ބޮލީވުޑްގެ ތަރި ރަންވީރު ސިންގްއާ ދެކޮޅަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަމިއްލަ ޖަމިއްޔާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން އިން ނެރެފައި އޮތް "ނޮން-ކޯޕަރޭޝަން" ނުވަތަ އެއްބާރުލުން ނުދިނުމުގެ އަމުރު އެ ޖަމިއްޔާ އިން އިއްޔެ އަނބުރާ ގެންގޮސްފި އެވެ.

މި މައްސަލައަކީ ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމު "ޑޮން 3" އިން ވަކިވާން ރަންވީރު ނިންމުމާ ގުޅިގެން މިދިޔަ މަހު 25 ގައި އެފްޑަބްލިއުއައިސީއީން އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ. އެއާ އެކު ބޮލީވުޑްގައި ގިނަ ބައެއްގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްޑަބްލިއުއައިސީއީގެ ރައީސް ބީ އެން ތިވާރީ ބުނެފައި ވަނީ އެ ނިންމުން އުވާލަން ނިންމީ ބޮލީވުޑްގެ އެހެން ޖަމިއްޔާތައް ކަމަށްވާ ސިންޓާ އަދި އިމްޕާގެ އެދުމުގެ މަތިން ކަމަށެވެ.

އެފްޑަބްލިއުއައިސީއީގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު ބުނީ އެ އަމުރު ބާތިލްކުރުމަށް އެދި ރަންވީރުގެ ފަރާތުން އެ ޖަމިއްޔާއަށް ގާނޫނީ ނޯޓިހެއް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި އެފްޑަބްލިއުއައިސީއީއަކީ އެއްވެސް މީހެއްގެ މަސައްކަތެއް ނުވަތަ މީހަކު ބޭން ކުރުމުގެ ބާރު އޮތް ބައެއް ނޫން ކަމަށާއި ރަންވީރާ ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރަން އެ ޖަމިއްޔާ އިން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. 

މި މައްސަލަ ބޮޑުވެ، ސީނިއާ ޕްރޮޑިއުސަރު ޓީޕީ އަގަރްވާލް ވަނީ އެފްޑަބްލިއުއައިސީއީ އާއި އިމްޕާއާ ދެކޮޅަށް ބޮމްބޭ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނީ  އެއްވެސް ޖަމިއްޔާއަކަށް މީހެއްގެ މަސައްކަތް ހުއްޓުވައި ބޯއިކޮޓް ކުރުމުގެ ގާނޫނީ ހައްގެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން، ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ އިން ވެސް ވަނީ ފިލްމުތަކަށް އެއްބަސްވުމަށް ފަހު ފަހު ވަގުތު އެކްޓަރުންނާއި ޓެކްނީޝަނުން ވަކިވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި ސީދާ ވަކި މީހެއްގެ ނަމެއް ނަމަވެސް، އެއީ "ޑޮން 3" އިން ރަންވީރު ވަކިވުމާއި "ދުރިޝްޔަމް 3" އިން އަކްޝޭ ކަންނާ ވަކިވުމާ ގުޅިގެން އެކްސެލް އެންޓަޓެއިންމަންޓް ކަހަލަ ޕްރޮޑަކްޝަން ހައުސްތަކަށް ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް ނެރުނު ބަޔާނެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ބޮލީވުޑްގެ ފަންނާނުން ކަމަށްވާ ކަންގަނާ ރަނާވަތު އާއި ރާމް ގޯޕާލް ވަރްމާ އަދި ޕަދްމިނީ ކޮލްހާޕޫރޭ ވެސް ވަނީ މި މައްސަލައިގައި އެމީހުންގެ ހިޔާލު ފާޅުކޮށްފަ އެވެ.