"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ފުރަތަމަ ފެނިލުމުގައި އަރްޔަން ޚާން.
18 އޯގަސްޓް 2025 - 10:43
އަރްޔަން ޚާން ޑައިރެކްޓުކުރާ ފުރަތަމަ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ފުރަތަމަ ފެނިލުން އިއްޔެ ދައްކާލައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ އެ ސީރީޒްގެ އެއް މިނެޓާއި 36 ސިކުންތުގެ ފަސްޓް ލުކް ވީޑިއޯގައި ވަނީ ސީރީޒްގެ ބައެއް މަންޒަރުތައް ހިމަނައިފަ އެވެ. އަދި އެ ވީޑިއޯއަށް އަޑު އަޅާފައި ވަނީ އަރްޔަން އެވެ.
އޭނާ ވަނީ އެ ސީރީޒްގެ ކުޑަ ތައާރަފެއް މި ވީޑިއޯގައި ދީފަ އެވެ. އޭނާ ބުނާ ގޮތުގައި، މިއީ ބޮލީވުޑްގެ ސްޓާރެއްގެ ވާހަކަ ކިޔައިދޭ ސީރީޒެކެވެ. އަދި އޭގައި ވަރަށް ބޮޑެތި ޓުވިސްޓުތަކާއި އެކްޝަން ވެސް ހިމެނޭނެ އެވެ.
އަރްޔަންގެ އަޑާއި އޭނާގެ ބައްޕަ އަދި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ އަޑު ވައްތަރު ކަމުން ވަރަށް ގިނަ މީހުން އަންނަނީ މި ވީޑިއޯ އާންމުކުރި ފަހުން އެ ވާހަކަ ދައްކަމުންނެވެ. އަރްޔަން އަކީ ޝާހުގެ ދޮށީ ދަރިފުޅެވެ.
އަރްޔަން ލިޔެ އަދި ޑައިރެކްޓުކުރާ "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ލީޑު ރޯލުތައް ކުޅުނީ ލަކްޝްޔާ ލަލްވާނީ އާއި ސަހޭރް ބަންބާ އެވެ. ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.
މި ސީރީޒްގެ ނަން މިދިޔަ ފެބްރުއަރީ މަހު އިއުލާންކޮށްދިނީ ޝާހު އެވެ.
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ޕްރީވިއު ނުވަތަ ޓީޒާ އަންނަ ބުދަ ދުވަހު އާންމުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ސީރީޒްގައި ޝާހުގެ އިތުރުން ސަލްމާން ހާން އާއި ރަންބީރް ކަޕޫރް އާއި ރަންވީރް ސިންގު އަދި ކަރަން ޖޯހަރް ވެސް ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
އަރްޔަން ކުރިން ބުނެފައިވާ ގޮތުގައި، ބޮލީވުޑްގައި އޭނާ ކުރިއަށް ދާން ބޭނުންވަނީ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެކްޓްކުރުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
މި ސީރީޒް ސްޓްރީމް ކުރަން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy