ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިއާޒު އަލީގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާންކޮށް، އެ ފިލްމު ޓީޒާ އިއްޔެ އާންމުކޮށްފި އެވެ. 

"މޭން ވާޕަސް އައުންގާ"ގެ ނަން ދީފައިވާ އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ޔަޝް ރާޖް ފިލްމްސްގެ "މުންޖްޔާ" އާއި "ވޭދާ" އިން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޝަރުވަރީ އާއި "ދި އާޗީސް" އިން ތައާރަފުވި ވޭދަންގް ރައިނާ އަދި ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ދޮސާންޖެވެ. 

އެ ފިލްމުގެ ޓީޒާއާ އެކު، އާންމުންގެ މެދުގައި އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ޝަރުވަރީ އާއި ވޭދަންގްގެ ގުޅުމުގެ ވާހަކަ އެވެ.

މީގެ ކުރިން ވޭދަންގް އާއި ބޮލީވުޑްގެ ކުރީގެ ތަރި ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެ ގުޅުން މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި "މޭން ވާޕަސް އައުންގާ"ގެ މަސައްކަތުގެ ތެރެއިން ޝަރުވަރީ އާއި ވޭދަންގްގެ މެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ. އަދި އެ ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ އަޑުތައް ވެސް މިހާރު ވަނީ ގަދަވާން ފަށައިފަ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ދެ ތަރިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. 

އިމްތިޔާޒުގެ "މޭން ވާޕަސް އައުންގާ" ސިނަމާތަކަށް ގެންނަނީ އަންނަ ޖޫން މަހު 12 ގަ އެވެ.

އެ ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ލެޖެންޑަރީ މިއުޒީޝަން އޭއާރު ރަހްމާން އެވެ.

މިއީ ލޯތްބާއި އިންތިޒާރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.