ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިޔާޒް އަލީ، އެކްޓަރު ވެދަންގް ރައިނާ، ޝަރްވަރީ އަދި ދިލްޖީތު ދޮސާނީ.
16 ޖޫން 2025 - 10:48
ލޯބީގެ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ އާ ފިލްމުގެ ކާސްޓު އިއްޔެ އިއުލާންކޮށްފި އެވެ.
އިމްތިޔާޒް ލިޔެ ޑައިރެކްޓުކުރާ އެ ފިލްމުގެ ކާސްޓަށް ނަގާފައި ވަނީ ނަސީރުއްދީން ޝާހު އާއި ދިލްޖީތު ދޮސާނީ އާއި ވެދަންގް ރައިނާ އަދި ޝަރްވަރީ އެވެ.
"ޖަބް ވީ މެޓް" އާއި "ތަމާޝާ" ކަހަލަ މަޝްހޫރު ފިލްމުތައް ގެނެސްދީފައިވާ އިމްތިޔާޒުގެ ފިލްމެއްގައި ކުޅަދާނަ އެކްޓަރު ނަސީރުއްދީން އާއި ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރުން ކަމަށްވާ ވެދަންގް އާއި ޝަރްވަރީ މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.
މަޝްހޫރު ލަވަކިޔުންތެރިއެއް ވެސް ކަމަށްވާ ދިލްޖީތަކީ އިމްތިޔާޒްގެ އެންމެފަހުން ގެނެސްދިން ވެބް ސީރީޒް "އަމަރް ސިންގް ޗަމްކީލާ"ގެ ލީޑު އެކްޓަރެވެ. ނެޓްފްލިކްސް އިން ގެނެސްދިން އެ ވެބް ސީރީޒަކީ އިމްތިޔާޒްގެ އެންމެ ކާމިޔާބު ވެބް ސީރީޒެވެ.
އާ ފިލްމުގެ ނަން އަދި މިހާތަނަށް އިއުލާންކޮށްފައި ނުވެ އެވެ. ނަމަވެސް، އެއީ އިމްތިޔާޒް އޭނާގެ ސްޓައިލްގައި ގެނެސްދޭ ލޯބީގެ އަސަރުގަދަ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އިމްތިޔާޒްގެ އާ ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ "އަމަރް ސިންގް ޗަމްކީލާ"ގައި ވެސް އެ މަސައްކަތްކުރި، އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭ އާރު ރަހުމާނެވެ.
ރިޕޯޓްތައް ބުނީ އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށާއި އަދި އަންނަ އަހަރު މެދުތެރޭގައި ފިލްމު ބޮޑު ސްކްރީނަށް ގެންނާނެ ކަމަށެވެ.
އިމްތިޔާޒް އަންނަނީ ނެޓްފްލިކްސްއަށް "އޯ ސާތީ ރޭ" ކިޔާ އިތުރު ވެބް ސީރީޒެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ ޕްރޮޑިއުސްކުރާ އެ ސީރީޒްގެ ކާސްޓުގައި މަޝްހޫރު ތަރިން ކަމަށްވާ އަރްޖުން ރާމްޕާލް އާއި އަދިތީ ރާއޯ ހައިދަރީ އަދި އަވީނާޝް ތިވާރީ ހިމެނެ އެވެ. އެ ސީރީޒް ޑައިރެކްޓުކުރަނީ އޭނާގެ ކޮއްކޮ އާރިފް އަލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy