ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ދަރިފުޅަށް "ރަހާ" ގެ ނަން ދީ އެކަން އިއުލާނުކޮށްފި އެވެ.
އާލިއާ ވިހޭ ހަބަރު ލިބުމާ އެކު ބެލުންތެރިން އައީ ދަރިފުޅަށް އެކި ނަންތައް ދެމުންނެވެ. އަދި ވަރަށް ގިނަ މީހުން ބުނަމުން އައީ އެ މީހުން ދަރިފުޅަށް ނަން ކިޔާނީ ދެމީހުންގެ ނަމާ ގުޅުވައިގެން ކަމަށެވެ.
އާލިއާގެ އިންސްޓްގްރާމްގައި ހިއްސާކުރި މިފޮޓޯގައި އޭނާ އާއި ރަންބީރުގެ ފުސް ފޮޓޯއެއްގެ ފަހަތުން ފެންނަން އިނީ ތުއްތު ކުއްޖެއްގެ ޖޯޒީއެއްގައި "ރަހާ" މިނަން ލިޔެފަ އެވެ.
އާލިއާ ބުނެފައިވާ ގޮތުގައި "ރަހާ" މި ނަން ދިނީ ދަރިފުޅުގެ މާމަ ނީތޫ ކަޕޫރެވެ. އަދި ޕޯސްޓުގެ ތިރީގައި "ރަހާ"ގެ މާނާގައި ވަރަށް ރީތި މާނަތަކެއް އެކުލެވިގެންވާ ކަމަށް ވެސް އޭނާ ފާހަގަކޮށްފައި އިނެވެ. އަދި އެކި ބަސްބަހުން ދަރިފުޅުގެ ނަމުގެ މާނަ ވެސް ލިޔެފައި އޮތެވެ.
"ރަހާ" އަކީ ސްވާހްލީ ބަހުން އުފާވެރިކަމެވެ. އަދި ސަންސްކްރިކްތު ބަހުން ގިންތި އަދި ބަންގްލަދޭޝް ބަހުން އެއީ އަރާމު ކަމަށައި އަރަބި ބަހުން އެއީ ސުލްހަ ކަމަށް ބުނެފައިވެ އެވެ.
ދަރިފުޅުގެ ނަމާ މެދު ވަރަށް ހިތްހަމަ ޖެހިފައި ހުރިކަން ފާހަގަކުރަމުން އާލިއާ ބުނެފައި ވަނީ އަދި ކިރިޔާ އެ މީހުންގެ ދިރިއުޅުން ފެށުނީ ކަމަށެވެ.
މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އާލިއާ އާއި ރަންބީރަށް އަލަތު ދަރިފުޅު ލިބުނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ވިއުމަށް ފަހު އާލިއާ އެންމެ ފުރަތަމަ، ޖޯޑެއްގައި "މާމާ" ޖަހާފައި ހިއްސާކުރި ފޮޓޯ އަށް ވެސް ބެލުންތެރިންގެ ލޯބި ލިބުނެވެ.