ބުދަ ދުވަހާ ގުޅޭ
ފައިސަލް ކައިރިވާ ވަރަކަށް އޭނަ އެނބުރެނީ އަނެއް ފަރާތަށެވެ. އެ ތަނުގައި ހިނގަމުންދިޔަ ކަންތައްތަކަށް ސިރާޖު ސަމާލުކަމެއް ނުދެއެވެ. ކަމެއްވާހެން ވެސް އޭނައަށް ހީނުވާ ކަހަލައެވެ.
"އެކަމަކު ބޭބެގެ އެބަ އޮތް ސުވާލެއް،" ކައިރި ހަރުގަނޑުގައި ހުރި ސާމާނުތަކަށް ސަމާލުކަންދެމުން ސިރާޖުގެ ވާހަކަ ކުރިޔަށްގެންދިޔައެވެ. "ދެއަންބަށް އިންނަން ރިންދާ އެއްބަސްތަ؟"
ސިރާޖު ދައްްކާ ވާހަކައަށް ފައިސަލަކަށް ސަމާލުކަމެއް ނުދެވެއެވެ. ފައިސަލް ހިތަށްއެރިއެވެ. ފުރަގަހުން ފެނުނަސް، އެ އަންހެންކުއްޖާގެ ކިބައިގައި ދަންނަ ގޮތެއް ހުންނަނީ ކީއްވެގެންހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުދިނީ ފައިސަލްގެ ހިތެވެ. އެއީ އާމިރާއެވެ. ފައިސަލްގެ ސިކުނޑި ބުންޏެވެ. ނޫނެކެވެ. އާމިރާ ވީ އިންޑިޔާގައެވެ. އޭނަ މާލެއަކަށް ނާދެއެވެ. ނުވެސް އަންނާނެއެވެ.
"ދެއަންބަށް އިންނަން ރިންދާ އެއްބަސްހޭ؟" ސިރާޖުގެ ސުވާލު ތަކުރާރުކޮށްލިއެވެ.
ފައިސަލް ބަލަހައްޓައިގެންހުއްޓައި އެ އަންހެންކުއްޖާ ނިކަން އަވަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ. ޖެހިގެންހުރި ހަރުގަނޑާ ނިވާވެ، ފައިސަލްގެ ލޯމަތިން ގެއްލުނެވެ.
"ކަލޭ ކަންފަތުގެ މައްސަލައެއް އުޅެނީތަ؟" ފައިސަލާ ދިމާއަށް ބަލައިލަމުން ސިރާޖު އެހިއެވެ.
"ދުށިންތަ އޭނަ؟" ފައިސަލް އެހިއެވެ.
"ކޯނަ؟" ސިރާޖު ބުންޏެވެ.
ފައިސަލް ތަންކޮޅެއް ބާރަށް ހިނގައިފައި ގޮސް، އެ އަންހެންކުއްޖާ ދިޔަ ދިމާއަށް ނުކުތެވެ. އޭނައެއް ނުފެނުނެވެ. މުޅި ތަނުގައި ފައިސަލް އަތްފުޅާއަޅައިގެން ވެސް އޭނައެއް ނުފެނުނެވެ.
"ކޯޗެއް ފެނުނީތަ؟" ސިރާޖު އެހިއެވެ.
"އޭނަ! އާމިރާ!" ފައިސަލް ބުންޏެވެ. "ދެންމެ އަހަރުމެން ކައިރީގަ އާމިރާއޭ ހުރީ."
ސިރާޖު ކުއްލިއަކަށް ފޯނުނެގިއެވެ.
"ކާކަށް ތި ގުޅަނީ؟" ފައިސަލް އެހިއެވެ.
"މަންސޫރަށް،" ސިރާޖު ޖަވާބުދިނެވެ. "މަ ބުނާނަން އެއްކަލަ ގޮލާ އަނެއްކާ ވެސް ޖިންނިމޮޔަވެއްޖޭ! އާނ އެހެންޏަ! އިންޑިޔާގަ ހުރި މީހަކު މި ތަނުން ފެނިއްޖެއްޔާ އެއީ މައްސަލައެއްނު!"
"ތީ ވެސް ތެދެއް!" ފައިސަލް ބޯކަހައިލައިފައި ބުންޏެވެ. "ހިނގާ މި ތަނުން ނުކުންނަމާ!"
