އާދިއްތަ ދުވަހާ ގުޅޭ

"ޒިޔާން ހީކުރީ ޑެޑީ ބުނެފަކަމަށް އޮންނާނީ. އޯ ނޯ!" ޒިޔާން ބުންޏެވެ.

ފައިސަލް އަވަސްއަވަހަށް ރިންދާއަށް ގުޅަން މަސައްކަތް ފެށިއެވެ. ރިންދާ ފޯނެއް ނުނަގައެވެ. އާމިރާ އެހެން ތަށްޓެއް ހިފައިގެންއައި ދަނޑިވަޅު އެޕާޓުމަންޓުގެ ރަނގަބީލުޖެހި އަޑުއިވުނެވެ. ފޯނު ކަންފަތުގައިޖަހައިގެން ފައިސަލް ދޮރާ ދިމާއަށް ހިނގައިގަތެވެ. އެ ވަގުތު އާމިރާ ގޮސް ދޮރު ހުޅުވިއެވެ. ރިންދާ އައީ ކުރެހުމެއް ހިފައިގެންނެވެ. ދޮރު ހުޅުވާނީ ފައިސަލް ނުވަތަ ޒިޔާންކަމަށް ބަލައިފައި ރިންދާ ހުރީ ކުރެހުން ދިއްކޮށްލައިގެންނެވެ. އާމިރާ ފެނުމުން ކުރެހުން ދަމައިގަނެވުނެވެ.

"ތީ ކާކު؟" ހައިރާންވެފައި ރިންދާ އެހިއެވެ.

"ތީ ކާކުހޭ؟" ހިނިތުންވެފައި އާމިރާ އެހިއެވެ. "ތީ ކާކު؟"

ޖަވާބުދޭން ރިންދާ އަނގަ ހުޅުވައިލި ވަގުތު ޒިޔާން ޖަވާބުދިން އަޑުއިވުނެވެ.

"އާޓް މިސް!" ޒިޔާން ބުނި އަޑުއިވުނެވެ.

ޒިޔާން އެހެން ބުނި އަޑަށް އާމިރާ ބަލައިލި އިރު، ގަދަކަމުން ހިނިތުންވެލައިގެން، ދަތްކޮޅު ދައްކައިލައިގެން ޒިޔާން ހުއްޓެވެ.

"މިސް ވަދޭ!" އިނގެރޭސިން ޒިޔާން ބުންޏެވެ. "މިރޭ ހާދަ ލަހުން ތި އައީ."

ހައިރާންވެހުރެ ރިންދާ އެތެރެއަށް ވަނެވެ. ރިންދާ ގެނައި ކުރެހުން އޮތީ އޮޅައިލަފައިފައެވެ.

"މިސް! މީ މަންމަ!" ތައާރަފުކޮށްދިނީ ޒިޔާނެވެ. "މަންމާ! މީ އާޓް ޓީޗަރ."

އާމިރާ ވަރަށް ހިނިއައިސްފައި ރިންދާޔާ ސަލާންކޮށްލިއެވެ. ރިންދާ ސަލާންކުރީކީ ނޫނެވެ. ކުރެވުނީއެވެ.

"މިސް އާދެ ކާން،" މޭޒާ ދިމާއަށް ދަމުން ޒިޔާން ބުންޏެވެ. "މަންމަ މިހިރީ ޒިޔާންގެ ފޭވަރިޓް ހަދާފަ. ތީ ކޯޗެއް މިސް؟"

އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ރިންދާގެ މޫނަކުން ނުދައްކައެވެ. މޭޒު ކައިރީގައި އިށީނދެފައި، ރިންދާ ގެނައި ކުރެހުން ދައްކައިލިއެވެ. އެއީ، ވަރަށް ރީތިކޮށް ކުލަޖައްސާފައިވާ ނަރޫޓޯގެ ކުރެހުމެކެވެ. އާމިރާއަކަށް އެ ކުރެހުން ކަމަކުނުދިޔައެވެ.

"ތި ކަހަލަ އެއްޗެހި ކުރަހާކަށް ނުވާނެ،" އާމިރާ ވަގުތުން ބުންޏެވެ. "މަންޒަރު ކުރަހަން ދަސްކުރޭ! ދޯ ފައިސަލް! ދަރިފުޅަށް މިހާރު ކުރަހަން ދަސްވެއްޖެތަ؟"

"އާނ! ދޯ ރިންތަ؟ އައި މީން، މިސް!" ރިންތަ ކިޔުމުން ޒިޔާން ވަގުތުން ރަނގަޅުކޮށްލިއެވެ. "ޒިޔާން ބޭނުން މިފަހަރު އާޓުން ހަޔަސްޓު ހޯދަން. މިސް ކިޔެވިއިރު މިސް ވެސް ކްލާހުން ހަމަ ހަޔަސްޓު ހޯދިއޭ ދޯ މިސް؟"

ޒިޔާން އެހެން ވާހަކައެއް ފެށިއެވެ. އެ އުމުރުގެ ކުއްޖަކާ ބަލައިފައި، ޒިޔާން ކުރި ކަންތަކަށް ފައިސަލް ހިތާހިތުން ތައުރީފުކުރިއެވެ.

"އެއީ ތެދެއް؟" އާމިރާ އެހިއެވެ.

"ކުރެހުމަކީ ވަރަށް ފަސޭހަކަމެއް،" ރިންދާ ޖަވާބުދިނެވެ. "ކުރިން އެއްވެސް މީހަކު ނުބުނޭ މިއަދު ޒިޔާން މަންމަ އަންނަ ވާހަކައެއް. އެނގުނު ނަމަ.."

"މިއަދަކު ނޫން. ރޭގަ އައީ. ދޯ ޒިޔާން؟" އާމިރާ ބުންޏެވެ.

ޒިޔާން ހިނިތުންވެލިއެވެ. ފައިސަލް ވަރަށް އުނދަގުލުން ހިނިތުންވެލިއެވެ. ރިންދާއަށް ހިނިތުން ނުވެސް ވެވުނެވެ. ކުރީރޭ ރިންދާ އަންނަންއޮއްވައި ކެންސަލުކޮށްލި ސަބަބު އެނގުނީމައެވެ.

ދެ ކޮފީތަށި ހިފައިގެން އައި ވެއިޓަރު، މީހުން މަދު ރެސްޓޯރަންޓުގެ މޭޒެއް ކައިރީގައި ތިބި ރިންދާއާއި ފައިސަލް ކައިރިއަށް މަޑުކޮށްލިއެވެ. ދެ ތަށި ބަހައްޓައިފައި ދިޔައެވެ. ރިންދާއާއި ފައިސަލް ދެ ބުދުހެން ތިއްބެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ފައިސަލް އިނީ ރިންދާއަށް ބަލަހައްޓައިގެންނެވެ. އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައެވެ. ރިންދާ އިނީ އިސްޖަހައިލައިގެންނެވެ.

"އަޅެ އެޓްލީސްޓް އަހަންނަށް ކުރިން އަންގާލި ނަމަ ދޯ!" މާޔޫސްކަމާއި ޝަކުވާއިން ފުރިފައިވާ ރާގެއްގައި ރިންދާ ބުންޏެވެ. "އެވަރު ވެސް ފައިސަލަށް ކޮށްނުލެވުނޭ! މަށަށް މި ޖެހުނީ ގެއަށް ގޮސް ޑްރާމާކުޅެން. ރޭގަ އަހަންނަށް ނާދެވުނު ނަމަ، އަދިވެސް އަހަންނަކަށް ނޭނގޭނެ ފައިސަލް ވައިފް ފޮރުވައިގެން އުޅޭކަމެއް. ތަންކޮޅެއް ހަޑި ދޯ؟"

"އަހަރެން ބުނަން އުޅުނީމޭ!" ފައިސަލް ބުންޏެވެ.

"ކޮން އިރަކުންބާ؟" ހަތަރުކަޅި ހަމަކޮށްލަމުން، ނުރުހިފައި ރިންދާ ބުންޏެވެ.

"ފޯނު ވެސް ކުރީމޭ! ރިންދާ ފޯނު ނުނަގާ ޓަސްލާފަ ބެލްޖެހީނު،" ފައިސަލް މަސައްކަތްކުރީ ވިސްނައިދޭށެވެ. "ވަރަށް ބޮޑަށް ސޮރީ! އަހަރެން ގަބޫލުކުރަން އަހަރެންގެ މިސްޓޭކެއްކަން."

