މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

"އިރުއިރުކޮޅާ ކޮން ތާކަށް ތި ދަނީ؟" ނިޒާރު ބުންޏެވެ.

އަންޖަލް ހިތަށް އެރިއެވެ. އާނއެކެވެ. އަހަރެން ދޮގެއް ނަހަދާނަމެވެ. އެކަމަކު އަހަރެން ބުނާ ތެދަކީ އެއްވެސް މީހަކަށް ގަބޫލުކުރެވޭ ވަރުގެ ތެދަކަށް ނުވެދާނެއެވެ. ރަނގަޅު ވާނީ އެ ވާހަކަ ނުދެއްކިއްޔާއެވެ.

"ހިނގާ މާލެދާން،" ވާހަކަ ބަދަލުކޮށްލުމުގެ ބޭނުމުގައި އަންޖަލް ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން މި ރަށުގަ ހުންނާކަށް. ފޫހިވެއްޖެ! ކުރާނެ ކަމެއް ނުހުރޭ!"

"ލާންޗު އަންނަ އިރަށް އަހަރުމެން ފުރާނަން،" ނިޒާރު ބުންޏެވެ. "ރަށަށް ގޮސް ރަށުގަ ހުރި ސާމާނުތައް ނަގައިގެން ދާނީ މާލެއަށް. ކާފަ ހިތަށް އަރަނީ، ރާއިފު ގެއްލިގެން އެންމެން ހާސްވެގެން އުޅޭ އިރު ވެސް ދަރިފުޅު އެ ކަމާ ހާސްވެގެން އުޅޭ ތަނެއް ނުފެނެއޭ! އެއީ ކީއްވެހޭ؟ ކުރިން ކުރި ސުވާލުގެ ޖަވާބު ވެސް ބޭނުން."

ދެން ވެސް އަންޖަލް އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ.

"ކާފަ ތިހާ ބޭނުމިއްޔާ ހިނގާ އެ ވާހަކަ ދައްކަމާ! އަހަރެން ސުވާލެއް އަހަންތަ؟" އަންޖަލް ބުންޏެވެ.

"އަހަންނަކީ ޖިންސާނެއްތަ؟"

"އެއީ ކޯޗެއް؟" ނިޒާރު އެހިއެވެ.

"ޖިންނިކުދިން،" ކުޑަ އުނދަގުލަކާ އެކު އަންޖަލް ބުންޏެވެ. "އަހަރެން ވިހޭ އިރު މަންމަ ޖިންނިކުއްޖެއް ވިހެއިތަ؟"

އެއީ އަންޖަލް ގާތުގައި ނިޒާރު ދައްކަން އެހައި ބޭނުން ވާހަކައެއް ނޫނެވެ.

"ދަރިފުޅު ދައްކާ މޮޔަ ވާހަކަ،" ނިޒާރު ހިތްހަމަނުޖެހިފައި ބުންޏެވެ. "މާމަތަ ތިހެން ބުނީ؟"

"އުހުނ! ޖަދުވާން،" އަންޖަލް ކިޔައިދޭން ފެށިއެވެ. "ކާފަ ތި އަހަނީނު އަހަރެން ކޮން ތާކަށްހޭ އިރުއިރުކޮޅާ ތި ދަނީ؟ މަންމަ އަހަރެން ވިހޭ އިރު އެހެން ކުއްޖަކު ވެސް ވިހެއިކަން އަހަންނަށް އެނގޭ! އޭނައަށް ކިޔަނީ އަތީލާ! އަހަންނާ އޭނަޔާ ދިމާވެއްޖެ! އޭނަޔާ އެއްކޮށް، އޭނަ އުޅޭ ތަނަށް އަހަރެން މި ދަނީ. އެއީ ހުވަފެނެއް ކަހަލަ ތަނެއް."

"ޖަދުވާންއޭ؟" ނިޒާރު ބުންޏެވެ.

"ޖަދުވާންއަކީ އަތީލާގެ ބައްޕަ. އޭނައަކީ ސިލަތެއް،" އަންޖަލް ބުންޏެވެ. "ދަރިއެއް ދެކެ ލޯބިވާ ވަރަށް އަހަރެން ދެކެ ޖަދުވާން ލޯބިވޭ! އަހަންނާ އަތީލާއަކީ އެއްމާބަނޑު ދެކުދިން ވީމަ."