ރޭގަނޑު ފައިސަލްގެ ގޭގައި ފިލްމުބެލުން އޮތެވެ. އެއީ ޑިސްނީއިން އެންމެ ފަހުން ނެރުނު ކާޓޫނު ފިލްމެވެ. ޒިޔާނަކަށް އެ ފިލްމު ކަމަކުނުދިޔައެވެ. ވަކި ހިސާބަކުން ޒިޔާން ދިޔައީ ނިދާށެވެ. ފިލްމުބަލަން ތިބީ ފައިސަލާއި ރިންދާއެވެ. ޒިޔާން ދިޔުމުން ރިންދާ ދައްކަން ބޭނުންވި ވާހަކަދައްކަން މަގުފަހިވިއެވެ.
"އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަހަރުމެން މެރީކުރަންއުޅޭކަމެއް،" ރިންދާއަށް ބުނެވޭނެ އެންމެ ތުއި، އެންމެ އޯގާތެރި ރާގުގައި ބުންޏެވެ. "ސީރިޔަސްލީ! ހީވަނީ ޑްރީމެއްހެން."
"ވަރަށް އަވަހަށް މި ޑްރީމް ތެދަކަށްވާނެ،" ފައިސަލް ބުންޏެވެ. "ހަނީމޫނަށް ކޮންތާކަށް ދާން ބޭނުންވަނީ؟ ރިންދާ ބުނި ތާކަށް ގެންގޮސްދޭނަން. އިންސްޓާ މި ފަހަރު ފުރާލަންވާނެ."
"އަޅޭ!" ރިންދާ ބުނެލިއެވެ. "މިހާރު ބިރުގަންނަން ފަށައިފި! އެސްފީނާ ޖެހިއްޖެއްޔާޔޯ؟ ހިނގާ ފާލުބަލަމާ!"
ފައިސަލް ހީނގަތެވެ. ރިންދާ ސަމާސައަކަށް ބުނި އެއްޗެއްކަމަށް ހީކޮށެވެ. ރިންދާ ކަހަލަ ކުއްޖަކު ފާލުބެލުން ކަހަލަ ކަންކަން ގަބޫލުކޮށްފާނެކަމަކަށް ފައިސަލަކަށް ގަބޫލެއް ނުކުރެވެއެވެ.
"ރިސޯޓަކަށްތަ ނޫނީ ރާއްޖެއިން ބޭރަށްތަ ދާނީ؟" ފައިސަލް ދެއްކީ އެހެން ވާހަކައެކެވެ.
"ސީރިޔަސްކޮށް ހިނގާބަލަ ފާލުބަލަމާ! ނޫނީ ހިނގާ އަތްބަލަމާ!" ރިންދާ އެދުނެވެ. "އަހަރެންގެ ފްރެންޑެއްގެ ހުންނާނެ އަތްބަލާ ބޭބެއެއް. އޭނަ ބުނާ އެއްޗެހި ނައިންޓީ ނައިން ޕަސަންޓް ދިމާވޭ! އަޅެ ހިނގާބަލަ! ޕްލީޒް! ފްރީއޭ!"
ފައިސަލަށް މައްސަލައަކީ އަގެއްދޭންޖެހުމެއް ނޫނެވެ. ކަމުގެ ބޭކާރުކަމާއި، އެ ކަމުން ނުކުމެދާނެ މައްސަލައެވެ.
"ރިންދާ އެ ކަހަލަ އެއްޗެހި ވަރަށް ގަބޫލުކުރަންތަ؟" ފައިސަލް ސުވާލުކުރިއެވެ.
