ބުދަ ދުވަހާ ގުޅޭ
"މަންމާ؟" ޒިޔާނަށް ބުނެވުނެވެ.
އާމިރާ ހުރީ ބުރުގާއަޅައިފައެވެ. ފެންކަޅިވެފައެވެ. އާދައިގެ ސައިޒެއްގެ ފޮށްޓެއް އާމިރާ ކައިރީގައި ހުއްޓެވެ. ކުއްލިއަކަށް ޒިޔާން ގައިގައި އާމިރާ ބައްދާލާފައި ރޯން ފެށިއެވެ. ޒިޔާން ބުނާނެ އެއްޗެއް ނޭނގި، ގަބުވެފައި ހުއްޓެވެ. ފައިސަލް ވެސް ހުރީ ހަމަ އެ ފަދަ ހައިރާންކަމެއްގައެވެ. ނާންނާނަމޭ ބުނެފައި، އެންމެ ނުބައި ދަނޑިވަޅު އާމިރާ އައީމައެވެ.
ރިންދާ ތައްޔާރުވެގެން ކޮޓަރިން ނުކުތެވެ. އެ ވަގުތު ބައްޕަ ގުޅިއެވެ. ބައްޕަގެ ފޯނަށް ޖަވާބުދީފައި ހިނގައިގަތްތަނާ ދައްތަ ގޮވައިލި އަޑުއިވުނެވެ.
"އާދެބަލަ ލޮލަށް ބޭސްއަޅައިދޭން،" ދައްތަ ބުންޏެވެ. "ލޯ ޖެއްސޭ ވަރުން މި އުޅެނީ. ކޮން އިރަކުން ކަނީ؟"
ރިންދާ އެ ދިމާއަށް ދިޔައެވެ. އެ ކަން ނިންމައިފައި، ނުކާން ބަހަނާއެއް ދައްކައިފައި، ސައިކަލު ތަޅުދަނޑި ހޯދަން ފެށިއެވެ. ހޯދައިހޯދައި ވެސް އެޔެއް ނުފެނުނެވެ. އެންމެ ފަހުން ނުފެނުނުކަމަށް ނިންމައިފައި ފައިސަލަށް ގުޅިއެވެ. ފައިސަލްގެ ފޯނު އޮތީ ކޮޓަރީގައެވެ. ފައިސަލް އިނީ ކޮޓަރިން ބޭރުގައެވެ. ޒިޔާނާއި، އާމިރާޔާ އެކުގައި ސޯފާގައި އިށީނދެގެންނެވެ. އާމިރާ އިނީ ޒިޔާން ގައިގައި ބައްދާލައިގެންނެވެ. ޒިޔާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ދަރިފުޅު ފެނުނީމަ ވަރަށް އުފާވެއްޖެ!" ފެންކަޅިވެފައި އާމިރާ ބުންޏެވެ. "ދަރިފުޅު މަތިން މަންމަ ހަނދާން ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެ. ހުވަފެނުން ވެސް ފެނޭ! އެކަމަކު މާލެނާންނަން ހުރީ. މަންމަ ވަރަށް ބޯހަރު ދޯ؟"
"ދެން ކީއްވެ ތި އައީ؟" ޒިޔާން އެހިއެވެ.
ބުނާނެ އެއްޗެއް ނޭނގިގެން އާމިރާއަށް ބަލައިލެވުނީ ފައިސަލަށެވެ. ފައިސަލްގެ މޫނުމަތިން ފެނުނީ، އާމިރާ އުންމީދުކުރި އަސަރެއް ނޫނެވެ. އުފަލުގެ ބަދަލުގައި ފައިސަލްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެކެވެ.
"ތެދެއް!" ފައިސަލް ވެސް ބުންޏެވެ. "ދެން ތި އައީ ކީއްވެ؟"
ފައިސަލް ކުރި ސުވާލު އާމިރާއަށް އިވުނުކަމަށް ވެސް ނެހެދިއެވެ. ރައްދެއް ނުދިނެވެ.
"ދަރިފުޅު ހިނގާ ނިދަން!" ޒިޔާންގެ ކޮޓަރިޔާ ދިމާއަށް ހިނގައިގަންނަމުން އާމިރާ ބުންޏެވެ. "ހެނދުނު ހޭލަން ވެސް ޖެހޭނެއްނު!"
