އާދިއްތަ ދުވަހާ ގުޅޭ

އެ ވަގުތު ނިކަން ބާރަށް ދޮރު ލެއްޕުނެވެ. ފައިސަލް ސިއްސައިގެންދިޔައީ އެކަންޏެއް ނޫނެވެ. ސިރާޖާ ދިމާއަށް ވެސް ފައިސަލަށް ބަލައިލެވުނީ، އެ ވީ ކިހިނެއްހޭ އަހާ ކަހަލަ، ހައިރާންކަމަކާ އެކުގައެވެ. އެހައި ބާރު ރޯޅިއެއް ކީއްކުރަންހެއްޔެވެ؟ ކުޑަދޮރެއް ހުޅުވައިފައިހުއްޓަސް، ފަންކާ އެނބުރެމުންދިޔަޔަސް، ތަނުގެ އެތެރެއަކު ރޯޅިއެއް ނެތެވެ. އެކަމަކު، މަންސޫރަށް އެ ކަން ފާހަގަވިހެނެއް ހިއެއްނުވެއެވެ. އެ އަޑަކަށް މަންސޫރު ރައްދެއް ވެސް ނުދެއެވެ. އޭނަ ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"އަހަރެން ބުނި ކަންކަން ހަނދާންބަހައްޓައްޗޭ!" އަނެއްކާ ވެސް މަންސޫރު ހަނދާންކޮށްދިނެވެ. "ކޮންމެ ނަމާދަކަށް ފަހު ކުރުސި. ހެނދުނާހަވީރު ފަލަޤިނާސި. ހުކުރު ދުވަހު ކަހަފް ސޫރަތް. ލާހިކެއް ނޫން ޖިންނިސައިތާނުންނަށް ވައި ވެސް އެޅިލާކަށް. ކަލޭމެންގެ ބަހުރުވައިން ނަމަ އެއީ އެންޓިވައިރަސް. އެންޓިވައިރަސް އިންސްޓޯލްކޮށްފަ، ޖެހޭނެ ބަރާބަރަށް އަޕްޑޭޓް ވެސް ކުރަން. ކޮބާ އަޕްޑޭޓަކީ؟ ނަމާދު. ފަސް ނަމާދު، ވަގުތުގަ، ޖަމާއަތުގަ."

އެ ކަން ނިންމާފައި ފައިސަލާއި ސިރާޖު ދިޔައީ ކޮފީއަކަށެވެ. އެ މީހުން ދެއްކީ، އޮފީސް މަސައްކަތުގެ ވާހަކައެވެ. އެ ދުވަސްކޮޅު މަސައްކަތް ގިނަވެފައިވާތީ، ތަންކޮޅެއް ތަނަވަސް ތަނަކަށް އޮފީސް ބަދަލުކުރުމުގެ ވާހަކައެވެ. ކުއްލިއަކަށް ފައިސަލް ވާހަކަ ބަދަލުކޮށްލިއެވެ.

"މިރޭ ކިހިނެއްތަ އެ ވީ؟" ފައިސަލް އެހިއެވެ. "އަހަރެން ނޫން އެހެން މީހަކަށް އެ ކަން ފާހަގަނުވަނީތަ؟ މަންސޫރު ހުރީ ފުރަގަސްދީގެން. އެކަމަކު ކަލެއަށް ފެނުނެއްނު."

"ރޫހާނީ ކަންތައްތަކަކީ... ކަލޭ ވިސްނަންހުރި ކަންތައް މަދީތަ؟" ވާހަކަ ބަދަލުކޮށްލަމުން ސިރާޖު އެހިއެވެ. "ދެއަންބަށްތަ ރިންދާޔާ އިންނަނީ؟ މި ވަގުތަށް އެންމެ މުހިންމު ކަންތަކާ ދޭތެރޭ ވިސްނަބަލަ!"

ސިރާޖާ ދިމާއަށް ފައިސަލް ބަލައިލި ގޮތުން ހީވަނީ، އެ ވާހަކަދައްކަން ފައިސަލް ބޭނުން ނުވާހެންނެވެ.

"ވާހަކައެއް އޮއްބައިލައިގެން މައްސަލަ ހައްލުވާނެކަމަށް ހީނުކުރައްޗޭ އިނގޭ!" ސިރާޖުގެ ނަސޭހަތަކީ އެއީއެވެ.

