"ސައްޔާރާ"ގެ މަންޒަރެއްގައި އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ.
27 ޖުލައި 2025 - 11:49
ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭގެ ފުރަތަމަ ފިލްމު "ސައްޔާރާ"އަށް ބޮކްސް އޮފީހުގައި ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް ދެ ހަފުތާގެ ތެރޭގައި ވަނީ 210 ކްރޯޑް ރުޕީސްއަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
ވައިއާރުއެފުން ގެނެސްދޭ "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މި ފިލްމަކީ މުޅިން އާ އެކްޓަރުންތަކެއް ބޮލީވުޑަށް ތައާރަފުވި ފިލްމަކަށް ވެފައި މިވަރުގެ ބޮޑު އާމްދަނީއެއް ލިބުމުން މިއީ ހީނުކުރާ ވަރުގެ ކާމިޔާބީއެއް ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
މިފަހުން ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުން އަދި ހާއްސަކޮށް ފިލްމީ އާއިލާތަކުން ނުކުތް އާ އެކްޓަރުންގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ލިބިފައި ނުވެ އެވެ.
އަހާން ބޮލީވުޑަށް ތައާރަފުވި "ސައްޔާރާ"ގައި އޭނާއާ އެކު ލީޑު އެކްޓްރެސްގެ ރޯލު ކުޅެނީ އަނީތު ޕައްޑާ އެވެ. ކުރިން ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތުގެ ވެސް މިއީ ފުރަތަމަ ފިލްމެވެ.
އެ ފިލްމަށް ފުރަތަމަ ދުވަހު ވެސް ވަނީ ބޮކްސް އޮފީހުގައި 21 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. އެއާއެކު، އެ ފިލްމު ވީ، މި އަހަރު ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެވަރުގެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓުކޮށްފައިވާ "ސައްޔާރާ"އަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
"ސައްޔާރާ"އަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރު
27 July 2025
ކޮރެއާ ފިލްމެއްގެ ކޮޕީއެއް.