ދަމުންދަމުން ޒިޔާން ވައްކަޅިން ފައިސަލަށް ބަލައިލިއެވެ. ޕިއްޒާއަށް ވެސް ބަލައިލިއެވެ. އެ ދަނޑިވަޅު ރިންދާ ގެއަށް އަންނާކަށް ފައިސަލް ބޭނުމެއް ނޫނެވެ. އެކަމަކު ރިންދާ ހުއްޓުވަން ދައްކާނީ ކޮން ބަހަނާއެއްބާއޭ ފައިސަލް ހިތަށްއެރިއެވެ. ރިންދާއަށް ގުޅަން ބަލައިލި އިރު ފައިސަލްގެ ޖީބަކު ފޯނެއް ނެތެވެ. ޒިޔާން ނިންދަވައިފައި އާމިރާ ނުކުތް އިރު ފައިސަލް އިނީ ސޯފާގެ އެހެން ގޮނޑިއެއްގައެވެ. ދެ ޕިއްޒާ ފެންނާކަށް ނެތެވެ. ފައިސަލް ހިތަށްއެރިއެވެ. އެ ވަރަށް ޕިއްޒާ ކާހިތްވެފައިހުރި އިރު ވެސް ޒިޔާން ޕިއްޒާގެ ވާހަކަ ނުވެސް ދައްކައި ނިދީހެއްޔެވެ؟ ނިދިކަމަށްހެދުނީހެއްޔެވެ؟
"ހާދަ އަވަހޭ ނިދިލެއް،" އާމިރާ ބުންޏެވެ. "ޕިއްޒާ ވަސްތަ އެ ދުވަނީ؟"
ފައިސަލް ކުރިން ބުނި އެއްޗެއް އިވުނުކަމަށް އާމިރާ ނެހެދި ގޮތަށް، ފައިސަލް ވެސް އެ ވާހަކަ އިވުނުކަމަކަށް ނަހަދައެވެ.
"އަހަރެން ބުނިން ކުރީ ދުވަހު ފިހާރަތެރެއިން ފެނުނީ އާމިރާއޭ،" ފައިސަލް ބުންޏެވެ. "ޓަސްލާފަ ކީއްވެ މައިންޑް ޗޭންޖުވީ؟"
އެއީ އާމިރާއަށް ފަސޭހައިން ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ. އާމިރާ އައިސް ސޯފާގައި އިށީނެވެ.
"އަންނަން އުޅޭތާ ކިތަންމެ ދުވަހެކޭ،" އިސްޖަހައިލައިގެންއިން އާމިރާ ބުންޏެވެ. "މާލެއައިސް ޒިޔާނަށް ގުޅިން. ވާހަކަދައްކާކަށް ނުކެރުނު. ލައިފްގަ ހިތްދަތިކަންތަކާ ވެސް ދިމާވާނެ. އެކަމަކު، އަތްފޮޅާލާފަ ދިޔުމަކީ ހައްލެއް ނޫން. ޖެހޭނީ ދެމީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން،" އެ ހިސާބުން އާމިރާ އިސްއުފުލައިލިއެވެ. "ފައިސަލް ވެސް ކޮންމެ ވެސް އެއްޗެކޭ ބުނެބަލަ!"
ވައްކަޅިން ގަޑިއަށް ބަލައިލައިފައި، ފައިސަލް ފުން ނޭވައެއް ބޭރުކޮށްލިއެވެ.
