ބޮލީވުޑްގެ ތަރި ކްރިތީ ޝެނޮން.
25 އޯގަސްޓް 2025 - 11:44
ފިލްމީ އާއިލާއަކަށް ނިސްބަތްނުވާތީ ބޮލީވުޑްގައި މަސައްކަތް ކުރަން ވަރަށް އުނދަގޫ ކަމަށް ކްރިތީ ޝެނޮން ބުނެފި އެވެ.
ކްރިތީގެ ފިލްމީ ހަޔާތާ ބެހޭ ގޮތުން ނިއުސް 18 އަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގެ ނުފޫޒުގަދަ ފިލްމީ އާއިލާއެއްގެ މީހަކަށް ނުވާތީ، ކެރިއަރުގައި މިހާރު ހުރި ހިސާބަށް ދިއުމަށް އޭނާއަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ނުފޫޒުގަދަ މީހެއްގެ އެހީތެރިކަން ނެތި ބޮލީވުޑްގައި ކުރިއަށް ދެވޭނީ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ބަހައްޓައި ފަރުވާތެރިވެގެން ކަމަށާއި މާ ފަސޭހައިން އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި މާ އަވަހަށް ހިތްވަރު އެލުވާލައިފި ނަމަ، ކާމިޔާބީއަށް ހަމައަށް ދިއުމަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް ހިތްވަރުކުރަން ވާނެ، ހާއްސަކޮށް ފިލްމީ ބެކްގްރައުންޑަކުން އައިސްފައި ހުރި މީހަކަށް ނުވަންޏާ. އެއްވެސް މީހަކު ނާންނާނެ ތަބަކަށް ލައިގެން މަސައްކަތް ދޭކަށް،" ކްރިތީ ބުންޏެވެ.
"ވަރަށް ގިނަ މީހުން ތިބޭނެ ބުނަން މިއީ ކިހާ ބޮޑު ކަމެއް ކަމާއި މިކަން ނުވާނީ ކީއްވެ ކަމާއި ގުޅުންތައް އޮންނަން ޖެހެނީ ކީއްވެ ކަމާއި ތިމާގެ ހުރި މައްސަލަތައް ބުނެ ފާޑުވެސް ކިޔާނެ. ކަލޭ މާ ކުރޭ، މާ ދިގޭ، މާ ހިއްކޭ އެހެން ގޮސް ވަރަށް ގިނަ އެއްޗެހި ކިޔާނެ، މުޅިން ވެސް ގޯސް ކަންކަމުގެ ވާހަކަ ދައްކާނީ؛ ހިތްވަރުދޭނީ މަދު މީހަކު."
ކްރިތީ ބޮލީވުޑަށް ތައާރަފުވީ 2014 ވަނަ އަހަރު ނުކުތް "ހީރޯޕަންތީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ދިލްވާލެ" އާއި "ބަރްލޭ ކީ ބަރްފީ" އާއި "ލުކަ ޗުޕީ" އަދި "ހައުސްފުލް 4" ހިމެނެ އެވެ.
އޭނާގެ 2021 ވަނަ އަހަރު ކުޅުނު ފިލްމު "މިމީ" އިން 2022 ވަނަ އަހަރު ވަނީ އިންޑިއާގެ ގައުމީ ފިލްމު އެވޯޑާއި ފިލްމްފެއާ އެވޯޑުގައި ވެސް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރާ
26 August 2025
މި ކަހަލަ ދެކޮޅު ނުޖެހޭ ވާހަކަ ކްރިތީވެސް ނުދައްކާ