ހަތަރު އަހަރަށް ފަހު ބޮލީވުޑްގެ ބަތަލް ޝާހްރުކް ހާން އެނބުރި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމު، "ޕަތާން" ރިލީޒްކުރަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް އިއްޔެ އޮންލައިން ވެބްސައިޓުތަކަކަށް ލީކުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަސްމީކޮށް މިއަދު ރިލީޒްކުރަން ހަމަޖެހިފައި އޮތް އެ ފިލްމު ވަނީ "ފިލްމީޒިލާ" އާއި "ފިލްމީ4ވެޕް" ފަދަ ޕައިރޭޓް ވެބްސައިޓްތަކަކަށް އިއްޔެ ލީކުވެފަ އެވެ. އަދި އެއާ އެކު ގިނަ ޕައިރޭޓް ވެބްސައިޓްތަކަށް ފިލްމު ނެގުމުގެ މަގުފަހިވާނެ އެވެ.
"ޓައިމްސް ނައު" ނޫހުން ލިޔެފައިވާ ގޮތުން، އެ ވެބްސައިޓުގައި "ޕަތާން" ލީކުވެފައި ވަނީ ސްކްރީން ކޮޕީއެއް ކަމަށާއި، އަނެއް ވެބްސައިޓުގައި އިނީ އެޗްޑީކޮށް ކަމަށެވެ.
ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް ފެންނަ އެ ފިލްމު 100 އަށް ވުރެ ގިނަ ގައުމުގައި އަޅުވަން ހަމަޖެހިފަައި ވާއިރު، މިރޭ 8:15 ގައި ރާއްޖޭގައި ވެސް، ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާނެ އެވެ.
ޕަތާންގެ ޓިކެޓް ވިއްކަން ހުޅުވާލިތާ ހަފްތާއެއް ތެރޭގައި ވަނީ މިލިއަނަކަށް ވުރެ ގިނަ ޓިކެޓް ވިކިފައި ކަމަށް ހަބަރުތައް ބުނެ އެވެ. ޝާހުގެ އެނބުރިއައުމަށް އިންތިޒާރުކުރާ އެތައް ފޭނުންނެއް ތިބި އިރު، ފިލްމު އުފެއްދި ޕްރޮޑަކްޝަން ހައުސް، ޔާޝް ރާޖް ފިލްމު (ވައިއާރްއެފް) އިން ވަނީ އެ ފިލްމު ހަމައެކަނި ސިނަމާތަކުން ބެލުމަށް އެދިފަ އެވެ.
"އެންމެ ބޮޑު އެކްޝަން ފިލްމަށް ތައްޔާރުތަ؟ އެއްވެސް ވީޑިއޯއެއް ރެކޯޑްކޮށް، އޮންލައިންކޮށް ޝެއާކޮށް، އެއްވެސް ސްޕޮއިލާއެއް ދިނުމުން ދުރުހެލިވުމަށް ތި އެންމެން ކިބައިން އެދެން. ޕަތާން ތަޖުރިބާ ކުރާނީ ހަމައެކަނި ސިނަމާތަކުގައި." ވައިއާރްއެފްގެ ޓްވިޓާގައި ކުރިން ބުނެފައިވެ އެވެ.
ފިލްމު ބަލާފައި ތިބި ގިނަ ބަޔަކު ޓްވިޓާގައި ވަނީ އެ ފިލްމަށް ވަރަށް ތައުރީފްކޮށްފަ އެވެ. އަދި އެއީ ޑައިރެކްޓަރު، ސިދްހާތު އާނަންދުގެ ފަރާތުން އުންމީދުކުރި ކަހަލަ ފިލްމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.