އިސްޓޭޑިޔަމު ސަރަހައްދަށް ދިރުން އައިސްފައިވާ ވަގުތެކެވެ. ހުހަށްހުރި ތަންކޮޅެއްގައި ގަލުން ގޯލެއް ހަދައިގެން ފައިސަލާއި ޒިޔާން ޕެނަލްޓީޖަހަން ފަރިތަކުރުމުގެ މަސައްކަތް ފެށިއެވެ. ގޯލުކީޕަރަކަށް ހުރީ ފައިސަލެވެ. ޕެނަލްޓީ ޖަހަނީ ޒިޔާނެވެ. އެއްވެސް ބޯޅައެއް ގޯލަކާ ދިމައެއް ނުވެއެވެ. އެއީ ދުވަހަކު ވެސް ވީކަމެއް ނޫނެވެ. އެހެން ކަމެއް ވެސް ފައިސަލަށް ފާހަގަވިއެވެ. ޒިޔާން ހުންނަނީ ވަރަށް ބަސްމަދުވެފައެވެ. ފައިސަލާ ދިމާއަށް ބަލަން ވެސް ޒިޔާނަށް އުނދަގޫ ކަހަލައެވެ. އެންމެ ފަހުން ގޯލު ދޫކޮށްލައިފައި ފައިސަލް އައިސް ޒިޔާނާ ވާހަކަދެއްކިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ފައިސަލް ސުވާލުކުރިއެވެ. "ހިޔެއްނުވޭ ދަރިފުޅު ތިހިރީ މިތާހެނެއް."

"ކަމެއްނުވޭ! ޑެޑީ ދޭބަލަ ގޯލަށް." ފައިސަލާ ދިމާއަށް ނުވެސް ބަލައި ޒިޔާން އެދުނެވެ.

"ދަރިފުޅު ބައްޕައަށް ބަލާލަބަލަ!" ފައިސަލް އެދުމުން ވެސް ފައިސަލާ ހަތަރުކަޅި ހަމަކުރަން ޒިޔާނަށް އުނދަގޫވިއެވެ. "ދަރިފުޅު މިހާރު ޑެޑީއަށް ދޮގު ވެސް ހަދަން ފެށީތަ؟ ބުނޭ! ކިހިނެއްވީ؟ މިއަދު ތަންކޮޅެއް ލަހުން ޑެޑީއަށް އާދެވުނީމަ ހިތްހަމަނުޖެހުނީތަ؟ މިއަދު ވީ ގޮތަކީ.."

"އެކަމަކާ ޒިޔާނެއް ނުވިސްނަން،" ޒިޔާން ބުންޏެވެ. "ޑެޑީ ދޭބަލަ ގޯލަށް."

ފައިސަލެއް ނުދިޔައެވެ. ދިޔުމުގެ ބަދަލުގައި، ޒިޔާން ކައިރީގައި ބިންމަތީގައި އިށީނެވެ.

"ދެން ކޮން ކަމަކާ ދަރިފުޅު ތި ވިސްނަނީ؟" ފައިސަލް އެހިއެވެ. "ޑެޑީ ބުނަންތަ ވާހަކައެއް. ދަރިފުޅަށް ކޮންމެ ކަމެއް ވެސް ޑެޑީއާ ޝެއާކުރެވޭނެ. އަބަދު ވެސް ޑެޑީ ބުނަމެއްނު! އަހަރުމެންނަކީ ބެސްޓުފްރެންޑުން."

ޒިޔާން ވިސްނައިލިއެވެ. ޒިޔާނަށް މައްސަލައަކީ، އެ ވާހަކަ ބުނެގެން ބައްޕަ ހިތްހަމަނުޖެހިދާނެތީއެވެ. އެކަމަކު، ނުބުނެފިއްޔާ ޒިޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

"ބުނަންވީތަ؟" ޒިޔާން އެހެން އެހުމުން ފައިސަލް ބޯޖަހައިލިއެވެ. "ރޭގަ ހުވަފެނުން މަންމަ ފެނުނީ."

އެ ހިސާބަަށް ބުނި އިރު ޒިޔާނަށް ރޮވިއްޖެއެވެ. ފައިސަލް ހިތްވަރުދިނުމަށް ޓަކައި ޒިޔާންގެ ގައިގަ ބައްދައިލާފައި، ބުރަކަށީގައި ފިރުމައިލިއެވެ. ޒިޔާނަށް ކުރެވޭނެ އިހުސާސް ފައިސަލަށް ވެސް ކުރެވުނެވެ. މަންމަ ދެކެ އިންތިހާއަށް ލޯބިވާ ދަރިޔަކަށް، މަންމަ ނުފެނި އެތައް ޒަމާނެއްކޮށްފައި ހުވަފެނުން ފެނުނީމައި، ހިތަށް ވަރަށް އަސަރުކުރާނެއެވެ. މަންމަގެ ލޯތްބަށް އެދި އެ ހިތް އާދޭސްކުރާނެއެވެ. ޒިޔާންގެ ހިތަށް އިތުރަށް ތަދުވެދާނެ ކަހަލަ އެއްވެސް ކަމެއް، އެ ވަގުތު ކުރާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ޒިޔާންގެ އަތުގައި ހިފައިގެން ފައިސަލް ހިޔާގަނޑަށް ޖެހިއެވެ.

