މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ.

(އާދިއްތަ ދުވަހާ ގުޅޭ)

ގަބުވެފައި ހުރެގެން އަހަރެން ކާރުން ފެއިބީމެވެ. އަހަންނަށް ކުރެވުނީ، ބިރުވެރި ފިލްމުތަކުގައި ނާމާން ގެއަކަށް މީހަކު ވަންނަން ދާ އިރު، ފިލްމު ބަލާ މީހާއަށް ކުރެވޭ ކަހަލަ އިހުސާސެކެވެ. ގެ ނާމާންކަން އެނގެއެވެ. އެ ގެއަށް އޭނަ ވަދެއްޖިއްޔާ، ސަލާމަތުން އެނބުރި ނުކުމެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ވެސް ނެތެވެ. އެހެން ނަމަވެސް، އެ ގެއަށް އޭނަ ޖެހެނީ ވަންނާށެވެ. ފިލްމުގައި އެހެން ރޭވިފައި އޮތީމައެވެ.

އިންސާނާގެ ހަޔާތަކީ ވެސް ފިލްމެއް ފިޔަވައި އެހެން ކޮން އެއްޗެއް ހެއްޔެވެ؟ ހުރިހައި ކަމެއް އޮތީ ލިޔެވި ނިމިފައެވެ. އެ ބަދަލެއް ނުކުރެވޭނެއެވެ. ނުވެސް ފުހެވޭނެއެވެ. އެ މީހެއްގެ ނަސީބާ އެ މީހަކު ޖެހޭނީ ކުރިމަތިލާށެވެ. ޒަލަފްއަކީ އަހަރެން ބޭނުންވެގެން އިން މީހެކެވެ. އަހަރެން ލޯބިވި މީހެކެވެ. އޭނަޔާ ނީނދެވިއްޖެ ނަމަ ހުންނާނީ މީހަކާ ނީނދެޔޭ އަހަރެން ހިތަށް އެރި މީހާއެވެ. އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ގެއަށް ނުވަންނަން އަހަރެންގެ ހިތް އިންޒާރު ދޭން ފެށިއެވެ. އެކައްޗެއް ވެސް އަޑެއް ނާހަމެވެ. ގެއަށް ވަނީމެވެ. އެޕާޓުމަންޓަށް ވަނީމެވެ. ދޮރު ބެހެއްޓީ ހުޅުވައިފައެވެ. އެ ތަނަށް ވެރިވެފައި އޮތީ ބިރުވެރި ހަމަހިމޭންކަމެކެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. އެތެރެއަށް ފައިއެޅުމާ އެކު އަހަރެންގެ ނޭވައަށް އުނދަގޫ ވެއްޖެއެވެ. އެ ގެއަކީ އެ ކަހަލަ ގެއެކެވެ. ވަންނަ އިރަށް ނޭވައަށް އެނގުންވެއެވެ. އުފަލެއް ނެތް ތަނެއްގައި ހަމަޖެހިގެން ނޭވާލެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެން ކޮޓަރިއަށް ވަނީމެވެ. އެނދުގައި އޮތް ޒަލަފް އަހަންނާ ދިމާއަށް އެނބުރުނެވެ. އަހަރެން ފެނުމާ އެކު ޒަލަފް އަވަސްއަވަހަށް ތެދުވަން އުޅުނެވެ. އެހެނަސް، އޭނައަކަށް ނުތެދުވެވުނެވެ.

"މަ ނަގާބަލަ!" ޒަލަފް އަމުރު ކުރިއެވެ. "އަދި ވެސް ބަލަހައްޓައިގެން ހުންނަނީތަ؟"

އަހަރެން ގޮސް ޒަލަފްގެ ކަނާއަތުގައި ހިފީމެވެ. އެއީ އޭނަގެ ބަލި އަތެވެ. ހަމަ ހިފާ އިރަށް ވައަތުން އަހަރެންގެ އަތުގައި ހިފިއެވެ. ޒަލަފް އޮތީ ނުތެދުވެވިފައެއް ނޫނެވެ. އޭނަ ބޭނުންވީ އަތްފޯރާ ފަށަށް އަހަރެން ގެންނާށެވެ. ބިރުން އަހަންނަށް ތެޅިފޮޅިގަނެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ވުރެ ޒަލަފް ގަދައެއް ނުވާނޭ ހިތަށް އެރިއެވެ. ޒަލަފްގެ އަތް ނައްޓުވައިލަން އަހަރެންގެ އަނެއް އަތް ހަރަކާތްކުރި ވަގުތު، އެ އަތް ދުރުކޮށްލަން ޒަލަފް ނިކަން ބާރަށް ވައަތް ހޫރައިލިއެވެ. އެ އަތުން އަހަރެންގެ އަނގަމަތީގައި ޖެހުނެވެ. ތުންފަތަށް ވަރަށް ތަދުވިއެވެ.

"އަތްދޯތް!" އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. "ތަދުވެއްޖޭ!"

"ތަދުކުރާށޭ މި އުޅެނީ،" ޒަލަފް ބުންޏެވެ. "އަހަންނަށް މި ވަރުކޮށްފަ ކަލޭ ނުކުމެގެން ދިޔައީ އަހަންނަށް ތަދުކުރާކަށް ނޫންތަ؟ މަ އެންމެ ރުޅި އައީ ވައްކަން ކުރީމަ. މަ ފޮރުވާފަ އޮންނަ އެއްޗެއްގަ އަތްލަން ކަލޭ ބިރެއް ނުގަނޭތަ؟ އެހުމެއް ކެހުމެއް ނެތި ކާޑުގަނޑު ހިފައިގެން ނައްޓައިލި އިރު ކަލޭ ހީކުރީތަ އަހަންނަށް ފިލައިގެން އުޅެވޭނޭ؟"

"އަޅެ އަހަރެން ޒަލަފަކަށް އެއްވެސް ކަމެއް ނުކުރަމޭ!" ރޮއިގެންފައި އަހަރެން ބުނީމެވެ.

"ކަލޭ ކާން ދިން އެއްޗެހިން އަހަންނަށް މިހެން ވީ،" ޒަލަފް ހަޅޭއްލަވައިގަތެވެ. "ކަލޭ ބުނެގެން އެ ކޯޗު ކަލޭގެ އައުން ހުއްޓައިލީ. މީ ހަމަ ކަލޭ ދުރާލާ ރާވައިގެން ކުރި ކަމެއް. އަހަރެންގެ ލޮލުގަ އަނދުން އަޅުވާފަ، ކަލޭ ތުންފަތުގަ ކުލަޖައްސާފަ ތި ހުންނަނީ އޭނައަށް ދެއްކެން. ތި މޫނު ހުރިހާ ވެސް މައްސަލައަކީ. ދައްކަބަލަ މޫނު."

ޒަލަފް އުޅުނީ އަހަރެންގެ މޫނަށް ކީއްކުރަންކަމެއް ނޭނގެއެވެ. އަހަރެން ނިކަން ބާރަށް ހަޅޭއްލަވައިގަތީމެވެ. ދެން ފެނުނީ ޒަލަފް ދުރަށް ވިއްސައިގެންދިޔަ ތަނެވެ.

"ބައްޕާ!" ހައިފާ ހަޅޭއްލަވައިގަތް އަޑުއިވުނެވެ.

މީހަކު އަހަރެންގެ އަތުގައި ހިފައި ނެގުމާ އެކު ހައިފާ އަހަރެންގެ ގައިގަ ބައްދައިގަތެވެ. އަހަރެން ރޯން ފެށީމެވެ.

"މަންމަ މަރާލަންތަ ތި އުޅެނީ؟" ހައިފާ ބުނި އަޑުއިވުނެވެ.

އަހަރެން ބަލައިލި އިރު ފާއިދު ހުރީ ކަޓަރެއް ހިފައިގެންނެވެ. ފާއިދަކީ ހައިފާގެ ފިރިމީހާއެވެ. އެއީ ސިންގާއެއްހެން ވަރުގަދަކޮށް ހުންނަ މީހެކެވެ."މަންމަގެ މޫނުގަ ކަޓަރުއަޅަންތަ ބައްޕަ އުޅުނީ؟" ދެލޯ ބޮޑުކޮށްލާފައި ހައިފާ އެހިއެވެ.

