ބޮލީވުޑުން އުފައްދާ ފިލްމުތަކަށް ވުރެ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ލޯބީގެ ގުޅުންތަކާއި ޒުވާބުތައް އަދި ކޯޓުގައި ހިނގާ މައްސަލަތަކާ ބެހޭ ވާހަކަތައް މާ ހިނގަ އެވެ.
ހިންދީ ގިނަ ފިލްމުތަކެއް ކުޅެފައިވާ ރިޝީ ކަޕޫރުގެ ބައޮގްރަފީ "ކުއްލަމް ކުއްލާ" ގައި އޭނާ އާއި ސަންޖޭ ދަތާ ދެމެދު ޖެހުނު މިފަދަ މައްސަލައެއްގެ ވާހަކަ އެމީހުންގެ އެޒަމާނުގެ ގާތް އެކުވެރިއެއް ކަމަށްވާ ގުލްޝަން ގުރޯވަރު ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.
ރިޝީގެ ބަޔޮގްރަފީގައި ގުލްޝަން ގުރޯވަރު ބުނެފައިވާ ގޮތުގައި ސަންޖޭ ދަތު އެ ދުވަސްވަރު އުޅެނީ ޓިނާ މުނީމްއާ ހެދި އެވެ. އަދި ރިޝީ ހީއުޅެނީ ޓީނާއާ ހެދި ކަމަށް ސަންޖޭ ދަތަށް ގަބޫލުކުރެވުނެވެ.
"ސަންޖޫ އާއި އަހަންނަކީ އެއްބަނޑު އެއްބަފާ ދެބެން ކަހަލަ ގާތް ބައެއް. އެހެންވެ އޭނާ އެއް ދުވަހަކު އަހަރެން ކައިރީ ބުނެފި ހިނގާށޭ ރިޝީގެ ގައިގައި ތަޅައިގަންނަން އެގެއަށް ދާން. އަހަރެމެން އެ މަގްސަދުގައި އެގެއަށް ވެސް ދިޔައިން،" ގުލްޝަން ގުރޯވަރު ބުނެފައިވެ އެވެ.
ނަމަވެސް ޗިންޓޫއާ ކައިވެނިކުރަން އެންގޭޖްވެގެން އެ ދުވަސްވަރު އުޅުނު ނީތޫ ސިންގްއާ އެގެއިން ބައްދަލުވެ ވާހަކަ ދެއްކުމުން ސަންޖޭ ދަތު މައިތިރިވި ކަމަށްވެ އެވެ.
"ނީތޫ ބުނި ރިޝީ އާއި ޓީނާއާ ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯވެޔޭ. އެހެން ބުނީމަ އަހަރެމެން އެގެއިން ދިޔައީ،" ރިޝީގެ ބައޮގްރަފީގައިވެ އެވެ.
ކުރީގެ ރައްޓެހިކަން ސަންޖޭ ދަތާ އެކު މިހާރު ނެތް ކަމަށް ގުލްޝަން ގްރޯވަރު އެއްބަސް ވެފައިވެ އެވެ. ރިޝީ ދެކެ ވަރަށް ލޯބިވާ ކަމަށާއި އޭނާއާ ދޭތެރެ ދޭތެރެއިން ބައްދަލުކުރާ ކަމަށް ގުލްޝަން ގްރޯވަރު ބުންޏެވެ. ނަމަވެސް ސަންޖޭ ދަތާ ބައްދަލެއް ނުވެ އެވެ. ބައްދަލުވާ ފަހަރަކުވެސް ރަނގަޅު ނަސޭހަތް ދޭތީ ސަންޖޭ ދަތަށް އެކަންތައް ކަމުނުދަނީ ކަމަށް ބުނެފައިވެ އެވެ.
ސަންޖޭ ދަތާއި ރިޝީއާ ދެމެދު ކުރިން މައްސަލަތަކެއް އުޅުނަސް މިހާރު ހުރިހާ ކަމެއް ވެސް އޮތީ ހަމައަކަށް އެޅިފަ އެވެ. ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރު ކަޕޫރު ކުޅެން އެއްބަސްވާނީ ރިޝީ އާ މެދު ސަންޖޭ ދަތުގެ ހިތުގައި ރުޅިވެރިކަމެއް ނެތުމުން ކަމަށް ގަބޫލުކުރެވެ އެވެ.