"ކީކޭ ބުނަންވީ؟ އަހަންނާ ޒިޔާން ކިހާ އެކަނިވިހޭތަ ބުނަންވީ؟ މަންމަގެ އަޑުއަހާލަން އެ ފަކީރު ނުކައި ނުބޮއި ކިހާ އިރަކު އިނދޭހޭތަ ބުނަންވީ؟ މަންމަގެ ލޯބި ބައްޕަ ކިހިނެއްހޭ ދަރިފުޅަށް ދޭނީ، އެހެންތަ ބުނަންވީ؟" ފެންކަޅިވުމުގެ އިހުތިޔާރު ލޮލަށް ދޫކޮށްލައިގެންއިނދެ ފައިސަލް ބުންޏެވެ. "އަހަރެން ކިހާ ހިތްދަތިވިހޭ، ގޮތް ހުސްވެގެން މޮޔަނުވީ ކިރިޔާއޭތަ ބުނަންވީ؟ އެތައް ފަހަރަކު ހިތަށްއެރި އަހަރުމެން ދެމީހުން ދުވަހަކު ވެސް ދިމާނުވި ނަމައޭ! ދަރިފުޅުގެ ލޮލުން ކަރުނަ ނުހިކޭތަން ފެނިފަ، އަހަރެން ކިހާ ގިލްޓީފީލްވިކަން އަހަންނަށް ބުނެދޭން ވެސް ނޭނގޭ! އެހެންތަ ބުނަންވީ؟ އާމިރާ ބުނެބަލަ! އަހަރެން ކީކޭ ބުނަންވީ؟"
"އާމިރާއަށް މާކޮށްފީމޭ ބުނޭ!" އޯގާތެރިކަމާ އެކުގައި އާމިރާ އެދުނެވެ.
ފައިސަލަކަށް އެހެނެއް ނުބުނެވުނެވެ. އޭގެ މާނަ އާމިރާއަށް ވިސްނުނެވެ. ރޮވިގެން އާމިރާ އިސްޖަހައިލިއެވެ. އެތައް ޒަމާނެއްކޮށްފައި ގެއަށް އައުމުން ވެސް، ވަގުތު ހިނގިހެނެއް އާމިރާއަކަށް ހިއެއްނުވިއެވެ. ފައިސަލް ހުރިތަން ފެނުނީ، އާމިރާ ގެއިން ނުކުތް ދުވަހު ހުރި ތަނުގައެވެ. ހަމަ އެ ފިޔަވަޅު މަތީގައެވެ. އެ ބޯހަރުކަމާއި، ގޮތްދޫނުކުރުމުގައެވެ. އާމިރާ މާނަކުރީ އެހެންނެވެ.
"އާމިރާ!" މަޑުމަޑުން ފައިސަލް ބުންޏެވެ. "ޒިޔާނަކީ އަހަރެންގެ އެކަނި ދަރިއެއް ނޫނޭ! އެއީ އަހަރުމެން ބޭނުންވެގެން ހޯދި ކުއްޖެއް. އަހަންނަށް ކުރެވުނު ކުށެއްގެ އަދަބު އޭނައަށް ދީގެން ނުވާނެއްނު! ދިޔަ ގޮތަށް ބަޚަބަރު. ގުޅާނުލިތާ ފޯނު ވެސް ނުނެގީ. ކޮން ކަހަލަ މަންމައެއް ތީ؟" އެއްޗެއް ބުނުމުގެ ބަދަލުގައި އާމިރާ ރުއީއެވެ. "ދާންވީމަ ދާންވީ! އަންނަންވީމަ އަންނަންވީ!"
"ފައިސަލް އަހަންނަށް މާފެއް ނުކުރާނަންތަ؟" ހަތަރުކަޅި ހަމަކުރަން އުޒުރުވެރިވަމުން އާމިރާ ބުންޏެވެ.
ފައިސަލް ބަލަހައްޓައިގެން އިނީއެވެ. އެއްވެސް ޖަވާބެއް ނުދިނެވެ. ގެއިން ޖާގަދޭކަށް ފައިސަލަކަށް އުނދަގުލެއް ނޫނެވެ. މައްސަލައަކީ ހިތެވެ.
ފުރާޅުމަތިން ކުޑަ ގޮފިކޮޅެއް ހިފައިގެން ކޮތަރު އުދުހިގަތެވެ. ހާލިހެދުމަށް ޓަކައެވެ. ބިސްއެޅުމުގެ މާ ކުރިން މަންމައެއްގެ ޒިންމާ ކޮތަރު އަދާކުރަން ފެށީއެވެ. ފައިސަލް ހުރީ، އޮފީހުގެ ކުޑަދޮރުން ފެނުނު އެ މަންޒަރަށް ކަޅިހުއްޓައިލައިގެންނެވެ. ސިރާޖު އިނީ ގޮނޑީގައި އިށީނދެގެންނެވެ.
"ދެން ކިހިނެއްހަދަނީ؟" ސިރާޖު އެހިއެވެ.
"ކިހިނެއް ހަދަންވީ؟" ސިރާޖާ ދިމާއަށް ބަލައިލަމުން ފައިސަލް ބުންޏެވެ. "އާމިރާ އައިމަ ޒިޔާން ވަރަށް އުފާވި. އަހަރެން ވެސް ބޭނުން އުފާވާން. އެކަމަކު ރިންދާއަށް ކިހިނެއްވާނީ؟"
"ތިން ގޮތް އޮތީ!" ސިރާޖު ވިސްނައިލައިފައި ބުންޏެވެ. "އާމިރާ ވަރިކޮށްފަ ރިންދާޔާ އިނުން. ރިންދާޔާ ނީނދެ އާމިރާޔާ އެއްކޮށް އުޅުން. ދެއަންބަށް ރިންދާޔާ އިނުން. އަހަންނަކަށް ހިޔެއްނުވޭ ފަހުން މި ބުނި ގޮތް ކަލެއަށް ހެދޭނެހެނެއް. ދެ އިންޖީނު އަޅައިފިއްޔާ ތި ބޮއްކުރާގަނޑު ދާނީ އަޑިއަށް."
"ބޯހަލާކު!" ފައިސަލް ބުންޏެވެ. "އަޅެ އައުމުގެ ކުރިން، ކުޑަމިނުން ގުޅާލާފަ ބުނި ނަމަ އަހަންނަށް ރެޑީވާން ވެސް އެނގުނީހެއްނު. އާމިރާއަށް ވިސްނެން ވާނެ އޭނަ ދިޔަސް މަ އެ ހިސާބުން މަރުވީކީ ނޫންކަން. މުޅި އުމުރަށް އޭނައަށްޓަކާ އަހަރެން އިންތިޒާރެއް ނުކުރާނެކަން. އެ ފާޑަށް ޓަސްލާފަ ޒިޔާންގެ ކުރިމައްޗަށް އައިސްގެންނުވާނެ ދޯ؟"
"ތި ވާހަކަ ރަނގަޅު. ހަމަ ސަތޭކަ!" ސިރާޖު އެއްބަސްވިއެވެ. "އެކަމަކު، އޭނައަށް ކުރެވުނީ ކިހާ ގޯސްކަމެއްކަން އެނގި، އިސްލާހުވެގެން އޭނަ އެ އައީ. އެއީ ދަރިފުޅުގެ މަންމަ. އޭނައަށް ޖެހޭނެ ސެކަންޑު ޗާންސެއް ދޭން. އަނެއްކޮޅުން. ފައިސަލް ރިންދާ ދޫކޮށްލައިފިއްޔާ، އޭނަ ވަރަށް ދެރަވާނެ. އެކަމަކު އަހަންނަކީ ރިންދާ ނަމަ އަހަންނަށް އަންޑަސްޓޭންޑުވާނެ."
"އެކަމަކު ކަލެއަކީ ރިންދާއެއް ނޫންތާ!" ފައިސަލް ބުންޏެވެ. "ދެން އަހަރެން ހަދަންވީ ގޮތެއް ބުނެބަލަ!"
ސިރާޖު ގޮނޑިން ތެދުވިއެވެ. ވިސްނައިލިއެވެ.
"އާމިރާ ހުންނަނީ ފައިސަލްގެ ގޭގަތަ؟" ސިރާޖު އެހިއެވެ.
"ބަލަ އަދި ވެސް އެއީ އަހަރެންގެ އަންހެނުންނޭ،" ފައިސަލް ބުންޏެވެ. "އެހެން ކޮންތާކު އޭނަ ހުންނާނީ؟"
"އެއީ ވެސް ތެދެކޭ ދޯ؟" ސިރާޖު މަޑުމަޑުން ބުނެލިއެވެ. "ޔަގީން ދޯ އޭނަ ޗޭންޖުވެއްޖެކަން؟"
"އާނ ކުރިން ބުރުގާއެއް ނާޅާ!" ފައިސަލް ބުންޏެވެ. "ރޭގައޭ އޭނަ އެ އައީ. ކިހިނެއްތަ މަށަށް ބުނެވޭނީ އޭނަ ޗޭންޖުވެއްޖޭ؟"
"ގުޑް ޕޮއިންޓް!" ސިރާޖަށް ވިސްނުނެވެ. "ކޮންމެ ގޮތެއްވިޔަސް އެއް އުރަޔަކު ދެ ކަނޑިޔަކަށް ނޯވެވޭނެ! އާމިރާ އައިކަން ރިންދާއަށް އެނގޭނެ؟"
"އެ ވާހަކަ ބުނާނެ ގޮތެއް ނޭނގިގެން އަދި ވެސް މި އުޅެނީ،" ފައިސަލް ބުންޏެވެ. "ރޭގަ އޭނައަށް ގުޅާފަ ދެން މިރޭ އަންނާނެ ކަމެއްނެތޭ ބުނީމަ އޭނަ އެހި ކިހިނެއްހޭވީ؟ މަ ބުނިން މަ ބިޒީވެއްޖޭ! އޭނަ ވަރަށް އަންޑަސްޓޭންޑުވެފަ ބުނި އޯކޭއޭ! ކޮންމެވެސް އިރަކުން އޭނައަށް އެނގޭނެ. ނޭނގިއެއް ނުހުންނާނެ."
އެ ވަގުތު ފައިސަލްގެ މޯބައިލަށް ފޯނެއްއައެވެ.
"އައްސަލާމް އަލައިކުމް!" ފައިސަލް ބުންޏެވެ. "އަހަނ! އެއީ ކިހިނެއްވީ ކަމެއް؟ ބަލަ ޖުނެއިދުގެ ކުރެހުން ގަދަ ފަހަކަށް ވެސް ނުހޮވެއެއްނު. ދެން ތި ކަހަލަ ގޮތަކަށްތާ ހުރިހާ ކަމެއް ވެސް މި ދަނީ ދޯ؟"
ފޯނުކޯލު ނިމުނު އިރު ފައިސަލް ހުރީ ވަރަށް ފޫހިވެފައެވެ.
"އެއްކަލަ ޖުނައިދުގެ ކުރެހުމޯ ފާސްވީ!" ފައިސަލް ބުންޏެވެ. އަދި ރުޅިއައިސްފައި ހީނގަތެވެ. "އަހަރެންގެ ދަރި ވެސް އެއަށް ވުރެ ރަނގަޅަށް ކުރަހާނެ. ދެން މި ވަގުތު ކިހިނެއް އެހެން ކަމަކާ ވިސްނާނީ؟ ބޯހަލާކު!"
މެންދުރު ވަގުތެވެ. އާމިރާ އެކި ކަހަލަ އެއްޗެހި ހަދައިގެން ގެނެސް މޭޒުމަތީގައި އަތުރަމުންގެންދިޔައެވެ. ޒިޔާން އިނީ ބަސްމަދުވެފައެވެ. ފައިސަލް ވެސް އެއްޗެއް ނުބުނެ ތަށިތަކަށް ބަލަން އިނެވެ. ޒިޔާނާއި ފައިސަލް އެކަކުއަނެކަކަށް ބަލައިލިއެވެ. ދެބަފައިން ވެސް ވިސްނީ ދެން ރިންދާއަށް ވާނެ ގޮތަކާ މެދުގައެވެ.
"އަހަރެން އައީމަ ދެން ކޮންމެހެން އިތުރު މީހަކު ގެންގުޅޭކަށް ނުޖެހޭނެ،" އާމިރާ ބުންޏެވެ. "އެހެންވެ ހަޝްމާ ކައިރީގަ ބުނީ ދެން ދިޔަސް ހެވޭ!"
ކޮންމެ ވެސް އެއްޗެއް ބަލައި އާމިރާ ދިޔައެވެ. ޒިޔާން އިނީ އެ ފަދަ ދަނޑިވަޅަކަށް ބަލަބަލައެވެ.
"ޑެޑީ! ރިންތަ އެބަ އާދޭ!" ވައިއަޑުން ޒިޔާން ބުންޏެވެ.
ފެންތަށި ތުންޖެހި ގޮތަށް ފައިސަލް ކޮށިއެރިއެވެ.
"މަންމަ އައި ވާހަކަ ބުނިންތަ؟" ފައިސަލް އެހިއެވެ.
"ޒިޔާން ހީކުރީ ޑެޑީ ބުނެފަކަމަށް އޮންނާނީ. އޯ ނޯ!" ޒިޔާން ބުންޏެވެ.
ނުނިމޭ