އެ ހިސާބުން އަހަރެން ބިރުގަތެވެ. ޒަލަފް އެއްޗެއް ނުބުނެއެވެ. ފާޑަކަށް ބަލަހައްޓައިގެން އޮތީއެވެ. ކުރިން އަހަރެން އެ ކަޓަރެއް ނުދެކެމެވެ.

"އަދި މި .. ވެސް މަންމައަށޭ މި ސަޕޯޓުކުރީ." މަޑުމަޑުން ޒަލަފް ބުންޏެވެ.

"ޒަލަފް!" ވައިއަޑުން އަހަންނަށް ބުނެވުނެވެ.

ހައިފާއާ ދިމާއަށް ޅަވިޔަނިން ފެށޭ އެ ލަފުޒު ބުނާކަށް، އަހަރެން ލޯބިވި ޒަލަފަކަށް ނުކެރޭނެއެވެ. ކޮޓަރީގައި އޮތީ އަހަރެން ދަންނަ ޒަލަފެއް ނޫނެވެ. އޭނަ ނެތުމުން އަހަރެން އެ ތާ ހުރުމުގެ ބޭނުމެއް ވެސް ނެތެވެ. އަހަރެން ވަގުތުން ކޭޝްކާޑު ނެގީމެވެ. އެނދުމައްޗަށް އެއްލީމެވެ. ހަމަ އެއްލާ އިރަށް ހައިފާ އެ ކާޑު ނެގިއެވެ. އަނބުރައި އަހަރެންގެ ދަބަސް ތެރެއަށް ލިއެވެ.

"މީ މަންމަގެ އެއްޗެއް،" ފެންކަޅިވެފައި ހައިފާ ބުންޏެވެ. "މަންމައަށް މީގެ ބޭނުން ޖެހޭނީ ވެސް. ކަންކަން އެޕްރިޝިއޭޓް ނުކުރާ މީހުންނަށް އެކައްޗެއް ވެސް ދޭނެ ކަމެއް ނެތް. ހިނގާ ދަމާ!"

އަހަރެން ހިނގައްޖެ ނަމަ ޒަލަފަށް އެހީވާނީ ކާކުހެއްޔެވެ؟ އެ ސުވާލު އަހަރެންގެ ހިތުގައި ވަކިނާޅައެކޭ ނުބުނެވޭނެއެވެ. އެހެން މީހެއްގެ އެހީޔާ ނުލައި ނޫޅެވޭ ވަރުވެފައިވާ ފިރިމީހާ އެއްލައިލާފައި އަހަންނަށް ދެވިދާނެއެވެ. ވަރިވާ ދުވަހުން ފެށިގެން ޒަލަފަކީ އަހަރެންގެ އެއްވެސް މީހެއް ނޫނެވެ. ފެނުނަސް ނުފެންނަ ކަމަށް ހެދިގެން އަހަންނަށް އުޅެވިދާނެއެވެ. އެކަމަކު ޒަލަފަކީ ހައިފާގެ ބައްޕައެވެ. އެޔެއް ބަދަލެއް ނުވާނެއެވެ. ދަރިފުޅާ ބައްޕަ ވަކިވުން އެއީ އުފަލެއް ނޫނެވެ.

"ހިނގާ ދާން މަންމާ!" އަހަރެންގެ އަތުގައި ހިފާފައި ހައިފާ ބުންޏެވެ.

