ގްރެމީގެ ތަރިއަކީ އެޑެލް، އެޑެލްގެ ތަރިއަކީ ބިޔޯންސޭ

މިއުޒިކް ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑް ހަފުލާގައި މި ފަހަރު އެންމެ ގަދަ އަށް ވިދާލި އެއް ފަންނާނަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އެޑެލް އެވެ.


އެވޯޑް ހަފުލާގައި ހުށަހެޅުންތަކެއް ވެސް ދައްކައިލި އެޑެލް، 28، އަށް ވަނީ 59 ވަނަ ގްރެމީ އެވޯޑްސްގައި، ފަސް އެވޯޑް ލިބިފަ އެވެ.

އެޑެލްގެ ލަވަ "ހެލޯ" އަށް ލިބުނު ރިކޯޑް އޮފް ދި އިޔާ އާއި ހަމަ އެ ލަވައަށް ލިބުނު އަހަރުގެ ލަވަ އާއި އަލްބަމް "25" އަށް ލިބުނު އަހަރުގެ އެންމެ މޮޅު އަލްބަމްގެ އެވޯޑް ހިމެނެ އެވެ. މީގެ އިތުރުން ބެސްޓް ޕޮޕް ވޯކަލް އަލްބަމްގެ ގްރެމީ ވެސް އެޑެލްގެ އަލްބަމް "25" އަށް ލިބުނު އިރު އެންމެ މޮޅު ޕޮޕް ސޯލޯ ޕަފޯމަންސަކަށް ހޮވުނީ ވެސް އެޑެލްގެ "ހެލޯ" އެވެ.

އަލްބަމް "25" އަށް އެވޯޑް ލިބުމުން އެޑެލް ބުނީ އެއީ އެއްގޮތަކަށް ވެސް އުންމީދު ކުރި އެވޯޑެއް ނޫން ކަމަށެވެ. އަދި އޭނާގެ އަލްބަމަށް ވުރެ އަހަރުގެ މޮޅު އަލްބަމްގެ ގްރެމީ ލިބުން ހައްގީ ބިޔޯންސޭގެ "ލެމަނޭޑް" އަށް ކަމަށް ބުންޏެވެ.

"ލެމަނޭޑަކީ ހަމަ އާދަޔާހިލާފު ރީތި ލަވަތަކެއް ހިމެނޭ އަލްބަމެއް. އަހަރެން ގަބޫލުކުރަނީ އަހަރުގެ އަލްބަމަކީ ބިޔޯންސޭގެ އަލްބަމް ކަމަށް،" އެވޯޑާ ހަވާލުވުމަށް ފަހު ސްޓޭޖުގައި ހުރެ އެޑެލް ބުންޏެވެ. "އަސްލު މިއީ އަހަންނަށް ލިބެން ޖެހޭ އެވޯޑެއް ނޫން. މިއީ ބިޔޯންސޭގެ ހައްގެއް."

އަހަރުގެ އަލްބަމްގެ ގްރެމީ އެވޯޑް ބިންދާލުމަށް ފަހު އަޑެލް ބިޔޯންސޭއަށް ހަދިޔާކުރުން ވެގެން ދިޔައީ މުޅި ހަފުލާގައި ވެސް އެންމެ ފާހަގަވެގެން ދިޔަ ހާދިސާ އެވެ.

އެޑެލް އޭނާ އަށް ލިބުނު ފަސް ގްރެމީއާ އެކު.

ގްރެމީގެ އިތުރު އެވޯޑްތަކަށް ބަލާއިރު، އެންމެ މޮޅު އާބަން ކޮންޓެމްޕޮރަރީ އަލްބަމްގެ ގްރެމީ ލިބުނީ، މިހާރު އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ލަވަ ކިޔުންތެރިޔާ ބިޔޯންސޭގެ "ލެމަނޭޑް" އެވެ. އެންމެ މޮޅު ވީޑިއޯ ލަވައަކަށް ހޮވުނީ ވެސް އޭނާގެ "ފޮމޭޝަން" އެވެ.

އެންމެ މޮޅު ރޮކް ލަވައިގެ ގްރެމީ "ބްލެކްސްޓާ" އިން ޑޭވިޑް ބޯވީ އުފުލައިލި އިރު، އެންމެ މޮޅު ރެޕް އަލްބަމަކަށް ހޮވުނީ ޗާންސް ދަ ރެޕާގެ "ކަލަރިން ބުކް" އެވެ. އެންމެ މޮޅު އާ އާޓިސްޓަކަށް ވެސް ހޮވުނީ ޗާންސް ދަ ރެޕާ އެވެ.

ޖޭމްސް ކޯޑެން ހުށަހަޅައި ދިން ފޯރި ގަދަ އަދި ކުލަ ގަދަ ގްރެމީ އެވޯޑްގައި މި ފަހަރު އެންމެ މޮޅު ރޮކް އަލްބަމަކަށް ހޮވުނީ ކޭޖް ދި އިލެފަންޓްގެ "ޓެލް މީ އައި އެމް ޕްރިޓީ" އެވެ. އެންމެ މޮޅު މެޓަލް ޕަފޯމަންސަކަށް ހޮވުނީ މެގަޑެތުގެ "ޑިސްޓޯޕިއާ" އެވެ.