"ކުރިން ވެސް ބުނެވުނީހެއްނު!" ރިންދާ ބުންޏެވެ. "ފޯނު އޮތީ ސައިލެންޓްގައޭ. ދެން އޯކޭ! އެ ހަޑި ވެސް ހޭވިއްޖެ! ކިހިނެއް ފައިސަލް ހަދަނީ؟ އަނެއްކާ ވެސް އަހަރެން ދޯ ބާކީވީ؟"

"އަނެއްކާއޭ؟" ފައިސަލަށް ބުނެވުނެވެ.

"އާނ! އަހަންނަކީ ދެން އެއްވެސް މީހެއް ނޫނެއްނު!" ރިންދާގެ ޝަކުވާފޮށި ހުޅުވައިލިއެވެ. "ކުރިން ބައްޕަ. މިހާރު ފައިސަލް. އަހަންނަށް މައްސަލައެއް ނެތް. އެ މީހަކަށް ފެނުނު ގޮތެއް ހަދާލާ!" އެ ހިސާބުން ރިންދާ ފެންކަޅިވިއެވެ. "ހިސާބަށް ވުރެ އަންލަކީ މީހުންނަށް ރަނގަޅު ގޮތެއް ވޭތަ؟ މިހާރު ހިތަށްއަރާ ދައްތަ ބުނި ގޮތް ހެދުނު ނަމައޭ."

ފައިސަލް އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ. ގޮތެއްނިންމާކަށް ފައިސަލަކަށް ނޭނގުނެވެ. އެ ކަމާ ރިންދާ ހިތްހަމަނުޖެހުނެވެ.

"ބައްޕަ އަންނަ ދުވަސް ވެސް ކައިރިވަނީއޭ ފައިސަލް. ކިހިނެއްހޭ ހަދަންވީ؟" ރިންދާ ބުންޏެވެ. "ބައްޕަ ކައިރީގަ ނާންނާށޭ ބުނަންވީތަ؟ ޓައިމް އޮއްވާ ބުނެބަލަ!"

ދެން ވެސް ފައިސަލް ވިސްނަން އިނީއެވެ. ފައިސަލް ފުރަތަމަ ބޭނުންވީ ރިންދާ ފިނިކުރާށެވެ. މޭޒުމަތީގައި އޮތް ރިންދާގެ އަތުގައި ފައިސަލް ހިފަންއުޅުމުން ރިންދާ އަތްދަމައިގަތެވެ.

"ކިހިނެއްހޭ ހަދަންވީ؟" ރިންދާގެ އަޑު ތަންކޮޅެއް ބާރުވިއެވެ. "ބައްޔެއްނު! ބުދަކާތަ އަހަންނަށް މި ވާހަކަދެއްކެނީ؟"

"ބައްޕާ ގާތުގަ ނާންނާށޭ ބުނާނެ ކަމެއް ނެތް،" ފައިސަލް ޖަވާބުދިނެވެ. "އެކަމަކު އަހަރެން ވިސްނާލަން ޓައިމްކޮޅެއް ބޭނުން. އަސްލު ވަރަށް ނުބައި ދަނޑިވަޅަކާ މި ދިމާވީ. މި އުޅެނީ ލިބެން އުޅުނު ޑީލް ވެސް ގެއްލިގެން. އެ ކަމާ ވެސް ބޯގޮވާފަ މިހިރީ. އަނެއް ކޮޅުން، ބުނެ ވެސް ނުލާ އާމިރާ އެހެރީ އައިސް. ރިންދާގެ މަންމަޔާ ބައްޕަ ވެސް އަންނަނީ. ވަރަށް ޓެންޝަން ބޮޑު."

"އަހަންނަށް އަންޑަސްޓޭންޑްވެޔޭ!" ރިންދާ ބުންޏެވެ. "އަހަންނާ ހެދި ކޮންމެހެން ފައިސަލް ޓެންޝަން ބޮޑުކުރާނެކަމެއް ނެތް. ފައިސަލް ބުނަންވީ އަހަންނާ މެރީކުރެވޭކަށް ނެތޭ! ސިންޕަލް! މާ ކުރިން ވެސް އަހަންނަށް އެނގޭ މިހެންކަން ވާނީ. ތީ ހަމަ ފިރިހެނުންގެ ވައްތަރު."

