ބޮލީވުޑްގެ ސެލެބްރިޓީ ދެ ކަޕުލްއެއް ބްރޭކް-އަޕް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމްފެއާ އިން އިއްޔެ ރިޕޯޓްކުރި ގޮތުގައި، ބޮލީވުޑްގެ ޒުވާން އެކްޓަރުން ކަމަށްވާ ވެދަންގް ރައިނާ، 25، އާއި ހުޝީ ކަޕޫރް، 25، ވަނީ އެމީހުންގެ ގުޅުމަށް މިހާރު ނިމުމެއް ގެނެސްފަ އެވެ. ވެދަންގް އާއި ހުޝީ ރުޅިވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
ވެދަންގް އާއި ހުޝީ ގުޅުން ފެށުނީ އެމީހުން އެކުގައި ކުޅުނު އަދި ބޮލީވުޑަށް ތައާރަފުވި ފިލްމު "ދި އާޗީސް"ގެ މަސައްކަތްތައް ކުރި ދުވަސްވަރު އެވެ.
ހުޝީއަކީ ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރްގެ ކޮއްކޮ އެވެ.
އެކި އިވެންޓުތަކާއި ޕާޓީތަކާއި ފިލްމީ މުނާސަބަތުތަކާއި އާއިލީ ބައްދަލުވުންތަކުން ވެދަންގް އާއި ހުޝީ އެކުގައި ފެނި ގިނަ ބައެއްގެ ފޭވަރިޓް ކަޕުލްއަކަށް ވެސް އެމީހުން ވި އެވެ. ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރަން މިދިޔަ އަހަރު ރާއްޖެއަށް ވެސް އައިސްފައިވެ އެވެ.
ފިލްމްފެއާގައި ބުނީ ވެދަންގް އާއި ހުޝީ ބްރޭކް-އަޕްވީ މި އަހަރު ފެށުނު ތަނާހެން ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެ ދެމީހުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.
ބްރޭކް-އަޕްވި ބޮލީވުޑްގެ ދެވަނަ ސެލެބްރިޓީ ކަޕުލްއަކީ ވީރް ޕަހާރިޔާ، 31، އާއި ތާރާ ސުތާރިއާ، 30، އެވެ.
ފިލްމްފެއާގައި ބުނީ މިދިޔަ އަހަރު ކުރީކޮޅު ޑޭޓްކުރަން ފެށި ވީރް އާއި ތާރާ އެމީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެހާ ލޯބިން އުޅެފައި އެމީހުން ވަކިވުމާ އެކު، ފޭނުންނަށް މި ޚަބަރާ އެކު ވަރަށް ބޮޑު ހައިރާން ކަމެއް ލިބިފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ތާރާ އާއި ވީރްގެ ގުޅުން ނިމުމަކަށް ގެނައި ސަބަބެއް އަދި ސާފު ނުވާ ކަމަށް އެ ނޫހުގައި ބުންޏެވެ.
މިދިޔަ ނޮވެމްބަރު މަހު ތާރާ އޭނާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރީ ރާއްޖޭގަ އެވެ. އަދި އެ ދަތުރަށް ފަހު އަނބުރާ އިންޑިއާއަށް ދިއުމާ އެކު، ވީރް ވަނީ އޭނާއަށް ޕާޓީއެއް ވެސް ބާއްވައިދީފަ އެވެ.