"ކޮން ކަހަލަ ހުވަފެނެއް ފެނުނީ؟ ޑެޑީއަށް ކިޔައިދީބަލަ!" ވަރަށް އޯގާތެރިކަމާ އެކު ފައިސަލް އެދުނެވެ. "ދެން ހުއްޓާލާ!"

"ކުއްލިއަކަށް.. ކުއްލިއަކަށް މަންމަ ގެއަށް އައީ،" ގިސްލަމުން ޒިޔާން ކިޔައިދިނެވެ. "އޭރު.. އޭރު ޑެޑީ އުޅެނީ.. ރިންތައާ މެރީކޮށްގެން. މަންމަ ރޯންފެށީ.. ޒިޔާން ހިތަށްއެރީ.. ޒިޔާން ކީއްވެހޭ..."

ބުނި އެއްޗަކަށް ވުރެ ބޮޑަށް ފައިސަލަށް ވިސްނުނީ ޒިޔާނަށް ނުބުނެވުނު އެއްޗަށެވެ. ޒިޔާނަށް ފުރިހަމަ ނުކުރެވުނު ޖުމުލަ ފައިސަލް، ހިތާހިތުން ފުރިހަމަކޮށްލިއެވެ. ޒިޔާން ހިތަށްއެރި އެއްޗަކީ، ރިންދާޔާ އިންނަން ޒިޔާން ހުއްދަދިނީ ކީއްވެހެއްޔެވެ؟ ޒިޔާނަށް ކުށްވެރިކުރެވުނީ ޒިޔާނެވެ. އެއްބަސްވެވުނީތީއެވެ.

"ދެން ހުއްޓާލާ!" ކަރުނަ ފުހެދެމުން ފައިސަލް ބުންޏެވެ. "އެއީ ހުވަފެނެކޭ ދަރިފުޅާ!"

"އެކަމަކު ހާދަ ރިއަލްއޭ ޑެޑީ!" ޒިޔާން ބުންޏެވެ. "އަސްލު އެހެން ވެއްޖެއްޔާ ކިހިނެއްހަދާނީ؟ ޒިޔާން ވަރަށް ގިލްޓީވާނެ."

އަނެއްކާ އަނެއް މައްސަލަ ކުރިމަތިވީއެވެ. ރިންދާއަށް އެހައި ޔަގީންކަންދީފައި ދެން އިންކާރުކުރާނީ ކިހިނެއްހެއްޔެވެ؟ ޒިޔާންގެ ހިތުގައި ކޮޅުފައިން ޖަހާކަށް ވެސް ފައިސަލަކަށް ނުކެރޭނެއެވެ. ދެމީހުން ރުއްސޭނެ ގޮތެއް ވެސް ނެތެވެ.

"އެ ކަމާ ދަރިފުޅު ނުވިސްނާ. ޑެޑީ މެރީނުކޮށް އިހަށް މަޑުކޮށްލަންވީތަ؟" ފައިސަލް ސުވާލުކުރިއެވެ. "ދަރިފުޅު ތި އުޅެނީ އެހެން ބުނަ ނުކެރިގެންތަ؟ ދަރިފުޅު ނޫނެކޭ ބުނެފިއްޔާ ޑެޑީ މެރީއެއް ނުކުރާނެއްނު."

"ތިއޭ މައްސަލައަކީ! އޭރުން ޑެޑީ ކިހާ ދެރަވާނެ! ރިންތަ ވެސް ދެރަވާނެ،" ގޮތެއްނިންމަން ޒިޔާނަކަށް ވެސް ފަސޭހައެއް ނުވިއެވެ. "އަޅާނުލާ! ޑެޑީ މެރީކުރޭ!"

"ޔަގީންތަ؟ ދަރިފުޅަށް ވުރެ ރިންތަ މުހިންމެއް ނުވާނެ ޑެޑީއަކަށް އިނގޭ!" ފައިސަލް ބުންޏެވެ. "ވިސްނަން ޓައިމް ބޭނުން؟"

ޒިޔާންގެ ލޮލުން ކަރުނަ ފުހެލިއެވެ. އެހެން ހުރިހައި ކަމެއް ހަނދާންނައްތައިލިއެވެ.

"އުހުނ! ޑެޑީ ބުނީ ތެދެއް. ޑްރީމް އިޒް އަ ޑްރީމް. މަންމަ ދެނެއް ނާންނާނެ. ޑެޑީ ދޭ ގޯލަށް،" ޒިޔާން ބުންޏެވެ. "މި ފަހަރު އޯކޭވާނެ."

ފައިސަލް ހިނިތުންވެލާފައި ޒިޔާންގެ ބުރަކަށީގައި ފިރުމައިލިއެވެ. ގޯލަށް ގޮސް ހަމަޖެހިލިއެވެ.

"ޝޫޓް!" ފައިސަލް އެދުނެވެ.

ޒިޔާން ބޯޅަ ބާއްވާފައި ފައިސަލަށް ބަލައިލިއެވެ. ފަހަތަށް ޖެހިލިއެވެ. ދުވެފައި އައިސް ބޯޅަޖެހިއެވެ. ހަގީގަތުގައި ވެސް ފައިސަލަަކަށް އެ ބޯޅަ މަތައެއް ނުކުރެވުނެވެ. ފައިސަލާއި ޒިޔާން އެކުގައި ހަޅޭއްލަވައިގަތެވެ. ރިންދާގެ ދައްތަ ޝިފާނާ ވެސް ހަޅޭއްލަވަނީއެވެ. ރިންދާ އިލޮށިފަތި ހިފައިގެން އައިސް ޖެހިޖެހީނުން ކުރަފި މަރައިލިއެވެ. ދެން ވެސް ޝިފާނާ ހުންނަނީ ތަންކޮޅެއް ދުރުގައެވެ.

"މަރުވެއްޖޭ ދައްތާ!" ރިންދާ ބުންޏެވެ.

"ތި އެއްލާލަބަލަ!" ފަކުރުގެންފައިހުރި ޝިފާނާ ބުންޏެވެ. "ދެން ނޭނގެ ސައި ވެސް ބޮވޭނެކަމެއް ނެތް."

"މިޔާ ސަޔާ ކޮން ގުޅުމެއް؟" ވާހަކަދައްކަމުން ރިންދާ ކުރަފި އެއްލައިލިއެވެ. "މިހާރު ކިހިނެއް؟ ހިނގާބަލަ އަވަހަށް ރޮށިކޮޅު ނިންމާލަމާ! ބަނޑުހައިވެގެން މިހާރު ހާންތިވެއްޖެޔޭ!"

ޝިފާނާ ފުރަތަމަ ދިޔައީ އަތްދޮންނާށެވެ. އެކަމަކު ކުރަތްޕާ ހަނގުރާމަކުރީ ރިންދާއެވެ. އަތްދޮވެގެންއައިސް ރޮށިދަމަން ފެށިއެވެ. ރިންދާ ހުރީ ރޮށިފިހާށެވެ.

"މިފަހަރު ގެނައި ފުށް ހާދަ ސަކަރާތޭ! ރިހާކުރު ހުސްވީތަ؟" ޝިފާނާ އެހިއެވެ.

"އުހުނ! އަދި ހުންނާނެ އެތިކޮޅެއް. މަ ވެސް މިއަދު ކާހިތްވަނީ ރޮއްޓާ ރިހާކުރާ. މަންމައަށް އަންގަންވެއްޖެ ތެއްލި ރިހާކުރު ފޮނުވާށޭ. ފަތްދަޅުގަނޑު ވެސް ހުސްވެއްޖެ!" ރޮށި ފިހަމުން ރިންދާ ބުންޏެވެ.

"ތިވަރަށް ތެއްލި އެއްޗެހި ކަންޏާ، ދުވަސްކޮޅަކުން ބަނޑު ހީވާނީ ބޯޅައެއްހެން އިނގޭ!" ޝިފާނާ ހަނދާންކޮށްދިނެވެ.

"ތިހެން ބުނީމަ މި ހަނދާންވީ،" ރިންދާ ބުންޏެވެ. "ކުރީ ދުވަހު ޒިޔާން ޖެހި ޕެނަލްޓީ ހާދަ ސަޅިއޭ. މަށަށް ހީވަނީ އޭނަ ވާނެހެން ވަރަށް މޮޅު ކުއްޖަކަށް. އެޕެނަލްޓީ ނުވަން ނަމަ މަށަށް ރޮވުނީސް. ސީރިޔަސްކޮށް މި ބުނީ."

