ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް އާއި ދެކުނު އިންޑިއާގެ ތަރި ދަނުޝް.
06 އޯގަސްޓް 2025 - 11:18
ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރުނީ، މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ މުރްނާލްގެ އާ ފިލްމު "ސަން އޮފް ސަރްދާރު 2"ގެ ޕްރިމިއާއަށް މުމްބާއީގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިވެންޓަށް ދަނުޝް ދިއުމުންނެވެ.
ޕްރިމިއާ އިވެންޓުގައި އެ ދެމީހުން އެކުގައި ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ޕްރިމިއާއަށް ދަނުޝް ދިޔައީ މުރްނާލްގެ ހާއްސަ ދައުވަތަކަށެވެ. ނަމަވެސް، އެ ގުޅުން އޮތީ ސިއްރުކޮށްފައި ކަމަށާއި އެ ގުޅުމާ ބެހޭ ގޮތުން އެ ދެ މީހުން ވެސް އަދި މީޑިއާގައި ވާހަކަދައްކަން ބޭނުން ނުވެ އެވެ.
މުރްނާލް ކުޅުނު ދެކުނު އިންޑިއާގެ ފިލްމު "ސީތާ ރަމާމް"އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އޭނާ މިހާރު އަންނަނީ ދެކުނު އިންޑިއާގެ އިތުރު ފިލްމެއް ކުޅެމުންނެވެ. އެއީ މި އަހަރު ފަހުކޮޅު ގެނެސްދޭ "ޑަކޮއިޓް: އަ ލަވް ސްޓޯރީ" އެވެ. އެ ފިލްމުގެ މަސައްކަތަށް އޭނާ ވަރަށް ގިނައިން ހައިދަރުއާބާދަށް މިހާރު ދެ އެވެ. ހައިދަރުއާބާދަކީ ދެކުނު އިންޑިއާގެ ފިލްމު އާންމުކޮށް ޝޫޓްކުރާ ސިޓީ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ދަނުޝް އާއި މުރްނާލް ބައްދަލުވީ ވެސް ފިލްމު ޝޫޓިންއަށް މުރްނާލް ހައިދަރުއާބާދައަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.
މުރްނާލް އަދި ކައިވެންޏެއް ނުކުރާއިރު، ދަނުޝް ވަނީ ކުރިން ކައިވެންޏެއް ކޮށްފަ އެވެ.
ދަނުޝް ކައިވެނިކޮށްގެން އުޅުނީ ދެކުނު އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިޔާއާ އެވެ. އެ މީހުންގެ 18 އަހަރުގެ ކައިވެނި 2022 ވަނަ އަހަރު ރޫޅާލިއިރު، ދެ ކުދިން ވެސް ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
06 August 2025
މިވެސް ހަބަރަކަށް ވާނެ.