ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ސޯހާ އަލީ ހާން އާއި އޭނާގެ ފިރިމީހާ ކުނާލް ކެމޫ ރާއްޖޭގައި.
02 ނޮވެމްބަރ 2024 - 07:11
ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާން އާއި އޭނާގެ ފިރިމީހާ ކުނާލް ކެމޫ ވެސް ރާއްޖެއަށް އަތުވެއްޖެ އެވެ.
ސައިފް އާއި އޭނާގެ އަންހެނުން، ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް ހާން އާއިލާއާ އެކު މި ވަގުތު ތިބީ ރާއްޖޭގަ އެވެ.
ކަރީނާ ވަނީ އޭނާ ރާއްޖޭގައި ހުރިކަން އަންގައިދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އެއީ މޫދު ކައިރީގައި ހުރެގެން ނަގާފައިވާ އޭނާގެ ފޮޓޯއެކެވެ. އޭނާ ހުރީ ރަތްކުލައިގެ ހެދުމެއްގައި ރަތް ކުލައިގެ ތޮތްޕަކާއި ކަޅުކުލައިގެ އަވިއައިނެއް އަޅައިގެންނެވެ. ސައިފްއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ކަރީނާ އިއްޔެ ޕޯސްޓުކުރި އެވެ.
ސައިފްއާ އެކު ކަރީނާ ނަގާފައި ހުރި ފޮޓޯތަކަކަކީ އިއްޔެގެ އިރުއޮއްސުނު ވަގުތު އެ މަންޒަރު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކެކެވެ.
ސޯހާ އާއި ކުނާލް އައީ ކަރީނާމެންނާ އެކުގައި ކަމެއް އަދި ޔަގީންނުވެ އެވެ. އެ ދެމަފިރިން ތިބީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓުގަ އެވެ. އެމީހުންގެ ޕޯސްޓުތަކުން ކަރީނާ އާއި ސައިފް ވެސް ނުފެނެ އެވެ. އަދި ކަރީނާގެ ފޮޓޯތައް ޕޯސްޓުކޮށްފައި ވަނީ ކޮން ރިސޯޓެއްކަން ނޭނގޭ ގޮތަށް ކަމަށް ވާތީ، އެ މީހުން ތިބީ އެއްކޮށް ކަމެއް އަދި ޔަގީންނުވެ އެވެ.
ކުނާލް އާއި ސޯހާ ވަނީ 2018 ވަނަ އަހަރު ސައިފް އާއި ކަރީނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެ ފަހަރު އެމީހުން ތިބީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުގަ އެވެ.
ކުނާލް އާއި ސޯހާ ވަނީ މިދިޔަ އަހަރު ވެސް ރާއްޖެ އައިސްފައިވެ އެވެ. އެފަހަރު އައީ ކުނާލްގެ 40 ވަނަ އުފަންދުވަސް ފާހަގަކުރާށެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީއަށް ރާއްޖެ އައިސްފައިވާ ސައިފް އާއި ކަރީނާގެ އާއިލާ މިފަހަރު ރާއްޖެ އައީ އިންޑިއާގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް ލިބުނު ބަންދުގަ އެވެ. އެ ދެމަފިރިންގެ ކުދިން ކަމަށްވާ ތައިމޫރް އާއި ޖޭ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީން
02 November 2024
ކަރީނާ ވީ ސޮނެވާ ޖާނީގަ.. ތިމީހުން ޕަޓީނާގަ.. އެއްރިސޯޓެއް، އެއްއަތޮޅެއްވެސްނޫން..