ނިޒާރު ބަލަހައްޓައިގެން ހުރި ގޮތުން އަންޖަލް ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރާ ހެނެއް ހިޔެއް ނުވެއެވެ. ނިޒާރަށް ހީވަނީ އަންޖަލް އެހެން ބަހަކުން ވާހަކަ ދައްކާ ހެންނެވެ.

"ޖަދުވާންއާ، އަތީލާއާ، ސިލަތާ،" ނިޒާރަށް ބުނެވުނެވެ. "ދަރިފުޅު ކީކޭ ތި ކިޔަނީ؟"

ނިޒާރު އަޑުއަހަން ބޭނުމިއްޔާ އަންޖަލް ހުރީ ކިޔައިދޭން ތައްޔާރަށެވެ.

"އަދި އުޅޭނެ ބަތޫރު ވެސް. ބަތޫރުއަކީ އަތީލާގެ ބޮޑުބޭބެ،" އަންޖަލް ބުންޏެވެ. "އޭނަ އުޅެނީ އެ ތަނުގެ ވެރިކަން ނުލިބިގެން. ވެރިކަން ލިބޭނީ ވަކި އެއްޗެއް އޭނައަށް ލިބުނީމަ. އެ ލިބޭނީ އަހަރެން ބަރުގާންއާ އިނީމަ. ދެން އޭތި ގެންގޮސް ބަތޫރަށް ދިނީމަ ރާއިފު ފެންނާނީ. އެކަކު ކައިރީގަ ވެސް އެ ވާހަކަ ނުބުނާށޭ ބަތޫރު ބުނެފަ އޮއްވާ މި ކިޔާދެވުނީ."

އަންޖަލް ދެއްކި ވާހަކައިގެ ކުޑަ މިންވަރެއް ދިމާވާކަން ނިޒާރަށް ފާހަގަކުރެވުނެވެ. އަންޖަލްގެ މަންމަ ސަމްރަތުއާ ބެހޭ ގޮތުން ނޫމާނު އެ ކަހަލަ ވާހަކަތަކެއް އޭރު ދެއްކިއެވެ. އެހެނަސް އަންޖަލް ކިއި ނަންތަކާއި، ދެން ދެއްކި ވާހަކަތައް ނިޒާރަކަށް ހަމައެއް ނުޖެހެއެވެ. ގަބޫލެއް ނުކުރެވެއެވެ.

"ހޫނ!" ނިޒާރު ބުންޏެވެ. "ހިނގާ ފާލަން ދޮށަށް ދަމާ! މިހާރު ލާންޗު އަތުވެދާނެ. ފުލުހުންނާ ނޫސްވެރިން ވެސް މި ރަށުގަ އެބަ އުޅޭ! ފަހަރެއްގަ ސުވާލު ކޮށްފާނެ. ދެންމެ ތި ދެއްކި ބޭކާރު ވާހަކަތައް ނުދައްކާތި! ބޮޑު މަލާމާތަކަށް ވާނީ."

"އެއީ ބޭކާރު ވާހަކައެއް ނޫނޭ ކާފާ!" އަންޖަލް ބުންޏެވެ. "ކާފައަށް އެނގޭނެ އަހަރެން ދޮގެއް ނަހަދާނެކަން. ޕޮލިހުން ގާތުގަ ބުނޭ ރާއިފު ހޯދާނެ ކަމެއް ނެތޭ ނުފެންނާނޭ، ޖިންނިއެކޭ އޭނަ ފޮރުވައިގެން އުޅެނީ. ރާއިފު ސަލާމަތް ކުރެވޭނީ އަހަންނަށް އެކަނި. ހަމަ ތެދެކޭ މި ބުނީ. އަހަރެން ދައްކާ ވާހަކަ ކާފަ ގަބޫލު ނުކުރަންޏާ އަތީލާ ގެންނަންތަ؟"

އެ ވާހަކަތައް އަމުދުން ވެސް ނިޒާރުއަކަށް ގަބޫލެއް ނުކުރެވެއެވެ.