"ރިންދާ! މީ އަހަރެން ޕްލޭންކުރި ގޮތެއް ނޫނޭ!" ކުޑަކޮށް ހިތްހަމަނުޖެހިފައި ފައިސަލް ބުންޏެވެ. "ބުނާނެ ތިމަންނަ ވަރަށް އަންޑަރސްޓޭންޑުވެޔޭ! ވާތަނެއް ނުފެނޭ! ދެން ފެންނާނީ ތެދުވެގެން ދާތަން."

ރިންދާ ކުއްލިއަކަށް ތެދުވިއެވެ. ދަބަހާއި ފޯނު ނެގިއެވެ.

"ދުވަހަކު ވެސް އަހަރެން މިހާ ދެރައެއްނުވޭ!" ބެދިފައިވާ އަޑަކުން ރިންދާ ބުނެލިއެވެ. "މިހާ ބާކީއެއް ވެސް ނުވޭ!"

ފައިސަލް އެއްޗެއް ބުނުމުގެ ކުރިން ރިންދާ ހިނގައިގަތެވެ. ކަރުނަ ފުހެމުންނެވެ. ހިތަށް ތަދުވުމުގެ އިތުރަށް، ދެރައެއް ދެވުނުކަމުގެ އިހުސާސް ވެސް ފައިސަލަށް ކުރެވުނެވެ. އާމިރާއަކީ އަނބިމީހާއެވެ. ދަރިފުޅުގެ މަންމައެވެ. ރިންދާއަކީ، އެކަނިވި ވަގުުތު ފައިސަލަށް ލިބުނު އެހީތެރިކަމެވެ. ފައިސަލްގެ ހިތް ކުދިކުދިވުމުން ސަލާމަތްކޮށްދިން މަދަދުވެރިޔާއެވެ. ހިފަންވީ ކާކު އަތުގައިކަމެއް، ދޫކޮށްލަންވީ ކާކުގެ އަތެއްކަމެއް ފައިސަލަކަށް ނޭނގެއެވެ.

ނިދާހެދުން ލައިގެން ހުރި އާމިރާ، ފުނާއަޅަން ލޯގަނޑު ކައިރީގައި ހުއްޓެވެ. ފައިސަލް އޮތީ އެނދުގައި އޮށޯވެލައިގެން، ފަންކާއަށް ނަޒަރުހުއްޓައިލައިގެންނެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. އާމިރާއަށް ލޯގަނޑުން އެ މަންޒަރު ފެނެއެވެ. ފުނާ ބާއްވާފައި އާމިރާ އެނދުގައި އިށީނެވެ. ފައިސަލް ގާތަށް ޖެހިއެވެ. އިސްތަށިގަނޑުން ފައިސަލް މޫނުގައި ފިރުމައިލިއެވެ. ދެން ވެސް ފައިސަލްގެ އެއްވެސް ހަރަކާތެއް ނެތެވެ. މަރުވެފައިވާ މުޅަމަސްގަނޑެއް ކަހަލައެވެ.

"ކިހިނެއްވީ؟" މަޑުމަޑުން އާމިރާ އެހިއެވެ.

"ކަމެއްނުވޭ!" އޮތް ގޮތަށް އޮވެ ފައިސަލް ބުންޏެވެ.

"ފައިސަލް އަހަރެން ޑިވޯސްކުރީތަ؟ ހާދަ ހީވެޔޭ އެހެން." އޯގާވެރި ރާގެއްގައި އާމިރާ ބުންޏެވެ.

"ތީ ކުށްހީއެއް،" ފައިސަލް ޖަވާބުދިނެވެ. "އާނ އެއް ފަހަރު އަހަރެން ކޯޓުން ފޯމު ވެސް ނެގިން. ފުރަން ވެސް ފުރިން. އެކަމަކު އަހަރެން އުޅެއުޅެ ވެސް އެ ފޯމުގަ ސޮޔެއް ނުކުރެވުނު. ހިތްވަރު ނުލިބުނީ. ދެން ކީއްކުރަން މިހާރު ވަރިކުރަންވީ؟"

"ލޯބިނުވާތީ!" ވަރަށް ފަސޭހައިން އާމިރާ ބުނެލިއެވެ. "ފައިސަލަކަށް ހިއެއްނުވޭ މިތާ އެހެން މީހަކު އޮތްހެނެއް ވެސް."