އަހަރެން ނުދާން ހުރުމުން، ހައިރާން ވެފައި ޒަލަފް ބަލައިލިއެވެ. އޭނަ ހިތަށް އަރައިފާނެއެވެ. އަހަރެންގެ ދެފައިގައި ޖެހިފައިވަނީ ލޯބީގެ ހިލިހިލާއެވެ. ނޫނެކެވެ. އަހަރެންގެ ހިތް ރުއީ ބައްޕަގެ ލޯބިން ދަރިފުޅު މަހުރޫމު ވާތީއެވެ. އެ ދަނޑިވަޅަކީ ޒަލަފް ރުއްސަން އަހަންނަށް ލިބޭނެ އެންމެ ފަހު ދަނޑިވަޅެވެ. ކޭޝްކާޑު ދޭން، ދެވަނަ ފަހަރަށް ވެސް އަހަރެން މަސައްކަތްކުރީމެވެ. އެ ފަހަރު ވެސް ހައިފާ ހުރަސް އެޅިއެވެ. އަހަރެން ގޮވައިގެން ކޮޓަރިން ނުކުތެވެ. އޭރު ދޮރުމަތީގައި މައިދައިތަ ބަލަހައްޓައިގެން ހުއްޓެވެ. ހިނގައިދިޔަ ހުރިހައި ކަމެއް މައިދައިތައަށް ވެސް ފެނުނު ކަމަށް އަހަރެން އުންމީދު ކުރީމެވެ. އެކަމަކު ޒަލަފަކީ މައިދައިތަގެ ދަރިފުޅެވެ. ދެރަ ލިބުނީ ވެސް ޒަލަފަށެވެ. މައިދައިތަގެ މޫނުން އަހަންނަށް ފެނުނީ މާޔޫސް ކަމެވެ. ފޮށި ހިފައިގެން އަހަރެން ނުކުތް އިރު މަގުމަތީގައި ނަބާހާ ހުއްޓެވެ.

"ނަސީބެއް އަހަންނަށް ގުޅިކަން،" ނަބާހާޔާ ދިމާއަށް ހައިފާ ބުންޏެވެ. "ހަމަ ޕޮއިންޓަށް އަހަންނަށް ވަދެވުނީ. ތަންކޮޅެއް ވެސް ލަސްވި ނަމަ.."

"އަހަރެން ހާދަ ނަސޭހަތެއް ދިނީމޭ!" ނަބާހާ ބުންޏެވެ. "މަންމަ އަޑެއް ނޭހި."

"އެއީ މަގޭ މަންމަ!" ހައިފާ ބުންޏެވެ. "ގޮވައިގެން މި ދަނީ. ދެން ވެސް ނޭނގެ ނާންނާނެ ކަމެއް."

"ބައްޕަޔާ އެއްކޮށެއް ދެނެއް ނޫޅެވޭނެ،" އަހަރެން ބުނީމެވެ. "މަންމައަށް ވަރިހަމަ މަންމައާ ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް. އެކަމަކު ދަރިފުޅާ ދިމާއަށް... ކުލުނުގެ ޒައްރެއްގެ މިންވަރު ހުރި ބައްޕައަކަށް ވެސް އެހެން ބުނާކަށް ނުކެރޭނެ."

އަހަރެން ގެންދަން ހައިފާ އުޅުނެވެ. އެކަމަކު އަހަރެން އެއްބަހެއް ނުވީމެވެ. ނަބާހާ އައީ، ލިބޭނެ ކަމަށް ކުރިން ބުނި އެޕާޓުމަންޓު ހަމަޖައްސައިފައެވެ. ވީމާ، ކާރަކަށް އަރައިގެން އެ ދިމާއަށް އަހަރުމެން ދަތުރު ފެށީމެވެ. އުފަލަކުން ނޫނެވެ. އުމުރު ދުވަހު އެކުގައި އުޅެން ނިންމި މީހަކާ ވަކިވުމަކީ ކާކަށް ލިބޭނެ އުފަލެއް ހެއްޔެވެ؟ އެއީ ދެރައެކެވެ. އެހެން ވާކަށް ނުޖެހެއެވެ.

"އަހަރެން ބުނީމެއްނު ގެއަށް ނުގޮސް ތިން ދުވަހު މަޑުކޮށްލަން ހިނގާށޭ!" ފަހަތު ސީޓުގައި، އަހަރެން ކައިރީގައި އިން ނަބާހާ ބުންޏެވެ.

"އަހަރެން ހީކުރީ ޒަލަފްގެ އަސްލު ކުލަ ފެންނަން ތިން ދުވަސް ވަރު ނަގާނޭ! އެއް ދުވަސް ވެސް ނުނެގި."