"އަހަރެން އެބަ ހުރީމޭ!" އަތީލާގެ އަޑުއިވުނެވެ.

"އޭނަ އެބަ ހުރީމޯ މި ތާ!" އަންޖަލް ބުންޏެވެ.

ނިޒާރު ވަށައިގެން ނަޒަރު ހިންގައިލިއެވެ. އަންޖަލް ނޫން މީހަކު ނިޒާރަކަށް ނުފެނެއެވެ. މީހަކު ވާހަކަ ދައްކާ އަޑެއް ވެސް ނިޒާރަކަށް ނީވެއެވެ. ނިޒާރު އައިސް އަންޖަލްގެ ބުރަކަށީގައި ލޯބިން ފިރުމައިލިއެވެ. އޭރު ނިޒާރު ހުރީ ފެންކަޅިވެފައެވެ. އަންޖަލްގެ މަންމަ ފަދައިން އަންޖަލް މޮޔަވާ ތަން ދެކޭކަށް ނިޒާރަކަށް ފަސޭހައެއް ނޫނެވެ.

"ކާފަ ގަބޫލުކޮށްފީމޭ ދަރިފުޅާ!" އެހެން ބުނެފައި ނިޒާރު ނުކުންނަން ހިނގައިގަތެވެ.

"އަހަރެން ފެންނަންތަ؟" އަތީލާ ބުނި އަޑުއިވުނެވެ.

"ކާފާ!" އަންޖަލް ގޮވައިލިއެވެ. "އަތީލާ ބަލަން ބޭނުންތަ؟ ބޭނުންތަ ވާހަކަ ދައްކަން؟"

ބޮލުން ނޫނެކޭ ބުނަމުން ނިޒާރު ނުކުތެވެ.

"ކާފަ ގަބޫލެއް ނުކުރޭ!" އަތީލާ ބުނި އަޑު އިވުނެވެ.

"ބޭކާރު ވާހަކަތަކެއް ދޯ އަހަންނަށް މި ދެއްކުނީ؟" އަންޖަލް ދެރަވެފައި ބުންޏެވެ.

"ނޫނޭ! ދައްތަ ދެއްކި ވާހަކަތައް އަހަރެން ގަބޫލުކުރަން. މިހާރު އެނގިއްޖެ ދައްތަ ބަރުގާންއާ އިންނަން ތި އުޅެނީ ކީއްވެކަން ވެސް،" އެހެން ބުނެފައި، ކަޅު ކޮކާލެއްގެ ސިފައިގައި އަތީލާ ހާމަވިއެވެ. "ބޮޑުބޭބެ އަށް އިތުބާރު ނުކުރާތި! އޭނަ ވަރަށް މަކަރު ހަދާނެ، ދޮގު ހަދާނެ. ބަރުގާންއާ އިނދެފިއްޔާ ދައްތަ އެ ތާ ތާށިވާނެ ވާހަކަ ވެސް ބޮޑުބޭބެއެއް ނުބުނެއެއްނު. ދައްތައަކަށް ދެނެއް މި ކޮޅަކަށް ނާދެވޭނެ. ބޮޑުބޭބެއަށް ވެރިކަން ލިބިއްޖެއްޔާ އިންސާފެއް، އަމާންކަމެއް ނޯންނާނެ. އަހަރުމެންގެ ރީތި ރަށް އެފުށްމިފުށަށް ޖަހާލާނެ."

"ދެން ކިހިނެއް އަހަރެން ހަދަންވީ؟" ހިތްހަމަނުޖެހިފައި އަންޖަލް ބުންޏެވެ. "އަތީލާގެ ރަށް ސަލާމަތް ކުރަން އަހަރެންގެ ހިތް މަރާލަންވީ؟ ރާއިފު ދެކެ އަހަރެން ވަރަށް ލޯބިވޭ! އަތީލާއަށް ރާއިފު ހޯދޭނެތަ؟"

"އަހަރުމެންގެ ބާރުތައް ހުންނަ ގޮތް ދައްތައަކަށް ނުވިސްނޭތަ؟" އަތީލާ ބުންޏެވެ. "ދައްތަމެންގެ ބާރުތައް ހުންނަނީ ކިހިނެއް؟ ހުރިހާ މީހުންނަށް ހުރިހާ ކަމެއް ކުރެވޭތަ؟ ނުކުރެވޭނެ. ހުރެދާނެ ވަރަށް ނޭވާދިގު މީހެއް. ވަރަށް ވަރުގަދަ މީހެއް. ނުފެންނަ ގޮތަށް ބޮޑުބޭބެ ފޮރުވާ އެއްޗެއް އެކަކަށް ވެސް ނުފެންނާނެ. އެއީ އޭނަ އެންމެ މޮޅަށް ކުރާ އެއް ކަންތައް."

