ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ކުރިއަށް އޮތް ފިލްމު "އާޚިރީ ސަވާލް" ރިލީޒްކުރުން ފަސްކޮށްފި އެވެ.

އެ ފިލްމު މާދަމާ ރިލީޒްކުރަން ތާވަލުކުރި ނަމަވެސް، އިންޑިއާގެ ސެންސަރު ބޯޑުން ފިލްމާއި އޭގެ ޓްރެއިލާއަށް ހުއްދަ ދިނުމުގައި ލަސްވުމާ ގުޅިގެން އެ ފިލްމު މިހާރު ވަނީ މި މަހު 15 ގައި ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފަ އެވެ.

މި ފިލްމަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި ހިންދޫ ފިކުރުގެ ވޮލަންޓިއަރުންގެ އެންމެ ބޮޑު ޖަމިއްޔާ އާރުއެސްއެސްގެ 100 އަހަރުގެ ތާރީހުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފިލްމުގައި ހިމެނޭ ސިޔާސީ ގޮތުން ނާޒުކު ބައެއް މައުލޫމާތުތަކުގެ ސަބަބުން ސެންސަރު ބޯޑުގެ މެންބަރުން އަންނަނީ ފިލްމު ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުންނެވެ. އެހެންވެ، ފިލްމު ފަސްކުރަން ނިންމީ ބައެއް މަންޒަރުތައް އުނިކުރުމަށް ނުވަތަ ބަދަލުކުރުމަށް ބޯޑުން އަންގާފާނެތީ އެވެ.

ސަންޖޭގެ އިތުރުން އަމިތު ސާދު، ނަމާޝީ ޗަކްރަަބަތީ، ސަމީރާ ރެޑީ އަދި ނީތޫ ޗަންދުރާ މުހިންމު ރޯލުތައް ކުޅެފައިވާ މި ފިލްމު ޑައިރެކްޓުކުރީ އިންޑިއާގެ ގައުމީ އިނާމު ހޯދާފައިވާ އަބީޖީތު މޯހަން ވަރަންގެވެ. 

މިއީ 1925 ވަނަ އަހަރު އާރުއެސްއެސް އުފެދިގެން އައިގޮތާއި އިންޑިއާގެ ތާރީހަށް އޭގެ ސަބަބުން އައި ބަދަލުތަކުގެ މައްޗަށް ބިނާކޮށްފައިވާ ކޯޓްރޫމް ޑްރާމާއެކެވެ.

ފިލްމު އުފެއްދި ފަރާތްތަކުން ބުނި ގޮތުގައި، މި ފިލްމަކީ ތާރީހީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށް ވާތީ، ސެންސަރު ބޯޑާ އެކު މަޝްވަރާކޮށްގެން ވީހާ ވެސް އަވަހަކަށް ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.