ފައިސަލް ނިކަން ހަމަޖެހިލައިފައި އާމިރާއާ ދިމާއަށް ފުރޮޅިލިއެވެ.

"އާމިރާ ކިހިނެއް އުންމީދުކުރީ؟" ފައިސަލް އެހިއެވެ. "ނުދާށޭ ބުނެބުނެ އޮއްވާ ގޮއްސަ، އުޅޭނޫޅޭ ތަނެއް އަންގާނުލާފަ، އާދޭސްކުރީމަ ވެސް ނައިއްސަ، އެނބުރި އަންނަ އިރަށް ހުރިހާ ކަމެއް ޓަސްލާފަ، ކުރިން ހުރި ގޮތަށް ބަދަލުވާނެ ކަމަށްތަ ހީކުރީ؟ ވަގުތާ އެއްވަރަށް މީހުންގެ ދިރިއުޅުމަށް ވެސް ބަދަލުއަންނާނެ. އާމިރާ ދިޔަކަސް ދުނިޔެއެއް ނުހުއްޓެޔޭ!"

"މީހަކާ އިނީތަ؟" ކުރިޔަށް ވުރެ ވެސް މަޑުން އާމިރާ ސުވާލުކުރިއެވެ.

އެ ސުވާލުގެ ޖަވާބު ނުދޭން ފައިސަލް ހިތަށްއެރިއެވެ.

"ނީންނަން!" އަނެއް ފަރާތަށް އެނބުރިލަމުން ފައިސަލް ބުންޏެވެ.

"ރައްޓެހިވީތަ؟" އާމިރާ އެހިއެވެ.

އެ ސުވާލަކަށް ފައިސަލް ޖަވާބެެއްނުދިނެވެ.

"އާމިރާ ދިޔައީ ކީއްވެގެން؟ ބުނެބަލަ!" ފައިސަލް ބުންޏެވެ.

ކުރިން އާމިރާ ވާހަކަދައްކާނީ ޖަދަލުކުރާ ގޮތަށެވެ. އެކަމަކު އެ ކަން ބަދަލުވެ، ފައިސަލަށް ފެންނަން ފެށީ އާމިރާގެ އަޑުމަޑުވެފައި، އަވަހަށް ރޮވޭ ތަނެވެ. އެއީ ބޮޑު ބަދަލެކެވެ.

"ފައިސަލް ބުނެބަލަ އެއް ހާސް ފަހަރު މާފަށް އެދޭށޭ!" ހިތުގަޖެހިފައިވާ އަޑަކުން އާމިރާ ބުންޏެވެ. "ގުނަމުން މާފަށްއެދޭނަމޭ!"

"ކީއްވެ ތިހާ ޗޭންޖުވީ؟" ފައިސަލް އެހިއެވެ.

"އިންޑިޔާގަ ހުއްޓާ އަހަންނަށް ވިސްނުނީ. ވިސްނުނީކީ ނޫން. މީހަކު ވިސްނައިދިނީ،" އާމިރާ ބުންޏެވެ. "އެއީ ވަރަށް ދިގު ވާހަކައެއް. ކުރުކޮށް ބުނަންޏާ، އިނދެގެން އުޅޭއިރު މައްސަލަ ޖެހޭނެ. ޝަކުވާ ވެސް ޒުވާބު ވެސް ކުރާނެ. އެކަމަކު ހަމަ ހިތަށްއަރާ އިރަށް، ދަރިފުޅު ބޮލަށް ޖަހާފަ އެހެނެއް ނުދެވޭނެ. އެއީ ވަރަށް ގޯސްކަމެއް. އެކަމަކު މިހާރު ހީވަނީ ބޭކާރުކަމެކޭ މި ކުރެވުނީ. ފައިސަލް އުފަލެއް ނުވޭ!"

އުފާވޭ! ހަމަ ވަރަށް އުފާވޭ!" ފައިސަލްގެ ހިތް އާމިރާޔާ ދިމާއަށް ދީލުނެވެ. "އެކަމަކު ބައެއް ފަހަރު އުފާވެފަ، ހިނިއަންނަން ވަގުތު ނަގާނެ."

"ކިހާ ވަގުތެއް؟" އާމިރާ އެހިއެވެ.

ނުނިމޭ