"އެނގޭތަ؟" ފެޅިފައިވާ ތުންފަތުގައި ޓިޝޫއެއް ޖައްސާލައިގެން އިނދެ އަހަރެން ބުނީމެވެ. "ޒަލަފް އުޅުނީ އަހަރެންގެ މޫނުގަ ކަޓަރު އަޅަން. އަހަރެން ހިތަށް ވެސް ނާރާ އެ ކަހަލަ ކަމެއް އޭނަ ކޮށްފާނެއެކޭ."

ނަބާހާގެ މޫނުން ކުޑަ ވެސް ހާސްކަމެއް އަހަންނަކަށް ނުފެނުނެވެ.

"އަހަރެން ހައިރާނެއް ނުވޭ!" ނަބާހާ ބުންޏެވެ.

"އެއީ ހަމަ އެ ކަހަލަ މީހުންގެ ވައްތަރު. ކުރިން ބުނީމެއްނު އޭނަ އަނިޔާއެއް ނުކުރެޔޭ! ދެން ނުބުނާތި! ދަރިފުޅާ ދިމާއަށް މިއަދު ހަޑި އެންމެ އެއްޗެއްނު ބުނީ. މާދަމާ އަނިޔާ ވެސް ކުރާނެ. ލޯބި ނުވާތީއެއް ނޫން. ދީމާ ދެރަކުރަން. ދަރިފުޅަށް އަނިޔާ ވެސް ކުރާނީ ހަމަ އެ ބޭނުމުގަ. ބައެއް ފިރިން ބުނާނެ، ވަރިވެއްޖެއްޔާ ދަރިންނަށް އެކައްޗެއް ވެސް ނުދޭނަމޭ! ހަމަ އެއް ކަމެއް އެ ކުރަނީ. އެ އަށް ކިޔަނީ އިމޯޝަނަލް ބްލެކްމެއިލް! ފިރިން އެކަންޏެއް ނޫނޭ! ބައެއް އަނބިން ވެސް ހަމަ އެހެން ހަދާނީ."

އަހަރެން އެއްޗެއް ނުބުނެ، ތުންފަތުގައި ޓިޝޫ ޖައްސައިލަޖައްސައިލާ އިނީމެވެ. ޓިޝޫ ފޯވިއެވެ.

"ކޯޗެއް ތި ވިސްނަނީ؟" ނަބާހާ އެހިއެވެ.

"އެއްޗެއް ނުވިސްނަން،" އަހަރެން ބުނީމެވެ.

"ހިތަށް އަރަނީ، އެއް ފަޅި ސަކަރާތްވީމަ ކޮންމެ މީހަކު ވެސް ސްޓްރެސް ވާނެޔޭ! ނޫންތަ؟ އަސްލު ޒަލަފަކީ ތި ހީކުރާހާ ގޯސް މީހެއް ނޫނޭ! އޭނައަކީ ނައިސް މީހެއް."

"އެއްކަލަ ދީމާ!" ނަބާހާ ބުންޏެވެ. "މުޅި ތުންފަތް ދުޅަވެފަ ތިހިރީ. ތިހާކަންހާ ވަރަކަށް މީހަކަށް ނައިސް ވެވޭނީ."

"ހިނގާބަލަ އޭނަ ރުޅިމަޑުވިތޯ ބަލައިލަން." އަހަރެން އެދުނީމެވެ.

"ނުދާނަން،" ނަބާހާ ބުންޏެވެ. "ދެން ދީމާއަކަށް ވެސް ނުކެރޭނެ އެ ގެއަށް ދާކަށް. ހަމަ ހުވާ!" "އަހަރެން ނޫޅެމޭ އެ ގޭގަ ހުންނާކަށް،" އަހަރެން ބުނީމެވެ.

"ކާޑު ދީފަ އަންނާނީ. އެކައުންޓަކު ނުހުންނާނެ މާ ބައިވަރު ލާރިއެއް ވެސް. އެކަމަކު ދަމުން ވެސް މި ކަހަލަ ކަމެއް ކޮށްލީމަ އޭނަ ވެސް ކޮންމެވެސް އެއްޗެއް ހިތަށް އަރާނެއްނު! ޕްލީޒް ހިނގާބަލަ! ބުނީމެއްނު އަހަރެން އުފާވާކަމެއް ވިއްޔާ ކޮށްދޭނަމޭ! އަހަރެން ކާރަކުން ނުވެސް ފައިބާނަން. ނަބާ ގޮސް ކާޑު ދީފަ އާދޭ! މިނެޓެއް ވެސް ނުވާނެއްނު!" (ނުނިމޭ)

12 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބޫ

27 November 2024

ޒަަލަފްގެ ޒަމާން ދިޔައީ. އޭނާ މިފަހަރު ނޯށުން ރޯނެ. ނުލަފާ މީހުންނަށް އިންސާފު ޤާއިމު ކުރެވޭނެ އެކަމް އެމީހުންނަށް ވިސްނޭނީ މާ މާ މާ ލަހުން. ދީމާ އަށް އޮތީ ކެއްތެރިކަމުގެ އިނާމު...މައިތައިތަ ވެސް ސައިޒަށް ކެނޑޭނެ..

The name is already taken The name is available. Register?

މީޔޫ

27 November 2024

ވަރަށް ގިނަ މީހުންނަށް ގެޓު ނުވޭ މި ވާގޮތް. ޒަލަފް އަކީ ނާސެސިސްޓެއް. ދީމާއަކީ ވިކްޓިމްއެއް. ވަރަށް އުނދަގޫ ވާނެ ސަލާމަތްވާން! ހާއްސަކޮށް އެހާ ގިނަ އަހަރު އެއްކޮށް އުޅުނީމަ!

The name is already taken The name is available. Register?

ފޫހި

27 November 2024

ބިންމާގެ ވަރަށް ލޯބި ވާހަކައަކަށް އިންތިޒާރު ކުރަން. މިއަދަށްފަހު މިވާހަކަ އަހުރެން ނުކިޔާނެކަން އަންގާ އިޢުލާން ކުރަން. ފޫހިވެއްޖެ މިވާހަކަދެކެ.

The name is already taken The name is available. Register?

ނާ ޝް

27 November 2024

މަށަށްފެންނަނީ މިވާހަކަ ދެން ނިންމާލަން. މާ ދިގުވެއްޖެ މިހާރު.

The name is already taken The name is available. Register?

އަޅު ދީމާ

27 November 2024

އަޅު ކަލޭގެ އޮވޭ ގޮސް އޭނަ ގައިގަ ދޫލާން

The name is already taken The name is available. Register?

ސަސި

27 November 2024

އެއްވެސް މީހާކު ދީމާ ދެކެ ރުޅި އަންނާނެ ކަމެއްނެތް. ތިވެރިންނަށްވެސް މީހަކު ދެކެ ލޯބި ވެވުނީމަ އެނގޭނީ

The name is already taken The name is available. Register?

ސާސީ

27 November 2024

ސަޅި އިންގޭ

The name is already taken The name is available. Register?

އާޝޯހު

27 November 2024

ދީމާއަކީ ވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް. މި ވާހަކަ ކިޔާ ވަރަކަށް ހިތައް ލިބެނީ ތުރާލެއް.

The name is already taken The name is available. Register?

އަރާމަގު ދޮންކަމަނަ

27 November 2024

މި ބައި މާ ކުރު.. އެހެން މީހުން ރޭސްކޮށްލާފަ ތި ނިންމާލީ.. ކޮށާ ކުދި ކޮށްލިއަސް ދީމާއަށް ޒަލަފްވަރުގެ ނައިސް މީހެއް ނުހުންނާނެ.. މީ ދެން ފުކެއް ބޮޑުވަރު

The name is already taken The name is available. Register?

ކައިލީ (ބިންމާ ވަރޝަން)

27 November 2024

ކިހާ ބޮޑު ކަމެއް ދީމާ!! ފޫހިވެއްޖެ މަންޖެ ދެކެ.. އެކަމަކު ވާހަކައިގެ ނަމުގައި ވާ ގޮތުން އެނގޭ ހަމަ ދީމާ ބޭނުންވެގެން އެންމެފަހުން ޒަލަފް ގާތުގަ އެ އަނިޔާގައި ކަން އުޅޭނީ.

The name is already taken The name is available. Register?

ހ‫ައްދު

27 November 2024

ތ‫ޮޔަވަރެ ދެން މީހަކަށް ނުވާނެ ބިނުމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454