"އެއީ އެ ފައިސަލްގެ ދަރިފުޅު ދޯ؟" ކުޑަކޮށް ހިތްހަމަނުޖެހިފައި ޝިފާނާ ބުންޏެވެ.

ރިންދާ އަޅައިގަތީ ދައްތަ ވާހަކަދެއްކި ރާގެވެ.

"އާނ! ހާދަ އެހެން ކަހަލަ ރާގެއްގަ ތި އެހީ." ރިންދާ ބުންޏެވެ.

"މަ ވާހަކައެއް އަހަންތަ؟" ވިސްނައިލާފައި ޝިފާނާ ބުންޏެވެ. "ރިންދާއަށް ދެއަންބަށްތަ އިންނަން ތި އުޅެނީ؟"

"ހަނދާންނައްތާލާ! ސިންގަލްކޮށް ހުރެ މަރުވިޔަސް، ދެއަންބަކަށް ނީންނާނަން." ރިންދާ ވަރަށް ޔަގީންކަމާއެކު ބުންޏެވެ.

"އެނގޭ ދޯ ފައިސަލް އާމިރާ ވަރިނުކުރާކަން؟" ރިންދާގެ މޫނަށް ބަލައިލަމުން ޝިފާނާ އެހިއެވެ.

"އާމިރާ އުޅެނީ އިންޑިޔާގައެއްނު!" ވަރަށް ހަމަޖެހޭ ގޮތް ދައްކައިލަމުން ރިންދާ ބުންޏެވެ.

"ކިތަންމެ ދުވަހެއް ވިޔަސް، އަންބެއް ވާނީ އަންބަކަށް،" ޝިފާނާ ބުންޏެވެ. "އިންނަތަނާ އާމިރާ ޓަސްލާފަ ގެއަށް އަތުވެއްޖެއްޔާ ދެން ކިހިނެއްހަދަނީ؟ ރިންދާއަށް ކެރޭނެތަ އާމިރާއަށް ކައްކާފަ ކާންދޭން އެ ގޭގަ ހުންނަން؟ ކޮންމެ ގޮތެއް ވިޔަސް ދޮށީއަނބި ގެއަށް ގަދަވާނެ. އޭނަގެ ދަރިއަކު ވެސް އެބަ ހުރި."

"އެކަމަކު ފައިސަލާ އާމިރާއާ އެއްވެސް ގުޅުމެއްނޯވެއޭ ދައްތާ!" ރިންދާ ބުންޏެވެ.

"ތީ ވެސް ފައިސަލް ކިޔައިގެން އުޅޭ އެއްޗެއް. އަހަރެން ގަބޫލެއްނުކުރާނަން،" ޝިފާނާގެ ރާގުގައި ވަނީ ފޫހިކަމެވެ. "ރިންދާ ނުބުންޏަސް އަހަރެންނަށް އެނގޭ އާމިރާ ބަލާ އެ ފައިސަލް އިންޑިޔާއަށް ދިޔަކަން ވެސް. އެ ވެސް ނުލާހިކު ބޯހަރު އަންހެނެއް. ރަނގަޅަށް ވެއްޖެއްޔާ މިހާރު އޭނަ ހުންނާނީ މާލޭގަ."

އެ ކަން ދޮގުކުރަން ދައްކާނެ އެއްވެސް ހެތްކެއް ރިންދާ އަތަކު ނެތެވެ.

"އެކަމަކު، އަހަންނަށް އޮޅުވާލައިގެން ފައިސަލަށް ލިބޭނީ ކޯޗެއް؟" ރިންދާ ސުވާލުއުފެއްދިއެވެ.

"ތިއެއް ނޭނގެ މަށަކަށް. ބުނީމެއްނު ރިންދާ މީހަކާ އިން ވާހަކަ ނުބުނީމަ ފައިސަލް ވަރަށް ރުޅިއައޭ،" ޝިފާނާ ހަނދާންކޮށްދިނެވެ. "ފައިސަލް އަދިވެސް އެ އުޅެނީ އިނދެގެން. އެކަމަކު ރިންދާއަށް ވަރިހަމަ ދެއަންބަށް އިންނަންޖެހުނަސް."

"ދެއަންބަށް އިނުމަކީ ގޯސްކަމެއްތަ؟" ރިންދާ އެހިއެވެ.

ނުނިމޭ