ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ކެރިއަރުގައި ކުޅުނު އެންމެ އައިކޮނިކް އެއް ކެރެކްޓަރު ކަމަށްވާ "ބައްލޫ ބަލްރާމް" އަލުން ފެންނާނެކަން އިއުލާންކޮށް، "ކަލްނަޔަކް ރިޓާންސް"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި އެވެ.
މީގެ 33 އަހަރު ކުރިން 1993 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ކަލްނަޔަކް"ގެ ސީކުއަލްއެއް އުފައްދާކަން ސަންޖޭ އިއުލާންކުރީ މުމްބާއީގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. އެ ފިލްމަކީ ސަންޖޭގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ "ތުރީ ޑައިމެންޝަން މޯޝަން ޕިކްޗާސް" އާއި "އެސްޕެކްޓް އެންޓަޓެއިންމަންޓް" ގުޅިގެން އުފައްދާ ފިލްމެކެވެ.
ސަންޖޭ ބުނި ގޮތުގައި، މި ފިލްމުގެ ސީކުއަލްއެއް އުފެއްދުމުގެ ހިޔާލު އޭނާއަށް ލިބުނީ 1993 ގެ ބޮން ގޮއްވުމުގެ މައްސަލައިގައި އޭނާ ޖަލުގައި ހުރި ދުވަސްވަރުގަ އެވެ.
ޓީޒާގައި ފެންނަނީ ވަރަށް ބިރުވެރި ސިފައެއްގައި ހުރި ބައްލޫ އެވެ. ޓީޒާގައި އޭނާ ބުނަނީ "ބުނީމެއްނު، އޮކްޓޯބަރު 10 ގެ ރޭގަނޑު 10 ޖަހާއިރު ބައްލޫ ޖަލުން ފިލާނެ" ކަމަށެވެ. އަދި އޭނާގެ މަޝްހޫރު ލަވަ "ނަޔަކް ނެހީ، ކަލްނަޔަކް ހޫ މޭ" ކިޔާ އަޑު ވެސް އިވެ އެވެ.
"ކަލްނަޔަކް"ގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ސުބާޝް ގާއީ ވެސް އެ އިވެންޓުގައި ބައިވެރިވި އެވެ.
ސުބާޝް ބުނި ގޮތުގައި، މިއީ ސަންޖޭ އާއި އޭނާގެ އަންހެނުން މާންޔަތާ ވަރަށް ކުރަން ބޭނުންވެގެން އުޅޭ ކަމަކަށް ވާތީ، މި މަސައްކަތުގައި އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ އެވެ.
މި ފިލްމު އުފެއްދުމުގެ ރައިޓްސް ސަންޖޭ ވަނީ ސުބާޝްގެ މުކްތާ އާޓްސް އަތުން ގަނެފަ އެވެ. އަދި މި ފިލްމު ޕްރެޒެންޓް ކުރަނީ ޖިއޯ ސްޓޫޑިއޯސް އިންނެވެ.
މި ފިލްމުގެ އިތުރު ކާސްޓުންނާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސަންޖޭ އެންމެ ފަހުން ފެނިފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ދުރަންދަރު" އިންނެވެ.