"ތިހެންވިއްޔާ އަހަރެން ވިސްނާނީ އަހަންނަށް މޮޅު ގޮތް،" އަންޖަލް ބުންޏެވެ. "ރާއިފު ސަލާމަތްވަނިކޮށް އަހަންނަށް ނިމުނީ. އަތީލާގެ ރަށް އަތީލާ ސަލާމަތްކުރޭ!"

ލޯތްބަކީ މީހާ ކަނުކޮށްލާ އެއްޗެކޭ އިންސާނުން ބުނާ އަޑު އަތީލާއަށް އިވެއެވެ. ސާބިތުވީ އެ ފަހަރުއެވެ.

"އެއީ އަހަރެންގެ ރަށެއް ނޫނޭ ދައްތާ!" އަތީލާ ބުންޏެވެ. "އަހަރުމެންގެ ރަށް!"

މުހުސިނާ އެ ތަނަށް ވަނެވެ. އަންޖަލް ހަމަނުޖެހޭ ވާހަކަ ދައްކާ ވާހަކަ ނިޒާރު ބުނުމުން، އަންޖަލްއާ ވާހަކަ ދައްކާލަން މާމަ ބޭނުންވީއެވެ. މުހުސިނާއަށް ފެނުނީ އަންޖަލް އެކަނި ހުރެގެން ވާހަކަ ދައްކާ ތަނެވެ.

"ކާކާ ތި ވާހަކަ ދައްކަނީ ދަރިފުޅާ؟" މުހުސިނާ ބުންޏެވެ. "މި ތާ ނެތޭ މީހަކު."

"ދެން ގޮސް ބައްޕަ ކައިރީގަ އެ ވާހަކަ ބުނޭ!" ހިތުން ބުނުމުގެ ބަދަލުގައި އަންޖަލްއަށް ބާރަށް ބުނެވުނެވެ.

ހަގީގަތުގައި އަންޖަލް ވާހަކަ ދެއްކީ އަތީލާއާއެވެ.

"މާމަ ނޫޅެން ބައްޕަ ކައިރީގަ އެއްވެސް ވާހަކައެއް ބުނާކަށް،" މުހުސިނާ ބުންޏެވެ. "އެއީ ނަމެއްގަ ހުރި މީހެއް. ހިނގާ ދަމާ!"

އަންޖަލް ނުކުތުމުން އަތީލާ އުދުހިގަތެވެ. ބޭރުގައި އެހެން އެންމެން އިންތިޒާރުގައި ތިއްބެވެ. ކުރިން ފަޅަށް އޮތް ފަޅުރަށުގައި މީހުން ހޭލަމޭލަވަމުން ދިޔައެވެ. ވަރަށް މަތިން، ހުރިހައި މަންޒަރެއް ބަތޫރުއަށް ފެނެއެވެ. ކުރިން ވެސް އޮތް ގަހުގައި ރާއިފު ފުން ނިންޖެއްގައި ނިދާފައި އޮތެވެ. އަތީލާ ދިޔައީ އަތީލާގެ ރަށަށެވެ. ބައްޕަ ގާތުގައި ބުނެގެން ކައިވެނި ހުއްޓުވަން އަތީލާއަށް މަސައްކަތް ކުރެވިދާނެއެވެ. ރަށް ސަލާމަތް ކުރެވިދާނެއެވެ. އެހެނަސް އޭރުން ދައްތަ ގެއްލޭނެއެވެ. އަތީލާއަށް ވިސްނުނީ އެންމެ ގޮތެކެވެ.