"ގަބޫލުކުރާތީއެއް ނޫނޭ!" ރިންދާ ބުންޏެވެ. "އޭނަ ބުނާ އެއްޗެއް ބަލާލަން. އަހަންނަކީ އެ ކަހަލަ ކަންތައް އެހާ ސީރިޔަސްކޮށްނަގާ މީހެއް ނޫން. ފައިސަލަށް އަދިވެސް އަހަރެން ނޭނގޭތަ؟"
އިތުރު އެއްޗެއް ފައިސަލަށް ނުބުނެވިގެން އުޅެނިކޮށް ރިންދާ އެ މީހަކަށް ގުޅިއެވެ. އެ ގެއަށް އައުމަށް އެ މީހާ އެދުނެވެ. މިނެޓެއް ވެސް ބޭކާރުކޮށް ނުލައި ފައިސަލްގެ އަތުގައި ހިފައިގެން ރިންދާ ނުކުތެވެ. އެ ގެއަކަށް ދިޔައެވެ. އިންކާރުނުކޮށްހުރި ނަމަވެސް، އެ ކަމަކީ ފައިސަލް އެއްގޮތަކަށް ވެސް ކުރާހިތްވި ކަމެއް ނޫނެވެ. ރިންދާ ފުރަތަމަ ވެސް ބޭނުންވީ ފައިސަލްގެ އަތް ދައްކާށެވެ. މަސްލަހަތަށް ބަލައިފައި ފައިސަލް އަތް ދެއްކިއެވެ. އަތްބަލަން އިނީ މެދުއުމުރުގެ މީހެކެވެ. ކުދި އަކުރުން ލިޔެފައިވާ ލިޔުމަކަށް ބަލާހެން އަތްބަލަނިކޮށް ރިންދާގެ ކެތްތެރިކަން ކޮޅުންލިއެވެ.
"އަހަރުމެން ދެމީހުންނަށް މެރީކުރެވޭނެތަ؟" ރިންދާ އެހީ ވަރަށް ސާދާ ސުވާލެކެވެ.
ފައިސަލްގެ އަތްބަލައި ނިމުމަށް ފަހު، އެއްވެސް އެއްޗެއް ނުބުނެ ރިންދާގެ އަތްބަލަން ފެށިއެވެ. އެއީ ހަމަހިމޭން ވަގުތުކޮޅެކެވެ. ކުކުޅުފަތެއް ތަޅުންގަނޑަށް ވެއްޓުނު ނަމަ އެ އަޑު ވެސް އެ ވަގުތު އިވުނީހެވެ.
"ވަކި ސުވާލެއްކުރީމަ އަހަރެން އެހެން ވާހަކަތަކެއް ނުދައްކާނަން. ސީދާ އެ ސުވާލަށް ޖަވާބުދޭނީ،" އޭނަ ބުންޏެވެ. "މި ވަގުތަށް އަތުން ދައްކަނީ، ތި ކައިވެންޏަށް ހުރަސްތަކެއް ހުރިކަމަށް."
ވަގުތުން ރިންދާގެ މޫނު މިލާމޯޅިވިއެވެ. ފައިސަލް އެންމެ ބިރުގަތްކަމަކީ އެއީއެވެ. އެކަމަކު ދެން ކުރެވޭނެކަމެއް ނެތެވެ. އެ ގެއިން ނުކުމެގެން ރިންދާ ގެއަށްލާންދިޔަ މަގުމަތީގައި ވެސް ރިންދާ އެއްވެސް ވާހަކައެއް ނުދައްކައެވެ.
"ދެން މީހަކު ހަމަ ބުނާހާ އެއްޗެއް ގަބޫލުކުރާކަށް ނުވާނެއްނު ރިންދާ!" ފައިސަލް ބުންޏެވެ. "ބުނީމެއްނު ސީރިޔަސްއެއް ނުވާނަމޭ. ތިހާ ސީރިޔަސްވާނެކަން އެނގުނު ނަމަ ނުވެސް އައިމުސް."
"އެހެންވެޔޭ އަހަރެން އެހެން ބުނީ،" ހިތްހަމަނުޖެހިފައިވާ އަޑަކުން ރިންދާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ގެއަށް ދާކަށް. ހިނގާ މޫދުކައިރިއަށް."
ފައިސަލް މޫދުކައިރިއަށް މިސްރާބުޖެހިއެވެ. އެ މީހުން ދިޔައީ މާލޭގެ ހުޅަނގުފަރާތު ވާޓަރު ކައިރިޔަށެވެ. ސައިކަލުން ފައިބައިގެން ވާޓަރު މަތީގައި، އެތައް އިރެއް ވަންދެން ފައިސަލް އިންނަން ޖެހުނެވެ. ރިންދާއަށް ވިސްނައިދިނުމުގައެވެ. ޔަގީންކަން ދިނުމުގައެވެ. ރިންދާއަކަށް ފައިސަލް ދައްކާ ވާހަކައެއް ގަބޫލެއް ނުކުރެވެއެވެ. އިރުއިރުކޮޅާ ބުނެވެނީ އަތްބެލިމީހާ ބުނި އެއްޗެވެ. އެންމެ ފަހުން ރުއިންގަނޑަކަށް ބަދަލު، ކަނޑަށް ފުންމައިލުމުގެ ހިޔާލެއް ވެސް ރިންދާ ގެންގުޅުނެވެ. ފައިސަލަށް އެ ރޭ ވެގެންދިޔައީ އިންތިހާއަށް ދިގު، އުނދަގޫ ރެޔަކަށެވެ.
