ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ޕަރިނީތީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިއުޒިކް އަކީ އަބަދުވެސް އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ އަދި އޭނާގެ "ހެޕީ ޕްލޭސް" ކަމަށެވެ. ދުނިޔޭގައި އެކި ހިސާބުތަކުގައި ވަރަށް ގިނަ މިއުޒީޝަނުން ބޮޑެތި ސްޓޭޖުތަކުގައި ޕާފޯމްކުރާތަން ފެންނަ ކަމަށާއި މިހާރު މިއީ އޭނާ ވެސް އެކަން ކުރަންވީ ވަގުތު ކަމަށް ޕަރިނީތީ ބުންޏެވެ.

"ހަޔާތުގެ މުޅިން އާ ބާބެއް ފަށަން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް ދެކެން. އަދި އެހާމެ ހާސްވެފައި މި ހުރީ ވެސް. މިއުޒިކްގެ ދާއިރާއިން ކުރިއަށް ދާ ވަރަށް ކެތްމަދުވެފައި މި ހުރީ،" އޭނާ ބުންޏެވެ.

ލަވަ ކިޔަން ފެށި ނަމަވެސް، އޭނާ ހުރީ އެކްޓުކުރުން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ޕަރިނީތީގެ ޕޯސްޓުގައި ވަނީ އޭނާގެ ފުރަތަމަ ލަވަ ރިކޯޑްކުރަން ބަޔަކާ އެކު ސޮއިކުރިކަން ވެސް ހާމަކޮށްފަ އެވެ. އަދި މި އަހަރު އެ ލަވަ އަޑުއަހާލަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ޕަރިނީތީ ވަނީ އެކި ފަހަރު މަތިން އޭނާ ލަވަ ކިޔަން ޝައުގުވެރިކަން ހުންނަ ކަމަށް ބުނެފަ އެވެ. އަދި އެކި އިވެންޓުތަކުގައި އޭނާ ލަވަ ކިޔަން ވެސް ކިޔެވެ. އޭނާގެ ކައިވެނީގައި ވެސް ވަނީ ލަވަކިޔައިފަ އެވެ. އަދި ގިނަ ބަޔަކަށް އޭނާގެ އަޑު ވެސް ކަމުދެ އެވެ.