އަތީލާގެ ރަށުގައި އޮންނަ ގުޅަކުޅޭ މައިދާނުގައި ވަރުގަދަ މުބާރާތެއް ހިނގަމުން ދިޔައެވެ. ކުޅި ބަލަން ކިޔާނުތައް ވަށައިގެން އެތުރިގެން ތިއްބެވެ. ކުރިޔަށް ދިޔަ ތެލަބަގުޑީގެ އެއްކޮޅުގައި ހުރީ ބަރުގާންއެވެ. އަނެއްކޮޅުގައި މާރިދެކެވެ. ބައިބަލާއަކީ ހަތިޔާރާ ނުލައި ކުޅޭ ކުޅިވަރެކެވެ. މުހިންމީ ހުނަރާއި އުކުޅެވެ. އިސްކޮޅުން ބިޔަވުމަކުން ލިބޭނެ ފައިދާއެއް، ކުޑަވުމަކުން ލިބޭނެ ގެއްލުމެއް ވެސް ނެތެވެ. ރަނގަބީލުޖެހުމާ އެކު ބަރުގާން ގޮސް މާރިދުގެ ފައިގައި ބެއްދިއެވެ. ކަމެއްވި ހެން ވެސް މާރިދަކަށް ހިޔެއް ނުވެއެވެ. ފައި ހިއްލާލައިފައި ބިންމަތީގައި ޖެހިލެއް ބާރުކަމުން ބަރުގާން ވިއްސައިގެން ދިޔައެވެ. ވައި ތެރޭގައި އޮއްވައި ބަރުގާން އުދުހިގަތެވެ. އެހެން ނޫން ނަމަ، ވެއްޓުނު ވަގުތު ބިންމަތީގައި ބަރުގާންގެ ބުރަކަށި ޖެހޭނެއެވެ. އެ ހިސާބުން މާރިދު މޮޅުވީއެވެ. ބަރުގާން ބިންމައްޗަށް ތިރިކޮށްލިއެވެ. ދެވަނަ ފަހަރަށް މާރިދުގެ ފައިގައި ބެއްދިއެވެ. އެއީ ބަރުގާންގެ ފުރުސަތެވެ. ކުއްލިއަކަށް ފައިގައި ހިފައި ދަމައިގަތުމާ އެކު، ރުކެއް ކަނޑައި ވައްޓައިލިހެން މާރިދު ވެއްޓުނެވެ. ކުޅިވަރު ނިމުނީއެވެ. މޮޅުވީ ބަރުގާންއެވެ. ބެލުންތެރީންނަށް ޝުކުރުވެރި ވުމަށް ފަހު ބަރުގާން އެއްފަރާތަކަށް ޖެހިލިއެވެ. ދެން ތިބި ދެ ކުޅުންތެރީން މައިދާނަށް ނުކުތެވެ. ލިބުނު ދަނޑިވަޅުގައި ބަރުގާން ގާތަށް އަތީލާ ދިޔައެވެ.

"މަރުހަބާ!" ރަށުގެ އާންމު ބަހުރުވައިން އަތީލާ ބުންޏެވެ. "މިހާރު ދެން ހާދަ ވަރުގަދަވެއްޖޭ ދޯ؟" "ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއް ކަމެއް ނޭނގޭތަ؟" ފިޔަގަނޑު ފޮޅައިލަމުން ބަރުގާން ބުންޏެވެ. "ކޮބައިތަ އަތީލާގެ ދައްތަ؟ ގެނެސްބަލަ! ކައިވެނީގެ ކުރިން ތަނަށް ފަރިތަ ވާން ޖެހޭނެއްނު!"

އަތީލާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެނުނެވެ.

"ކިހިނެއްވީ؟" ބަރުގާން އެހިއެވެ. "ތި ވާހަކަދައްކާށޭ މި އައީ،" އަތީލާ ބުންޏެވެ. "އިނަސް ދައްތަ މި ތާކު ނުހުންނާނެ. އަހަންނަކަށް ނޭނގެ ބަރުގާންއަށް އެނގޭ ކަމެއް. ދައްތަ ލޯބިވާ މީހަކު އެބަ ހުރި. އޭނައަށް ކިޔަނީ ރާއިފު."

ބަރުގާން ހުރީ އެ ވާހަކަ އަޑުއަހަން ތައްޔާރުވެގެނެއް ނޫނެވެ.

"އެއީ ހަމަ ތެދެއް ދޯ؟" މަޑުމޮޅި ރާގެއްގައި ބަރުގާން ބުންޏެވެ. "ކީއްކުރާނީ؟ ނަސީބުގަ ނެތް ކަމެއް ނުވާނެތާ!"

"ބަދަލުކުރަން މަސައްކަތް ކުރީމަ ނަސީބު ވެސް ބަދަލު ކުރެވޭނެ،" މަކަރުވެރި ރާގެއްގައި އަތީލާ ބުންޏެވެ. "މި ރަށް ސަލާމަތްކުރަން، ބަރުގާންގެ ލޯބި ހޯދަން، ދައްތައަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭން، އަހަރެން ބުނާ ކަމެއް ކުރަން ކެރޭނެ؟" (ނުނިމޭ)

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 17%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުޑުލަކުމުނިޔާ

01 October 2025

"އެއީ ޑެބީއެއްނޫނޭ ކިއްލި ވިއްކައިގެން އެޕާޓުމަންޓުގަންނީކީ! ދެންތިވާހަކަ ޑެބީއަށް އިވިއްޖެނަމަ އޭނާކިހާރުޅިއެއްއަންނާނެތަ!" އެވަގުތު ޑެބީއައިނައިދިމާއެއްނޭގި ބަތޫރުއާއިއެއްކޮށް ފާޅުވެއްޖެއެވެ. " މީހުންގެމަސްކެއުންނޫންކަމެއްނުކުރޭދޯ މިމީހުންވެސް! ލިބޭތާ ލިބިގަތުމަކީ ބުއްދިވެރިންގެ އުސޫލު!ކާށި ކެވޭނީ ދަތްކޮޅުނުފައިބަނީސް!" ޑެބީ ބުންޏެވެ. "މޫނުމައްޗަށް ރުލެއްނާރުވާ ދޮގުހަދަން ތިހިރަ އަތީލާ ދަންނާނެ!"

The name is already taken The name is available. Register?

ޑެބީ

01 October 2025

"ގުޑުލަކުމުނިޔާ އަބަދު ކަންނެޔޮއަކަަަަަަށް ވެގެން އަންހެނުންގެ ބިއްދޮށަށްވަދެ އޮންނާތީ އެޕާޓްމަންޓެއް ނުގަނެވިގެން ތިއުޅެނީ. އަންޖަލްއާ ޖިންނިއެއް އަވަލާފަ ގުޑުލަކޭއާ އަންހެނެއް އަވަލާފަ. ނިކަން ފިރިހެނުން އުޅޭހެން ބުރަކޮށް މަސައްކަތްކޮށްބަލަ ލަގްޒަރީ އެޕާޓްމަންޓްވެސް ގަނެވޭނެ އޭރުން." ޑެބީ ރައްދުދިނެވެ.

The name is already taken The name is available. Register?

ގުޑުލަކުމުނިޔާ

01 October 2025

"އެއީކޮންކަމެއްތަ؟" ބަރުގާނު ބުންޏެވެ. "އެއީ މިއަންނަ ކައުންސިލް އިންތިހާބުގަ މާލޭ ސިޓީގެ މޭޔަރަކަށް ކުރިމަތިލާންވީ! ހޮވޭނެކަން އެއީ މުޖައްރިބުކަމެއް!" އަތީލާ އެހެން ބުނުމާއެކު ބަރުގާނުހީގަތެވެ. "ތީ އަހަރެން އެހާ ޝައުގުވެރިވާކަމެއްނޫން! ތިއަށްވުރެ މާރީތިވާނެ މީރުބިލެތްގަނޑުހަދާ ވިއްކިޔަސް، މާގިނައިންލާރިލިބޭނެ! އެއުޅޭ ޑެބީވެސް ފުލެޓާއި އެޕާޓުމަންޓުއެގަނެލަނީ ކިއްލި ވިއްކައިގެން ލިބޭ ލާރިން!" އަތީލާއަށް ހުނުން ކޮންޓުރޯލެއްނުކުރެވުނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454