ޖެހިގެންއައި ދުވަހު ފައިސަލް އޮފީހަކަށް ނުދެއެވެ. ނިދިހަމަވަންދެން ނިދައިލީއެވެ. ހޭލެވުނު އިރު ސިރާޖުގެ ކެޓިކޯލުތަކެއް ހުއްޓެވެ. މެސެޖު ވެސް ހުއްޓެވެ. ކަލޭ މަރުވީހޭ ވެސް އެއް މެސެޖުގައި އަހައިފައި އޮތެވެ. ހޭލައި، ހަމަޖެހިލައިގެން ސިރާޖަށް ގުޅުނު އިރު މެންދުރު އެގާރަޖަހަނީއެވެ.
"ތި ގެއަށް ދާން ހަމަ ނައްޓާލަނިކޮށް ތި ގުޅީ،" ސަމާސާ ރާގެއްގައި ސިރާޖު ބުންޏެވެ. "ހިތަށްއެރި މަރުވީބާއޭ ވެސް. އެކަމަކު ކަލެއަކީ ދުވަހަކު ވެސް މަރުވި މީހެއް ނޫން. އެހެންވެ އެނގޭ މަރެއް ނުވާނެކަން."
"ކަލޯ ރޭގަ ރިންދާ ކުރި ކަމަކުން ބޯހަލާކު،" ފައިސަލް ބުންޏެވެ. "ކުރުކޮށް ކިޔާލަދޭނަން."
ފައިސަލް ވަރަށް ކުރުކުރުކޮށް ކިޔައިދިނެވެ. ސިރާޖަށް ދޭހަވީ އެންމެ މާނައެކެވެ.
"ކުރީ ދުވަހު ކީކޭ އަހަރެން ބުނީ؟" ސިރާޖު އެހިއެވެ. "ހުރިހާ ވެސް މައްސަލައަކީ އާމިރާ ވަރިނުކުރާތީ! ތިޔަ އަތްބެލި މީހަކު ވެސް އެ ބުނާ ހުރަހަކީ އެއީ. ރިންދާއަށް ބުނަން ނުކެރިގެން ރޮއިހޭރުނު އެއްޗަކީ ވެސް އެއީ. އެބަ ޖެހޭ އެ ކަމާ ފޭސްކުރަން. ތިހެން ދެ އޮޑިޔަށް ދެފައި ލައިގެނެއް ނުހުރެވޭނެ. ކައްގަނޑު ފަޅައިގެން ހިނގައިދާނެ."
ހަގީގަތުގައި އެއީ ފައިސަލް ކުރިމަތިލާން ބޭނުން ނުވާ މައުލޫއެކެވެ. ފައިސަލް ނިންމައިގެންހުރީ ރިންދާ އެ ވާހަކަ ނާހާ ނަމަ، އެ ވާހަކަ ނުދައްކާށެވެ. ރިންދާ ހީކޮށްގެންހުރީ، ރިންދާޔާ ކައިވެނިކުރުމުގެ ކުރިން އާމިރާ ވަރިކުރާނެ ކަމަށެވެ.
"ރިންދާ ބުނިތަ ދެއަންބަށް އިންނަން އޯކޭއޭ؟" ސިރާޖު އެހިއެވެ.
