"މޭޑް އިން އިންޑިއާ"ގެ ޕޯސްޓަރެއް.
20 ސެޕްޓެމްބަރ 2023 - 07:12
އިންޑިއާ ސިނަމާގެ "ބައްޕަ"ގެ ގޮތުގައި މަޝްހޫރު ނުވަތަ އިންޑިއާގައި އެންމެ ފުރަތަމަ ފިލްމެއް އުފެއްދި މީހާ ކަމަށްވާ ދާދާސަހެބް ޕަލްކޭގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައިފި އެވެ.
ދުނިޔޭގައި އެންމެ ގިނަ ފިލްމު އުފައްދާ ގައުމު ކަމަށްވާ އިންޑިއާގެ ފިލްމީ މަސައްކަތް ފެށިގެން އައި ގޮތުގެ މައްޗަށް ބިނާކޮށް ހަދާ އެ ފިލްމަކީ "ބާހުބަލީ" އާއި "އާރްއާރްއާރް" ކަހަލަ ފިލްމުތައް ހަދައިގެން ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ ސިނަމާގެ ވަރުގަދަކަން ދައްކައިދިން ޑައިރެކްޓަރު އެސް އެސް ރާޖަމޯލީގެ ފިލްމެކެވެ.
އޭނާ ވަނީ އިއްޔެ އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ނަމަކީ "މޭޑް އިން އިންޑިއާ" އެވެ.
އެ ފިލްމާ ބެހޭ ގޮތުން ރަޖަމޯލީ ބުނީ ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ ނެރޭޝަން އަޑު އަހާފައި އޭނާ ވަގުތުން ޖަޒުބާތީ ކޮށްލި ކަމަށެވެ. އަދި ބަޔޮޕިކް ފިލްމެއް ހެދުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް، އެ ފިލްމުގެ ވަރުގަދަ ޓީމެއް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"މޭޑް އިން އިންޑިއާ" އަކީ ގައުމީ އެވޯޑް ހޯދާފައިވާ ނިތިން ކައްކަރު ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ވަރޫން ގުޕްތާ އާއި އެސް އެސް ކަރްތިކިއާ އެވެ.
އެ ފިލްމުގެ ކާސްޓާއި އިތުރު ތަފުސީލު އަދި އާންމެއް ނުކުރެ އެވެ.
އިންޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ރާޖާ ހަރިޝްޗަންދުރަ"، ދާދާސަހެބް ހެދީ 1913 ވަނަ އަހަރުގަ އެވެ. އެއީ ސައިލެންޓް ފިލްމެކެވެ. އިންޑިއާ ސިނަމާގެ ފެށުމުގެ ގޮތުގައި ބަލަނީ އެއީ ކަމަށެވެ.
އިންޑިއާ އަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން ފިލްމު އުފައްދާ ގައުމެވެ. ހޮލީވުޑް ފިޔަވައި ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމު އިންޑަސްޓްރީ ކަމަށްވާ ބޮލީވުޑް ވެސް ނިސްބަތް ވަނީ އިންޑިއާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy