގެ ސަބަބުން އަންހެނުންނާ މެދު މީހުން ދެކޭ ގޮތަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

ރަންވީރާއި އޭނާގެ އަނބިމީހާ ދީޕިކާ ޕަޑުކޯން.
ރަންވީރާއި އޭނާގެ އަނބިމީހާ ދީޕިކާ ޕަޑުކޯން.

އެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި މީމްސް ހަދައި އެތައް ބަޔަކު ރަންވީރަށް ފާޑުކިޔަން ފެށުމުން ބޮލީވުޑްގެ ބައެއް ތަރިން ފަހުން ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ.

ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޝެޓީގެ "ސާކަސް" އެވެ. ޖެކްލީން ފެނާންޑެސް އާއި ޕޫޖާ ހެޖާ އެކު ރަންވީރު މަސައްކަތްކުރާ އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ޑިސެމްބަރުގަ އެވެ.