"އޯކޭއެއް ނޫނޭ ވެސް އޭނައެއް ނުބުނޭ!" ބޯދަމައިގަންނަން މަސައްކަތްކުރަމުން ފައިސަލް ބުންޏެވެ. "އެ ކަހަލަ ކަންކަމާ އޭނަ އެހާ ސީރިޔަސްއެއް ނުވާނެ. އާމިރާ ހުރީ ރާއްޖެއަކު ވެސް ނޫން. އޭނަޔާ އަހަންނާ ގުޅުމެއް ވެސް ނެތް. ދެން ކޮބާ މައްސަލައަކީ؟"
"އަހަންނަށް މައްސަލައެއް ނެތޭ! އަހަންނެއް ނޫންތާ ކަލެޔާ އިންނަން މި އުޅެނީ،" ސިރާޖު ބުންޏެވެ. "އިރުއިރުކޮޅާ ބުނަމެއްނު އަހަންނަށް މާ ރަނގަޅަށް ރިންދާ އެނގޭނޭ. އެނގޭތީ މި ބުނަނީ، ދެއަންބަކަށް އޭނަ ނީންނާނެ. ވަރަށް ގިނަ ފިރިންގެ ރާޑަރަށް އޭނަ އަރާ. އަހަންނަކަށް ނޭނގެ ކީއްވެގެންކަމެއް އޭނައަށް ކަލޭ މާ ކަމުގޮސްގެން އެ އުޅެނީ. އެންމެ ފަހު ވަގުތު ބޮނޑިއެއް ނުބޮއި، ސީރިޔަސްކޮށް އެ ވާހަކަދައްކާ!"
"އޭނަ ނުދައްކަންޏާ އަހަރެން ކީއްކުރަން ދައްކަންވީ؟" ފައިސަލް ދިނީ ކުރު ޖަވާބެކެވެ.
ގަޑިން ރޭގަނޑު ދިހައެއްޖަހަނީއެވެ. ވަރުބަލިކަމެއް ނެތި މަންސޫރު ކިޔަވަމުންގެންދިޔައެވެ. ވަރުގަދަ ހަނގުރާމައަކަށް ފަހު ފައިސަލް ހަމަޖެހިލައިގެން، ލޯމަރާލައިގެން އޮތެވެ. ގާތުގައި ސިރާޖު ވެސް އިނެވެ. އެރެޔަކީ، ފަހަކަށް އައިސް އެންމެ އަވަހަށް ކަންތައްގަނޑު މައިތިރިވި ރެޔެވެ. މަންސޫރު ހައިރާނެއް ނުވެއެވެ. ފުލުފުލުގައި ބަޔަކު އައިސް ގޯނާކުރާނީ، ހުއްޓައިނުލައި ސިހުރުހަދާ ނަމައެވެ.
"މިރެޔަށް ނިމުނީ!" މަންސޫރު ބުންޏެވެ.
ފައިސަލް ތެދުވިއެވެ. މަންސޫރާއި ސިރާޖަށް ބަލައިލިއެވެ. މޮޅު ވާހަކައެއް އެ މީހުން ބުނާނެ ކަމަށެވެ.
"މިރޭ އަހަރެން ކޮން މޮޔައެއް ގޮވީ؟" ފައިސަލް އެހިއެވެ. "ކޮން ވައްތަރެއްޖެއްސީ؟"
"ބޮސް މަރުވެއްޖެ!" ސަމާސާ ރާގެއްގައި މަންސޫރު ބުންޏެވެ. "އަދި ވެސް ދެ ރެޔަކު ވާނެ އަންނަން. އެކަމަކު އަހަންނަށް ހީވަނީ ދެން ތި ކަން ނިމުނީހެން. މިހެން ބުންޏަސް ފަރުވާކުޑަ ނުކުރާތި!"
"އާނ! މަންސޫރު ހޯހޯ ގޮވަންދެން އަހަރެން އަންނާނަން،" ފައިސަލް ބުންޏެވެ. "އެންމެ ފަހުން މަންސޫރު ބުނިހެންނޭ ވީ ދޯ؟ ސީމާގެ ދައްތަ ދަންޖެއްސިކަމުގެ ތުހުމަތުގަ ފިރިމީހާ ހައްޔަރުކޮށްފި. ކޮން ނަމެއްތަ އޭނައަށް ކިޔަނީ؟ ހަނީފު! ހަނީފާ ސީމާޔާ ވެސް ގުޅުމެއް ހަމަ އޮތްކަމަށޭ ވަނީ. މިހާރު ސީމާ ފުރައިގެން ހިނގައްޖެ! ނޭނގެ ދިޔަ ތަނެއް ވެސް. އަހަންނަށް ހީވަނީ އޭނަ ބިރުގަތީހެން. ވަރަށް ސަޅިކޮށް މި ކަން މި ނިމުނީ."
އެ ވަގުތު ނިކަން ބާރަށް ދޮރު ލެއްޕުނެވެ.
ނުނިމޭ